ފައިސާ ޗާޕުކުރުމުގެ ހުއްދަ ހޯދި ގޮތާއި މެދު މެމްބަރު ޝިޔާމު ފާޑުވިދާޅުވެއްޖެއެވެ.
ރައްޔިތުން މަޖިލިހުގެ ނައިފަރު ދާއިރާ މެންބަރު އަޙްމަދު ޝިޔާމު ވަނީ ސަރުކާރުގެ ކޭޝްފްލޯ ހަމަޖެއްސުމަށްޓަކައި އެމްއެމްއޭގެ ޕަބްލިކް އެކައުންޓުން ފައިސާ ނެގުމަށްޓަކައި ސަރުކާރުން އެދުނު އެއް އަހަރު ދުވަހުގެ ހުއްދަ ދޭން ރައްޔިތުންގެ މަޖިލީހުން ފާސްކުރި ގޮތާއި މެދު ސުވާލު އުފައްދާފައެވެ.
“ސަރުކާރުގެ މެޖޯރިޓީ މަޖިލިހުގައި އޮތުމުން ސަރުކާރު ހިންގާ ކޯލިޝަނުން އެކަން ފާސްކުރީ އެކަށީގެންވާ މިންވަރަށް ދިރާސާކުރުމަކާ ނުލައި” ކަމަށް މެމްބަރު ޝިޔާމް ވިދާޅުވިއެވެ. އަދި ފައިސާ ޗާޕުކުރުމުގެ ހުއްދަ ހޯދުމަށް ސަރުކާރުން މަޖިލިހަށް ހުށަހެޅުމުން އެމައްސަލަ ކޮމިޓީއަކަށް ނުފޮނުވާ ކަމަށާއި އެކަމުގައި ދިރާސާއެއް ކޮށްފައިނުވާކަންވެސް މެމްބަރު ޝިޔާމް ފާހަގަ ކުރެއްވިއެވެ.
މަޖިލީހުގެ ޖަލްސާގައި ބައިވެރިވި ވެވަޑައިގެންނެވި 69 މެމްބަރުންގެ ތެރެއިން 60 މެމްބަރުންގެ އަޣުލަބިއްޔަތުން ނިންމި ނިންމުން މެމްބަރު ޝިޔާމް ސިފަކުރެއްވީ “ބަރުލަމާނީ ޙަޔާތުގައި ކަޅު ޞަފުޙާއެއް” ގެ ގޮތުގައެވެ.
މެމްބަރު ޝީޔާމް ވިދާޅުވީ އެމްއެމްއޭއިން ފައިސާ ނަގައިގެން އިޤުތިޞާދަށް ނެރެން ހުއްދަ ދިނުމަކީ ނުރައްކާތެރި ކަމެއް ކަމަށާއި މިގޮތަށް ކަންކުރާނަމަ، ޓެކުސް ދައްކާ ފަރާތްތަކުން ޓެކުސް ދެއްކުމުގެ މާނައެއް ނެތް ކަމުގައިވެސް ޝިޔާމް ފާހަގަކުރެއްވިއެވެ.
ކޮވިޑް19ގެ އާއި ގުޅިގެން ސަރުކާރުން މިވަނީ ރައްޔިތުންގެ މަޖިލީސް މެދުވެރިކޮށް އެއް އަހަރު ދުވަހުގެ ތެރޭގައި އެމްއެމްއޭ އިން 4.2 ބިލިއަން ރުފިޔާ ދަރަންޏަށް ނެގުމަށްޓަކައި ގާނޫނީ ގޮތުން ބޭނުންވާ ހުއްދަ ހޯދާފައެވެ.