ދުނިޔޭގެ އެންމެނަށް ހެޔޮ އަގުގައި ކޮވިޑް-19 އަށް ފަރުވާއާއި ޓެސްޓް ކިޓްތަކުގެ އިތުރުން ވެކްސިން ލިބޭނެ ގޮތް ހެދުމަށް މަސައްކަތްކުރުމަށް އދ. އިން ގޮވާލައިފި އެވެ.
އދ.ގެ ސެކެޓްރީ ޖެނެރަލް އެންޓޯނިއޯ ގުތިއަރޭޒް ވިދާޅުވީ، ފަރުވާއާއި ޓެސްޓް ކިޓްތަކާއި ވެކްސިންއާއެކު ކޮވިޑް-19 ކޮންޓްރޯލްކުރިވެގެން ދާނެ ކަމަށާއި އެހެންކަމުން އެތަކެތި އެންމެނަށް ހެޔޮއަގުގައި ކޮންމެހެން ލިބެންޖެހޭނެ ކަމަށެވެ.
ކޮރޯނާވައިރަހުން ރައްކާތެރިވުމަށް ވެކްސިނެއް އުފެއްދުމަށާއި ކޮވިޑް-19 ބައްޔަށް ފަރުވާއެއް ހޯދުމަށް 8.2 ބިލިއަން ޑޮލަރު އެއްކުރުމުގެ ގޮތުން ދުނިޔޭގެ ލީޑަރުންގެ އޮންލައިން ކޮންފަރެންސެއްވެސް ވަނީ ފަށައިފައެވެ.
ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން މީގެ ކުރިން ވަނީ ކޮރޯނާވައިރަހަށް ބޭނުން ކުރެވިދާނެ 70 ވެކްސިނެއް އެކި ގައުމުތަކުގައި ޓެސްޓު ކުރަމުންދާ ކަމަށް ބުނެފަ އެވެ. އަދި ކޮވިޑް-19އަށް ދެވިދާނެ ފަރުވާއެއް ވެސް ސައިންސުވެރިން ދަނީ ޓެސްޓު ކުރަމުންނެވެ.