ބިދޭސީންނަށް ކޮރޯނާ ޖެހުމަކީ ދިވެހިންނަށް އޭގެ ނުރައްކާ ބޮޑުވާނެ ކަމެއްތަ؟

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގެ ޕްރެސް ބްރީފިންގައި ބައެއް ނޫސްވެރިންގެ ބަސްމަގު ހުންނަގޮތުން ބިދޭސީންނަށް ކޮރޯނާ ޖެހުމަކީ ދިވެހިންނަށް އޭގެ ނުރައްކާ ބޮޑުވާނެ ކަމެއްގެ ގޮތުގައި ދޭހަވާ މޭރުމުން ވާހަކަ ދައްކައެވެ. ހާއްސަކޮށް ބަންގްލަދޭޝްގެ ރައްޔިތުންނާއި މެދު އާންމު ދިވެހިންގެ މެދުގައި ނަސްލީ ތަފާތު ކުރުން ގެންގުޅޭއިރު ބަންގްލަދޭޝް މީހުން ގެތަކަށް ވައްދަން ދެކޮޅުހަދާ މީހުންވެސް މަދެއް ނޫނެވެ.

ބިދޭސީންނަށް ކޮރޯނާ ޖެހުމަކީ ދިވެހިންނަށް އޭގެ ނުރައްކާ ބޮޑުވާނެ ކަމެއް ހެއްޔެވެ؟
ރާއްޖޭގައި ދިރިއުޅޭ “ބަންގާޅީން”ގެ ސަބަބުން ބަލީގެ ނުރައްކާ ދިވެހިންނަށް ބޮޑު ކަމަށް ނޫސްވެރިޔަކު ނޫސްވެރިއަކު ސުވާލުކުރުން އެ ނޫސްވެރިޔާ ވަނީ ހޫނުފެނަށް ވެއްޓިފައެވެ. އެސުވާލުކުރުމާ އެކު، ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގު ވަގުތުން އެސުވާލު ކުރި ނޫސްވެރިޔާ ހުއްޓުވިއެވެ.

އޮންލައިން ނޫހަކުން ސުވާލު ކޮށްފައިވަނީ އެއްފަހަރާ 16 ބިދޭސީން ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ އާއްމުންގެ ތެރޭގައި އުފެދިފައި އޮތް ކަންބޮޑުވުމާ ބެހޭ ގޮތުންނެވެ. “ބިދޭސީންނަށް ޖެހުމަކީ ދިވެހިންނަށް އޭގެ ނުރައްކާ ބޮޑުވާނެ ކަމެއް ކަމަށާއި އެ މީހުން ރާއްޖެ އިން ފޮނުވާނުލެވިގެން އުޅެނީ ކީއްވެތޯ” ސުވާލު ކުރުމުން ލައިވް ޕްރެސް ކޮންފަރެންސްގައި ޑރ. ނަޒްލާ އެސުވާލު ހުއްޓުވާ ޖަވާބު ދެއްވިއެވެ.

“ނޫސްވެރިޔާ އަށް ނަޒްލާ ހަނދާންކޮށްދެއްވީ ބިދޭސީއަކަށް ވިޔަސް ތަފާތު ކުރުން ގެންގުޅެގެން ނުވާނެ”ކަމަށް ވިދާޅުވެ ޑރ ނަޒްލާ ވިދާޅުވީ “ނޫސްވެރިޔާ އަށް ނަޒްލާ ހަނދާންކޮށްދެއްވީ ބިދޭސީއަކަށް ވިޔަސް ތަފާތު ކުރުން ގެންގުޅެގެން ނުވާނެ” ކަމަށާއި “އާއްމު ސިއްހަތު ރައްކާތެރިކުރުމާ ބެހޭ ގާނޫނު ލާޒިމްކުރަނީ ހަމައެކަނި ދިވެހިންގެ ސިއްހަތު ރައްކާތެރިކުރަން ނޫން” ކަމަށެވެ. އަދި އިތުރަށް ވިދާޅުވީ “ބިދޭސީން ވެސް ހިމެނޭ ގޮތަށް ރާއްޖޭގައި ދިރިއުޅޭ ހުރިހާ އެންމެންގެ ސިއްހަތު ރައްކާތެރި ކުރަންޖެހޭ” ކަމަށެވެ.

ބިދޭސީންނަށް ކޮރޯނާ ޖެހުމުން ދިވެހިންނަށް އެކަމުގެ ބިރު ބޮޑުވާނެކަމަށް ބައެއް ދިވެހިން ވިސްނާތީ ޑރ. ނަޒްލާ ރައްދު ދެއްވިއެވެ.
“ރާއްޖޭގައި މި ބަލި އާއްމުންގެ ތެރޭގައި ފެތުރެން ފެށިއިރު ފުރަތަމަ ބަލި ފެނުނީ ދިވެއްސެއްގެ ގައިން ނޫންތޯ. ފުރަތަމަ ޕޮޒިޓިވްވި ބަނގްލަދޭޝްމީހާ އަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރާއްޖޭގައި އުޅޭ މީހެއް. އެހެންކަމުން ބަލި ފެތުރެނީ ދިވެހިންގެ ފަރާތުން ކަމަށް ބަންގްލަދޭޝް މީހުންނަށް ބުނުމުގެ ފުރުސަތު އޮވެދާނެ ނޫންތޯ.”

ރާއްޖެގެ އެކި ކަންކޮޅުތަކުގައި ކޮރޯނާ ފެތުރެމުންދާ މިދުވަސްވަރު ބަނގްލަދޭޝަ މީހުންނާއި މެދު ގެންގުޅޭ ތަފާތުކުރުން އޮތް މިންވަރު މިދަނީ ހާމަވަމުންނެވެ. “ބަންގާޅީން” ކަމަށް ބުނެ ދަށްކޮށްލުމުގެ ގޯސް ވިސްނުން މިދަނީ ފެންމަތިވަމުންނެވެ. ކާބޯތަކެތި ގޭގެއަށް ޑެލިވަރީ ކޮށްދިނުމުގެ ބުރަ މަސައްކަތް ކުރާ މީހާ ގެއަކަށް ކޮތަޅެއް ހިފައިގެން ދިޔުމުން ބައެއް ދިވެހިން ބިރުން އުޅޭ ގޮތް ފެނިފައި އެމީހުން އެތިބެނީ ރޯލަ ރޯލައެވެ.

“އަޅުގަނޑަކަށް ހަމަ އެއްގޮތަކަށް ވެސް ނުވިސްނޭ އަޅުގަނޑުމެންގެ ތެރޭގައި ބައެއް މީހުންގެ ވިސްނުން މި ހުންނަނީ ކީއްވެ ކަމެއް، ބޭރު މީހަކަށް ޖެހިއްޖިއްޔާ އަދި ހާއްސަކޮށް ވަކި ގައުމަކުން އައިސްފައި ތިބި މީހަކަށް ޖެހިއްޖިއްޔާ ދިވެހިންނަށް ޖެހޭނެއޭ، ނުވަތަ އަޅުގަނޑުމެންގެ ތެރެއަށް ބަލި ފެތުރޭނެއޭ،” ޑރ. ނަޒްލާ ވެސް މިމައްސަލަ ފާހަގަކުރެއްވީ އަސަރާއި އެކުގައެވެ.

ބިދޭސީންނަށް ކޮރޯނާ ޖެހުމަކީ ދިވެހިންނަށް އޭގެ ނުރައްކާ ބޮޑުވާނެ ކަމެއް ނޫނެވެ. ބިދޭސީންނަށްވެސް އޯގާތެރިކަމާއި އެކު މުޢާމަލާތްކުރައްވާށެވެ. މިފަދަ ހިތްދަތި ދުވަސްތަކަކުން އަރައިގަނެވޭނީ ދޭސީ އަދި ބިދޭސީންގެ އެހީތެރިކަމާއި އެއްބާރުލުން ލިބިގެންނެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ