މޯލްޑިވްސް މީޑިއާ ކައުންސިލް (މީޑިއާ ކައުންސިލް) އިން ނޫސްވެރިން އެކްރެޑިޓް ކުރުމުގެ މަސައްކަތް ފަށާން ތައްޔާރުވަމުން އަންނަކަމަށް އެކައުންސިލުން ބުނެފިއެވެ.
ނޫސްވެރިން އެކްރެޑިޓް ކުރުމުގެ އުސޫލެއް ގައިމުކުރުމަށް ގޮވާލަމުންދާ މިދަނޑިވަޅުގައި މީޑިއާ ކައުންސިލުން މިހެން ވިދާޅުވެފައިވަނީ ކައުންސިލް އިން ރޭ ކުރި ޓްވީޓެއްގައެވެ. އަދި ނޫސްވެރިންގެ ބައްދަލުވުމުގައި ރަސް އޮންލައިންގެ ފަރާތުން ސުވާލުކުރި މީހާގެ ފަރާތުން ފެނިގެންދިޔަ އަމަލަކީ ޒިންމާދާރު އަމަލެއް ކަމުގައި އެ ކައުންސިލުން ނުދެކޭ ކަމަށްވެސް ބުނެފައިވެއެވެ.
“ޒިންމާދާރު ނޫސްވެރިންގެ ހައްގުގައި، ކުރިއަށް އޮތްތަނުގައި މި ކައުންސިލްގެ ރޫހު ހުރީ އެކްރެޑިޓް ކުރާނެ އުސޫލެއް އެކުލަވާލައި އެފަދަ އުސޫލަކަށް ވީހާ ވެސް އަވަހަކަށް އަމަލުކުރަން ފެށުން” ކަމަށް މީޑިއާ ކައުންސިލުން ކުރި ޓްވީޓްގައި ބުނެ އެވެ.