ޖަމާލުއްދީން ސްކޫލް ގްރޭޑް ހައެއްގެ ދަރިވަރު ސާރާ ނިޒާރުގެ ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމުން ގިނަ ބަޔަކަށް އެވީޑިއޯއިން އަޅައިގަތީ ސާރާގެ ހިތުގެ އިހުލާސްތެރިކަމާއި އެކު ދީފައިވާ މެސެޖުގެ ފުރިހަމަކަމެވެ. އެމްއެންޔޫގެ ލެކްޗަރާ އަންވަރު އިބްރާހިމް ލިޔުއްވި މިމެސެޖް ހުށައަޅައިދިނުމުގައި ސާރާގެ ކުޅަދާނަކަން ފެނި މިވީޑިއޯ ވައިލްވާން މާގިނަ އިރެއް ނުނެގިއެވެ.
ކަމާބެހޭ އިދާރާތަކުގެ އިރުޝާދަށް ބޯނުލަބާ ބޭރުގައި އުޅޭ މީހުންނަށް އިޝަރާތްކޮށް ސާރާ ވީޑިއޯގައި ބުނެފައިވަނީ “ކީއްވެތޯ އެ ދެއްވާ ނަސޭހަތުގެ އަޑު ނޭއްސެވެންވީ. އަޅުގަނޑު ވެސް ގަބޫލުކުރަން އަޅުގަނޑުމެންނަށް ބޭނުންވާ ތަކެތި ހޯއްދަވައި ދެއްވަނީ ތިޔަބޭފުޅުން. އެކަމަކު މި ހިތްދަތި ހާލުގައި, މި ވޭނީ ފުރަބަންދުގައި އަޅުގަނޑުމެންނަށް ނަމޫނާ ދައްކަވަން ތިއްބެވީ ވެސް ހަމަ ތިޔަބޭފުޅުން,“ ކަމަށެވެ.
އަސަރާއި އެކު ސާރާގެ ސުވާލުން ކޮންމެ މީހަކަށްވެސް އަސަރު ކުރާނެކަން ޔަގީނެވެ. “އުފަލާއި މަޖާކުރުންތަކުން މަހްރޫމްވެ އަޅުގަނޑުމެން ކިޔަވާ ކުދިން މި ތިބީ ބަސް އަހައިގެން ގޭގައި” ކަމަށެވެ.
ސާރާ ވަރަށް ދެރަވާކަމަށާއި ކަންބޮޑުވާ ކަމަށާއި މާދަމާ ވާނެ ގޮތަކާ މެދު ފިކުރުކުރުމަށް ސާރާގެ މި ނަސޭހަތުގެ ވީޑިއޯގައި ބުނެފައިވެއެވެ، “އެހެން ނަހަދާށޭ ގޮވަގޮވަ ތިއްބައެއް ނޫންތޯ މި ހުރިހާ ކަމެއް މިކުރީ, ކާކުތޯ ބޭނުންވަނީ މަރުވާން. ކާކުތޯ ބޭނުންވާނީ މި ކުޑަ އާބާދީގެ ލައްކައަކަށް ވުރެން ގިނަ މީހުންނަށް މި ބަލި ޖެހެން،” ސާރާ ސުވާލު އުފައްދާފައިވެއެވެ.
އެންމެ 3 މިނިޓްގެ މިވީޑިއޯ ގިނަ ބަޔަކަށް ކަމުދިޔަ ސަބަބުތައް ބައިވަރެވެ. ސިއްހީ ހޭލުންތެރިންގެ ނަސޭހަތަށް ބީރު ކަންފަތްދީ ރާއްޖެގެ ކަންކޮޅުތަކުގައި ޢަމަލުތައް ބައްޓަން ކުރަމުންދަނިކޮށް ކޮރޯނާގެ ބަލިމަޑުކަން އިތުރުވަމުން މިދާ ދަނޑިވަޅުގައި ހަމަ އެއިހުސާސްތައް ތުއްތު ކުއްޖެއްގެ އަޑުން އިވިގެންދިޔުމެވެ. އެނަސޭހަތް އަމިއްލަ ދަރިއެއްގެ އަޑުން އަޑު އިވިގެންދިޔަ ކަމުގެ އިހުސާސްކުރެވުމެވެ. އެހެންކަމުން ގިނަ ބަޔަކަށް މިނަސޭހަތް އާންމު ނަސޭހަތަށްވިނަމަވެސް ކަމުދިޔައީއެވެ. ހިތައް އެނަސޭހަތުން އަސަރު ކުރީއެވެ.
މިއަސަރުގަދަ ނަސޭހަތުގެ ވީޑިއޯ ނިންމާލާފައިވަނީ އަސަރުގަދަ ޅެމަކުންނެވެ.
ޖައްސައިފިއެ މަރުހާލު ދުނިޔެ ކޮށްފިއެ ރޯނާ،
ރޮއްވައިފިއެ މުޅި ދުނިޔެ ހަނާކޮށް މިކޮރޯނާ.