ކޮވިޑް-19 އާއި ގުޅިގެން ވަޒީފާގެ ހާލަތަށް ބަދަލު އައިސްފިނަމަ 1475 އަށް ގުޅުމަށް އިކޮނޮމިކް މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.
އިކޮނޮމިކް މިނިސްޓްރީން އިއްޔެ ކުރި ޓްވީޓްގައިވަނީ “ޖޮބް ސެންޓަރުގައި ރިޕޯޓް ކުރުމަށް އެހީތެރިކަން ބޭނުންވާ ނަމަ އެ ސެންޓަރުގެ ހޮޓްލައިން 1475 އަށް ގުޅަން އެދޭ” ކަމަށާއި “އެ ކޯލް ސެންޓަރު ކޮންމެ އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހާ ހަމައަށް ހެނދުނު 10 ން މެންދުރު 1 އާ ހަމައަށް ހުޅުވިފައި ހުންނާނެ” ކަމަށެވެ.
ކޮވިޑް-19 އާ ގުޅިގެން، ވަޒީފާ ގެއްލިފައިވާ މީހުންނާއި ވަޒީފާގެ ހާލަތަށް ބަދަލު އައިސްފައިވާ މީހުން ރިޕޯޓް ކުރުމަށް ޚާއްސަ ހޮޓްލައިނެއް އިކޮނޮމިކް މިނިސްޓްރީން ގާއިމްކޮށްފައިވާއިރު މިހޮޓްލައިން އަކީ އެމިނިސްޓްރީއިން ޤާއިމްކޮށްފައިވާ ޖޮބް ސެންޓަރުގެ މިކަމަށް ހާއްސަ ހޮޓްލައިންނެވެ.
ކޮވިޑް-19 އާ ގުޅިގެން އިގްތިސާދަށް ކުރިމަތިވަމުންދާ ގެއްލުންތަކުގެ ސަބަބުން ގިނަ ބައެއްގެ ވަޒީފާ ދަނީ ގެއްލެމުންނެވެ. އަދި މުސާރަ އާއި އިނާޔަތްތައް ނުލިބޭ ގޮތަށް ގިނަ ބަޔަކު ވަނީ ދިގު މުއްދަތަކަށް ޗުއްޓީއަށް ދާން ޖެހިފާތީ އެކަމުގެ ޝަކުވާ ދަނީ އިތުރުވަމުންނެވެ.