ޝީޝާއިން އެކުންފުނީގެ ސްޓާފުންނަށް މިއަހަރުގެ ރޯދަ އެލަވެންސް ނުދޭނެކަމަށް މުވައްޒަފުންނަށް އަންގައިފިއެވެ.
ވަޒީފާއާ ބެހޭ ގާނޫނުގައިވާ ގޮތުން، ވަޒީފާ އަދާކުރާ ކޮންމެ މުސްލިމް މުވައްޒަފަކަށް ރޯދަ އެލަވަންސްގެ ގޮތުގައި 3،000ރ. ރޯދަ މަސް ފެށުމުގެ ކުރިން ދޭންޖެހޭގޮތަށް އޮތްކަމުގައިވިޔަސް ޝީޝާއިން ވަނީ ރޯދަ އިނާޔަތް ނުދޭނެކަމަށް އަންގަފައެވެ.
ރާއްޖޭގައި ހޮންޑާ ސައިކަލުގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓާ ކަމުގައިވާ ޝީޝާއިން މުވައްޒަފުންނަށް ފޮނުވި މެމޯގައި ބުނެފައިވާ ގޮތުގައި ކޮރޯނާވައިރަހުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް އަންނަ ބަދަލުތަކާ ހެދި މުވައްޒަފުންގެ މުސާރަ އަށް ބަދަލު ގެންނަން ނިންމާފައިވާކަމަށެވެ.
ޝީޝާ އިން ވަނީ މި މަހުގެ 21 އިން ފެށިގެން ބައެއް މުވައްޒަފުންގެ މުސާރަ ކުޑަކޮށްފައިވާއިރު ބައެއް މުވައްޒަފުން ވަޒީފާއިން ވަކިކޮށް ބައެއް މުވައްޒަފުންނަށް މުސާރަ ނުދޭ ގޮތަށް ޗުއްޓީ އަށް ފޮނުވާނެ ކަމަށް ޝީޝާއިން ނެރެފައިވާ މެމޯގައި ބުނެފައިވެއެވެ.
ކޮވިޑް19 ގެ ސަބަބުން އާންމުންގެ ގިނަ ބަޔަކަށް އަސަރުކޮށްފައިވާއިރު ޝީޝާ ފަދަ ބޮޑު ވިޔަފާރިއަކުން މުވައްޒަފުންނަށް މިފަދަގޮތަކަށް އަމަލުކުރުމުން ގިނަ ބަޔެއްގެ ފާޑުކިޔުން ޝީޝާއަށް ވަނީ އަމާޒުވެފައެވެ.