އައްޑޫގައި ހޮނިހިރު ފުވަހު އިއުލާން ކުރި ލޮކްޑައުން އުވާލައިފި އެވެ.
ލޮކްޑައުން އުވާލީ އައްޑޫއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހާގެ ދެވަނަ ޓެސްޓުން އެ މީހާ ބައްޔަށް ނެގެޓިވް ވުމުންނެވެ.
އެޗްޕީއޭގެ އެންގުމަށް އިއްޔެއިން ފެށިގެން އައްޑޫ ލޮކްޑައުން ކުރީ ހިތުގެ މައްސަލައެއްގައި މާލެ ފޮނުވި ބަލި މީހަކު ކޮވިޑް-19 އަށް ޓެސްޓް ހެދިއިރު ޕޮޒިޓިވް ވުމުން، އިއްޔެ އިން ފެށިގެން 14 ދުވަހަށެވެ.
އެޗްޕީއޭއިން މިއަދު އައްޑޫ ކައުންސިލަށް ފޮނުވި އެންގުމެއްގައި ބުނީ، އައްޑޫ ލޮކްޑައުންކޮށްފައި ބާއްވަން ޖެހޭ ފަދަ ސަބަބެއް މިވަގުތު ނެތް ކަމަށާއި، ލޮކްޑައުންގެ ފިޔަވަޅުތައް އުވާލުމަށް އަންގާ ކަމަށް ވެސް އެޗްޕީއޭގެ އެންގުމުގައިވެއެވެ.
ލޮކްޑައުން އުވާލި ނަމަވެސް، އައްޑޫގެ އެއް އަވަށުން އަނެއް އަވަށަށް ދަތުރު ކުރުމަށް މަނާ ވާނެ އެވެ. އަދި އެއް އަވަށުން އަނެއް އަވަށަށް ދާން ބޭނުންވާ ނަމަ އެކަމަށް ހާއްސަ ހުއްދައެއް ނަގަން ޖެހޭނެއެވެ.