މިއަހަރުގެ މިހާތަނަށް 12 ބިލިއަން ރުފިޔާގެ މުދާ ރާއްޖެ އެތެރެކޮށްފައިވާ ކަމަށް ކަސްޓަމްސް އިން ބުނެފިއެވެ.
ކަސްޓަމްސް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑެޕިއުޓީ ކޮމިޝަނާ އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފް ވިދާޅުވީ މިއަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް ރާއްޖެއަށް 12 ބިލިއަން ރުފިޔާގެ މުދާ އެތެރެކުރެވިފައިވާ ކަމަށެވެ.
އަދި މިތަކެތިން އިމްޕޯޓު ޑިއުޓީގެ ގޮތުގައި މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.
“ރާއްޖެއަށް އެތެރެކުރެވޭ މުދަލުގެ މިންވަރު ދަށްކަމަށް ބެލެވެވުނުވެސް، އާންމުކޮށް ބޭނުންކުރެވޭ ކާބޯތަކެތީގެ އިމްޕޯޓު ފާއިތުވެދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ވަނީ އެއްވަރަކަށް ހިފެހެއްޓިފައި. އަދި ބައެއް ބާވަތްތަކުން ވަނީ އިތުރުވެފައި،” ޝަރީފް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ކާޑުގެ ބާވަތްތައް އެތެރެކުރި މިންވަރު 45 ޕަސެންޓު އިތުރުވެފައިވާ ކަމަށާއި ޕެޓްރޯލާއި ޑީސަލް އެތެރެކުރި މިންވަރު ހަ ޕަސެންޓު ކުރިއަރާފައިވާއިރު، ބިސް އެތެރެކުރި މިންވަރު ފަސް ޕަސެންޓް އިތުރުވެފައިވާ ކަމަށެވެ.
“އިމްޕޯޓު އެންމެ ދަށްވެފައިވަނީ ރަލާއި އޫރުމަސް އަދި އޭވިއޭޝަން ގޭސް ފަދަ ތަކެތި. ރަލާއި އޫރުމަސް ދަށްވުމުގެ ސަބަބަކީ، މިއީ ޓޫރިޒަމް އަށް ޑިޕެންޑުވެފައި އޮންނަ ކަމެއް. ހުރިހާ ޓޫރިސްޓު ރިސޯޓެއް ބަންދުކޮށްފައި އޮތްއިރު މިއީ ގަބޫލު ކުރެވޭ ބަދަލެއް،” ޝަރީފް ވިދާޅުވިއެވެ.
އެކްސްޕޯޓަށް ބަލާއިރު، ރާއްޖެއިން ބޭރަށް ބޭރުކުރެވުނު މުދާ ވަނީ 38 ޕަސެންޓް ދަށްވެފައެވެ. ކަސްޓަމްސް އިން ބުނީ ކޮވިޑް19 ގެ މި ހާލަތުގައި، ރާއްޖެއިން ބޭރަށް އެކްސްޕޯޓު ކުރާ މުދާ އެކްސްޕޯޓު ކުރެވޭ ގައުމުގެ ކަސްޓަމްސް އާއި ވާހަކަ ދައްކައިގެން ފަސޭހަ ކަމާޢެކު ބޭރު ކުރެވޭނެ އިންތިޒާމު ހަމަޖައްސަމުންދާ ކަމަށެވެ.
“ކަސްޓަމްސްގެ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރާ އަޅާބަލާއިރު ޖެނުއަރީ އިން އޭޕްރީލް އަށް 38 ޕަސެންޓް ޝިޕްމެންޓުތައް ދަށްވެފައިވާކަން ފާހަގަވޭ،” ޗީފް ކަސްޓަމްްސް އޮފިސަރު އަލީ ޒުބައިރު ވިދާޅުވިއެވެ.
ކަސްޓަމްސް އިން ބުނީ ދުވާލެއްގެ މައްޗަށް 200 ޑެކްލެރޭޝަން މިހާރުވެސް ހަދަމުންދާ ކަމަށާއި، މިހާތަނަށް 60،000 ގުޑްސް ޑިކްލަރޭޝަން ހަދާފައިވާނެ ކަމަށެވެ.