ފޮޓޯ: ސަން

ވިލާގެ ސްޓާފުންގެ މުސާރައަށް އެންމެ 1000 ރުފިޔާ!

ވިލާގެ ސްޓާފުންގެ މުސާރައަކަށް ދެވޭނީ އެންމެ 1000 ރުފިޔާކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

ވިލާ ޝިޕިން އެންޑް ޓްރޭޑިން ކޮމްޕެނީގެ ދަށުން ހިންގާ ކުންފުނިތަކުގެ މުވައްޒަފުންނަށް ފޮނުވާފައިވާ ސާރކިއުލާއެއްގައިވާ ގޮތުން ކޮވިޑް-19 އާ ގުޅިގެން ދުނިޔެ އާއި ރާއްޖޭގެ އިގްތިސާދު ހީނަރުވެފައިވާތީ އެކުންފުނީގެ މުވައްޒަފުންނަށް މުސާރައިގެ ގޮތުގައި މަހަކު ދެވޭނީ އެންމެ 1000 ރުފިޔާ ކަމަށެވެ.

“މި އޭޕްރީލް މަހާއި މޭ މަހާ އަދި ޖޫން މަހު ކޮންމެ މުވައްޒަފަކަށް ދެވޭނެ ކަމަށް ބެލެވެނީ 1000 ރުފިޔާ” ކަމަށް ވިލާއިން ނެރެފައިވާ ބަޔާނުގައިވެއެވެ.

“މިދިޔަ މަހުގެ ބޮޑު ބައެއްގައި ރިސޯޓުތަކުގެ އޮކިއުޕެންސީ ދަށްވެ، ލިބުނު އާމްދަނީ ވަރަށް ބޮޑު ތަން ދަށްވި ކަމަށާއި މިދިޔަ މަހުގެ 27 ވަނަ ދުވަހުން ފެށިގެން ރާއްޖެ އަށް މީހުން އައުން މަނާކުރުމާ ގުޅިގެން ރިސޯޓްތަކުގެ އޮޕަރޭޝަންތައް އެއްކޮށް ހުއްޓާލަންޖެހިފައިވާ”ކަމަށް ސާކިއުލަގައި ބުނެފައިވެއެވެ.

ޒަމާނުންސުރެ ބޮޑެތި ރާއްޖޭގައި ހިނގާ ހުރިހާ ވިޔަފާރިތަކެއްގައި މަޝްޢޫލުވެފައިވާ މިފަދަ ބޮޑު ކުންފުންޏަކުން މިފަދަ ދަނޑިވަޅެއްގައި ކުންފުޏަށް ޒަމާނުންސުރެ އިހްލާސްތެރި މުވައްޒަފުންނަށް ކަންތައް ކުރި ގޮތާއި މެދު ގިނަ ބަޔަކު ދަނީ ފާޑު ކިޔަމުންނެވެ.

ވިލާގެ މުވައްޒަފުންނަށް ދެންވާނެ ގޮތް ނޭނގޭތީ ޝަކުވާ އިތުރުވެފައިވާ މިދަނޑުވަޅުގައި ވިލާއިން ނެރެފައިވާ މިސަރކިއުލާގެ ސަބަބުން އިތުރު ހާސްކަމެއް މުވައްޒަފުންނަށް ވަނީ ލިބިފައެވެ. “އާމްދަނީ ލިބޭނެ ގޮތެއް ނުފެނިއްޖެ ނަމަ، މުވައްޒަފުންގެ ވަޒީފާއާ މެދު ގޮތެއް ނިންމައި އެކަން ކޮންމެ މުވައްޒަފަކަށް ވެސް އަންގަމުން ގެންދެވޭނެ” ކަމަށް ސާކިއުލާރ ގައި އޮތުމުން ވިލާގައި މަސައްކަތް ކުރާ ގިނަ މުވައްޒަފުންގެ ވަޒީފާ ގެއްލިދާނެކަމުގެ ބިރު ވަނީ ކުރިމަތިވެފައެވެ.

ވިލާގެ ކުންފުނިތަކުން މުވައްޒަފުންނަށް 1000 ރުފިޔާގެ މުސާރައެއް ދިނުމަށް ނިންމުމުން ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ވިލާއަށް ފާޑު ކިޔަމުންނެވެ. އަދި މިހާދުވަހު ރިޒޯޓު ހިނގައިގެން ލިބުނު ފައިސާއަށް ވީ ކިހިނެއްތޯ ބައެއް ފަރާތްތަކުން ދަނީ ސުވާލު ކުރިމަތިކުރަމުންނެވެ. ވިލާގެ ސާރކިއުލާގައި އެވާހަކަ އަށް ވަނީ ޖަވާބެއް ދީފައެވެ. ސާކިއުލާރގައިވަނީ “ލިބުނު އާމްދަނީގެ އެއްވެސް މިންވަރެއް ބޭންކްތަކުގައި ނުވަތަ އެ ނޫން ގޮތަކަށްވިޔަސް ރައްކާކޮށްފައެއް ނުބަހައްޓާ.”ކަމަށެވެ.

ވިލާ އިން ބުނީ، އެ ކުންފުނިން ހިންގަމުން އަންނަ ފަސް ރިސޯޓުގެ ތެރެއިން ތިން ރިސޯޓް، ރާއްޖެ އިން ބޭރުން އަންނަ ދިވެހިން ކަރަންޓީނު ކުރުމަށް ދޫކުރެވިފައިވާ ކަަމަށެވެ. އެގޮތަށް ދޫކުރީ، އެ ތަންތަނުގައި ހުރި ތަކެތި ހުސްވަންދެން ހިލޭ ހިދުމަތް ދިނުމަށް ކަމަށް ވެސް ބުނެފައިވެ އެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ