އަމިއްލަ މަސައްކަތްކުރާ މީހުންގެ ލޯނު 30،000 ރުފިޔާއަށް ބޮޑު ކުރަނީ

އަމިއްލަ މަސައްކަތް ކުރާ މީހުންނަށް ދޭން ނިންމާފައިވާ ލޯނު 30،000 ރުފިޔާއަށް ބޮޑުކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ.

މި ލޯނަކީ ކޮވިޑް 19 ވިޔަފާރި އެހީގެ ނަމުގައި ފިނޭންސް މިނިސްޓްރީ އާއި އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގުޅިގެން ތައާރަފް ކުރި ލޯނެކެވެ.

މި ލޯނަކީ، ކޮރޯނާ ވައިރަސް އާ ގުޅިގެން އެންމެ ކުދި، ކުދި، އަދި މެދުފަންތީގެ ވިޔަފާރިތަކަށާއި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ދިމާވެފައިވާ މާލީ ދަތިތަކުން އަރައިގަތުމަށް އިތުރު ފުރުސަތު ފަހިކޮށްދިނުމަށް ތައާރަފް ކުރި ލޯނެކެވެ.

އެސްޑީއެފްސީން އާންމުކޮށްފައިވާ އުސޫލުގައި ބުނެފައިވަނީ ވިޔަފާރިއެއްގެ ގޮތުގައި ރަޖިސްޓްރީ ނުކޮށް އަމިއްލަ މަސައްކަތް ނުވަތަ ފްރީލާންސްކޮށް މަސައްކަތް ކުރާފަރާތްތަކަށް ލޯނުގެ ގޮތުގައި ގިނަވެގެން ދޫކުރާނީ 18،000 ރުފިޔާ ކަމަށެވެ.

އަމިއްލަ މަސައްކަތް ކުރާ މީހުންގެ ގޮތުގައި ބަލަނީ ވޭތުވެ ދިޔަ 12 މަހުގެ ތެރެއިން ހަ މަސް ދުވަހު މަސައްކަތްކޮށް އާމްދަނީއެއް ލިބިފައިވާނަމަ އެވެ.

ނަމަވެސް މި މަހުގެ ތިން ވަނަ ދުވަހު މިނިސްޓަރު ފައްޔާޒް ވަނީ ފޮޓޯގްރަފީ/ވީޑިއޯގްރަފީގެ ދާއިރާގައި މަސައްކަތް ކުރާ ބައެއް މީހުންނާއެކު “ޒޫމް” މެދުވެރިކޮށް މަޝްވަރާ ބައްދަލުވުމެއް ބާއްވައިފައެވެ.

މި ބައްދަލުވުމަކީ ފްރީލާންސް ފޮޓޯގްރަފީ/ވީޑިއޯގްރަފީ ދާއިރާގައި މަސައްކަތް ކުރާ 240 އަށް ވުރެ ގިނަ މީހުން ހިމެނޭ ވައިބާ ގްރޫޕެއްގައި މަޝްވަރާކޮށް، އިންތިޒާމްކުރި ބައްދަލުވުމެކެވެ .އަދި މި ބައްދަލުވުމުގައި އެމީހުންގެ ގިނަ ކަންބޮޑުވުންތަކެއް ވަނީ މިނިސްޓަރާ ހިއްސާކޮށްފައެވެ.

އަމިއްލަ މަސައްކަތް ކުރާ މީހުންގެ ކަންބޮޑުވުންތައް ހިއްސާކުރުމަށް އެމީހުން އިސްނަގައިގެން ބޭއްވި އެ ބައްދަލުވުމުގައި މިނިސްޓަރު ފައްޔާޒް ވިދާޅުވެފައި ވަނީ ފްރީލާންސަރުންގެ ލޯނު އެހީގެ ގޮތުގައި ދިނުމަށް ނިންމާފައިވާ 18،000 ރުފިޔާ އަކީ ކުޑަ އަދަދެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

އަދި ލޮކްޑައުން އަށް ދިއުމުގެ ކުރިން އެ އަދަދު ބޮޑުކުރަން ވާހަކަ ދައްކަމުން އަންނަ ކަމަށާއި، މިހާރު މަސައްކަތް ކުރަމުން އަންނަނީ ލޯނު 30،000 އަށް ބޮޑުކުރެވޭތޯ ކަމަށެވެ.

ސަރުކާރުން އިއުލާން ކޮށްފައިވާ ގްރާންޓް އަދި ލޯނަށް ހުށަހެޅުމުގެ ފުރުސަތު ހުރިހާ ފަރާތްތަކަށް ހުޅުވިފައިވާކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ