ކޮންމެ ދިވެހި ފަރުދަކަށް އިނާޔަތެއް ސަރުކާރުން ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ގޮވާލައްވައިފި އެވެ.
މެންބަރު އިބްރާހިމް ރަޝީދު މިގޮތަށް ގޮވާލެއްވެވި ސަބަބަކީ ކޮވިޑް-19 ގެ ސަބަބުން އާންމު ފަރުދުންގެ މާލީ ހާލަތު ދަށްވެފައިވާތީއެވެ. ވިޔަފާރިތަކާއި އާންމު ފަރުދުންގެ މާލީ ހާލަތު ދަށްވާތީ ސަރުކާރުން ފަށާ ޕްރޮގްރާމްތަކަށް މަޖިލީހުން ލަފާ ދިނުމުގެ މައްސަލާގައި މަޖިލީހުގެ އިގްތިސާދީ ކޮމިޓިން ދިރާސާކޮށް އެކުލަވާލި ރިޕޯޓަށް ބަހުސް ކުރައްވަމުން ބޮންޑެ ވިދާޅުވީ ބައިނަލް އަގްވާމީ އިގްތިސާދީ އަދި މާލީ އިދާރާތަކުގެ ލަފައާ އެއް ގޮތަށް ހަގީގަތުގައި މަސައްކަތް ނުކުރެވޭ ކަމަށެވެ.
ބައިނަލް އަގްވާމީ ބައެއް މާލީ އިދާރާތަކުގެ ރިޕޯޓުތަކާ ހަވާލާދީ ބޮންޑެ ވިދާޅުވި ގޮތުގައި އެންމެ ފުރަތަމަ އިސްކަމެއް ދޭން ޖެހެނީ ރައްޔިތުންގެ ފުރާނައާއި ސިއްހީ ރައްކާތެރިކަން ކަށަވަރު ކުރުމެވެ. ދެން އިސްކަމެއް ދޭން ޖެހެނީ ރައްޔިތުންގެ ދިރިއުޅުން އާރާސްތުކޮށް ރައްކާތެރި ކުރުމަށެވެ. އިގްތިސާދު ރިކަވާ ކުރުމުގެ މަސައްކަތަކީ އޭގެ ފަހަށް ކުރަން އޮންނަ މަސައްކަތެއް ކަމަށް ބޮންޑެ ވިދާޅުވި އެވެ.
އެހެންކަމުން ސަރުކާރުންނާއި މަޖިލީހުން ވެސް ފުރަތަމަ މަސައްކަތް ކުރަންވީ މި ވަގުތު މާލީ ހާލަތު ދަށްވާ ރައްޔިތުންނަށް އެހީތެރިކަން ދިނުމަށް ކަމަށާއި ކޮންމެ ދިވެއްސަކަށް 5،000 ރުފިޔާ އާއި 10،000 ރުފިޔާއާ ދެމެދުގެ އިނާޔަތެއް ސަރުކާރުން ދިނުމަށް ގޮވާލައްވާ ކަމަށް ބޮންޑެ ވިދާޅުވި އެވެ.
ބޮންޑެ ވިދާޅުވީ ކޮވިޑް-19 ގެ އިގްތިސާދީ ހިނާރު ކަމުގެ ހާލަތު ނިމުމުން އަލުން އިގްތިސާދު އާރާސްތު ކުރާއިރު ނުވަތަ ރިކަވާ ކުރާއިރު ސަރުކާރުން ތައާރަފު ކުރާ ޓެކްސްއެއް މެދުވެރިކޮށް އިނާޔަތް ދިނުމަށް ކުރި ހޭދަ އަލުން ހޯދޭނެ ކަމަށެވެ.