މާލޭގައި 80 އަށް ވުރެ ގިނަ މީހުން މަގުމަތިވެ އެހީވެފައިވާކަމަށް ޖެންޑާ މިނިސްޓްރީން ހާމަކޮށްފިއެވެ.
ކޮވިޑް-19 އަށް މާލެއިން ބަޔަކު ޕޮޒިޓިވްވުމުން މާލެ ސަރަހައްދު 14 ދުވަހަށް ލޮކްޑައުންކުރުމާއި ގުޅިގެން މަގުމަތިވެފައިވާ ބަޔަކަށް ޖެންޑާ މިނިސްޓްރީއިން އެހީވެފައިވާކަން ހާމަކޮށްފައިވަނީ އެމިނިސްޓްރީއިން މިއަދު ނެރުނު ބަޔާނެއްގައެވެ.
“މާލޭގައި މަގުމަތިވެފައިވާ 80 އަށް ވުރެ ގިނަ މީހުން އެ މިނިސްޓްރީއާ ފުލުހުން ހަވާލު ކުރުމުން އެ މީހުންނަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމް މިމަހުގެ 15 ދުވަހުން ފެށިގެން ހަމަޖައްސައި ދެމުންދާ” ކަމަށާއި މާލެ ލޮކްޑައުން ކުރިއިރު އެކި ބޭނުންތަކުގައި މާލެ އައިސް ތިބި މީހުންގެ ތެރެއިން ހާލުގައި ޖެހުނު މީހުންނަށް ވެސް އެފަދަ އިންތިޒާމްތައް ހަމަޖައްސައި ދެމުންދާ ކަމަށް”ވެސް އެބަޔާނުގައިވެ އެވެ.
މީގެ އިތުރުން 400 އަށް ވުރެ ގިނަ މީހުންނަށް އެފަދަ އިންތިޒާމް ހަމަޖައްސައިދޭން އެދި މާލޭ ސިޓީ ކައުންސިލަށް ވެސް ހުށަހެޅިފައިވާ ކަމަށް ޖެންޑާ މިނިސްޓްރީގެ ބަޔާނުގައި ހާމަކޮށްފައިވެއެވެ.
މާލެ ސަރަހައްދަށް އަރައި ފޭބުން ވަނީ މަނާކޮށްފައިވާތީ އެކި ބޭނުންތަކަށް މާލެ އައިސް ތިބި ބައެއް މީހުން ހާލުގައި ޖެހި ވަނީ މަގުމަތިވެފައެވެ.