ކޮވިޑް19 އާއި ގުޅިގެން އެޗްޑީސީ އިން ކުލީގެ ލުއިކަން ހޯދުމަށް އެދޭ ފަރާތްތަކުގެ ތެރެއިން، މިހާތަނަށް ފޯމު ހުށަހަޅާފައި ނުވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލައިފިއެވެ.
ކުލީގެ 30 ޕަސެންޓް ލުއިކޮށްދެން ނިންމާ، ކުލީގެ ފައިސާ ދެއްކުން ދެ މަހަށް ފަސްކޮށްދޭން ކުރިންވެސް ވަނީ އިއުލާނުކޮށްފައެވެ. ކުރިން މިކަމަށް އެދިފައިނުވާ ފަރާތްތަކަށް ފުރުސަތު ދޭން ނިންމި މިއީ ދެވަނަ ފަހަރެވެ.
އެ ކޯޕަރޭޝަނުންދޭ ދެ މަސްދުވަހުގެ ކުލީގެ ރިލީފަށް އެދިފައިނުވާ ފަރާތްތަކުގެ ތެރެއިން މިހާތަނަށް ފޯމު ހުށަހަޅާފައި ނުވާ ފަރާތްތަކަށް އިތުރު ފުރުސަތެއް ދޭން ނިންމާފައިވާ ކަމަށް އެޗްޑީސީ އިން ރޭ ކުރި އިއުލާނުގައި ބުނެފައިވެއެވެ. އަދި މިހާތަނަށް ފޯމު ހުށަހަޅާފައި ނުވާ ފަރާތްތަކުން މިމަހުގެ 15 ވަނަ ދުވަހުގެ ކުރިން ފޯމު ހުށަހެޅުމަށްވެސް އެޗްޑީސީ އިން އެދިފައިވެއެވެ.
އެޗްޑީސީ އިން ދޫކޮށްފައިވާ ފްލެޓްތަކުގެ އިތުރުން ގޯއްޗާއި ކުއްޔަށް ދޫކޮށްފައިވާ ކޮމާޝަލް ޔުނިޓްތަކާއި ސިނާއީ ބިންތަކަށް ދައްކާ ފައިސާ ނުވަތަ ކުލީގެ 30 ޕަސެންޓް ފައިސާ ކުރިއަށް އޮތް ދެ މަހު ދައްކާކަށް ނުޖެހޭނެ އެވެ.