ލޮކްޑައުން ދިގު ދަންމާލަންވީ މިހެންވެ!

ފުރަތަމަ ރާއްޖެއިން ކޮވިޑް19 ފެނުމާއި އެކު ގިނަ ބަޔަކު އެހާބޮޑަށް ކަންބޮޑުވެ އުޅޭތަން ފެނިފައެއް ނުވެއެވެ. އެކި އިންޒާރު އެކި ޒާތު ޒާތަށް ދިންނަމަވެސް މަގުމަތިން އޭރު މީހުން މަދެއްނުވިއެވެ. އެހަނަސް “ލޮކްޑައުން” އެޅުވުމާއި އެކު އެހެންގޮތެއް ނެތިގެން ނަމަވެސް ގިނަ ބަޔަކު ގޭގައި މައިތިރިވިތަން ފެނިގެންދިޔައެވެ. ގަބޫލުކުރަން ޖެހޭ ހަގީގަތަކީ ރާއްޖޭގައި ކޮވިޑް19 މިވަރަށްވެސް މިއޮތީ “ލޮކް އެޅުވުމުގެ” ސަބަބުންނެވެ.

އޭޕްރީލް 15 ވަނަ ދުވަހު ގިނަ ބަޔަކަށް ހިތްދަތިކަން ގެނުވީ މާލެއިން ކޮވިޑް19 ޖެހިފައިވާ ދިވެއްސެއް ފެނުނު ހަބަރާއިގެންނެވެ. ލަސްތަކެއް ނުވެ 1 ގަޑިއިރުގެ މުހުލަތެއް މީހުން ގެތަކަށް ވަނުމަށް އަންގާ މުޅި މާލެ 24 ގަޑިއިރަށް ބަންދުކޮށްލިއެވެ. 24 ގަޑިއިރު ހަމަވުމާއި އެކު 14 ދުވަހުގެ ލޮކްޑައުންއަކަށް މާލެ ދިޔައެވެ.

“14 ދުވަސް” ހަމަވުމާއި އެކު ބައެއް މީހުން ގެތަކުން ނުކުތުމަށް ތައްޔާރުވަމުންދާއިރު ސަރުކާރުގެ ވިސްނުން އަދި ހުރީ ލޮކްޑައުން ދަންމާލާށެވެ. ކުރިން ކަނޑައެޅި މުއްދަތުގެ އިތުރުންވެސް މިގޮތުގައި ބާއްވާށެވެ. މިއީ ވަރަށް ރަނގަޅު ނިންމުމެއްކަން ޔަގީނެވެ.

ލޮކްޑައުންގެ ސަބަބުން ވަރަށް ބޮޑަށް ބަލި ކޮންޓްރޯލް ކުރުމަށް ފަސޭހަވެގެން ދިޔަކަން ގަބޫލުކުރަންޖެހެއެވެ. ކަމާއި ބެހޭ ފަރާތްތަކުން ކުރަންޖެހޭ އެތައް ކަމަކަށް ލުއި ލިބިގެން ދިޔައެވެ. ރަމަޟާން މަހަށްވެފައި އާންމުންނަށް އުނދަގުލާއި ކުރިމަތިވިނަމަވެސް ވީ އުނދަގުލަށްވުރެ ވީ ފައިދާ ބޮޑުކަން ދެބަސްވެވޭކަށްނެތެވެ.

ހެލްތު މިނިސްޓަރު އަމީންވެސް ވަނީ މިކަމަށް ބާރުދޭ ވާހަކައެއް ރޭ ގެ ނޫސް ކޮންފަރެންސްގައި ވިދާޅުވެފައެވެ.

މިނިސްޓަރު އަމީން އިތުރަށް ނޫސްކޮންފަރެންސްގައި ވިދާޅުވީ “ލޮކްޑައުންގެ ސަބަބުން ވަރަށް ބޮޑަށް ބަލި ކޮންޓްރޯލް ކުރުމަށް ފަސޭހަވެގެން ދިޔަ ކަމަަށާއި ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި އަދިވެސް މާލޭ ސަރަހައްދުގެ ލޮކްޑައުން އުވާލެވޭނެ ފަދަ ހާލަތެއް ނެތް.” ކަމަށެވެ.

އަދި މީގެ އިތުރުން ލޮކްޑައުން ދަންމާލަން ޖެހިދާނެކަމަށް އިޝާރާތްކުރައްވާ މިނިސްޓަރު ވިދާޅުވީ “މި ދަތިކަމުގެ ތެރޭގައި އިތުރު ދުވަހު އުޅެން ޖެހިދާނެ ކަމަށް ގަބޫލުކޮށްގެން އަޅުނޑުމެން ކުރިއަށް ދާން ޖެހޭނެ.”ކަމަށެވެ. އަދި “ކުރިއަށް އޮތްތަނަށް އެއްޗެއް ދަންނަވާކަށް އެހާ ބޮޑަށް ބޭނުމެއް ނޫން. އެކަމަކު މިވަގުތު މިހާލަތު މިއޮތީ އަޅުގަނޑުމެނަށް ލޮކްޑައުންގެ ހާލަތުން ވީލަން ޖެހޭ ހިސާބެއްގައެއް ނޫން. މި ވަގުތު މި ހާލަތު މިއޮތީ އަޅުގަނޑުމެން އާންމު ހާލަތަށް ބަދަލުވާން ޖެހޭ ހާލަތުގައެއް ނޫން،” ކަމަށެވެ.

ތެދެކެވެ. މިދަތިކަމުގައި އިތުރު ދުވަހެއް އުޅެގެން ގިނަ ބަޔެއްގެ ފުރާނަ ސަލާމަތްކުރެވޭނަމަ މިހާލަތު ޤަބޫލުކޮށް ކުރިއަށްދާނެކަން ޔަގީނެވެ. ހާލަތު ބަދަލުުވާން ވަގުތު ނަގާނެއެވެ. އެވަގުތުގައި ކެތްތެރިކަމާއި އެކު ގޭގައި ތިއްބެވުމަކީ އެދަންނަވާ ވަގުތު ދިގު ނުވުމަށް ވެދެވޭ އެހީއެކެވެ.

ސިއްހީ މާހިރުން ކުރިން ވިދާޅުވި ފަދައިން ކޮވިޑް19 ރަށްތަކުން ފެންނަން މިވަނީ ފަށާފައެވެ. މާލެއިން ކޮވިޑް19 ފެނުމާއި އެކު ސަރުކާރު ބަންދުކުރުމާއި އެކު ގިނަ ބަޔަކު ނިންމީ ރަށަށް ދާށެވެ. ސިއްހީ މާހިރުން ލަފާކުރި ގޮތަށް އޭގެ ތެރެއިން ދިޔަ ބައެއް މީހުންގެ ގައިގައި ކޮވިޑް19 ހުރުމުން މިއަދު މިވަނީ އެރަށްތައްވެސް ނުރައްކަލުގެ ތެރެއަށް ހުށައެޅިފައެވެ. އެހެންކަމުން މިހާރު ސިއްހީ މާހިރުންގެ ލަފާ ދެއްވަނީ ރަށްތަކުގައި ތިބި މީހުން މާލެ އަށް ނައުމަށެވެ. އެއީ އަނެއްކާ މާލެއަށް ކޮވިޑް19 އިތުރަށް ފެތުރިދާނެތީއެވެ.

މުޅި ރާއްޖެ ކޮވިޑް19 ގެ ވިލާގަނޑެއްގެ ދަށުގައިވާއިރު މިވަގުތު ކުރެވެން އޮތް އެންމެ ބޮޑު ކަމަކީ “ލޮކްޑައުން” ދެމެހެއްޓުމެވެ. ގޭތަކުގައި ތިބުމާއި އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރުމާއި ރާއްޖެއިން ބޭރަށް ދިއުމާއި ރާއްޖެ އެތެރެވުން ހުއްޓުވުން މިއަދު މިވަނީ ފަރުވާއެއް ފެނިފައިވާ ނުވާ ކޮވިޑް19 އަށް އޮތް ހަނި ނަމަވެސް “ފަރުވާ” އަކަށެވެ. އެހެންކަމުން މިއީ ލޮކްޑައުން ދިގު ދަންމާލަން އުޒުރަކަށް ނުފުދޭތޯއެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ