ކޮވިޑް-19 އާއި ގުޅިގެން އިމާރާތްކުރުމުގެ ސައިޓުތަކުގައި އަޅަން ޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ގައިޑްލައިނެއް މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީއިން އާންމުކޮށްފި އެވެ.
މަސީއިން އޮންލައިންކޮށް ބޭއްވި ބައްދަލުވުމެއްގައި ޖަމިއްޔާގެ ރައީސް މުހައްމަދު އަލީ ޖަނާހު ވިދާޅުވީ، މި ގައިޑްލައިނާ އެއްގޮތަށް މަސައްކަތް ކުރުމުގައި ދަތިތަކެއް ކުރިމަތިވާނެ ކަމަށާއި ނަމަވެސް މިއީ އެންމެ ރައްކާތެރި ގޮތް ކަމަށެވެ.
ހަ ބަހަކުން (ދިވެހި، އިނިރޭސި، ނޭޕާލީ، ހިންދީ، ބެންގާލީ އަދި ސިންހަލީސް) ނެރުނު މި ގައިޑްލައިންގައި ފާހަގަކޮށްފައިވާ ބައެއް ކަންތައްތަކުގެ ތެރޭގައި ވަޒީފާ ދޭ ފަރާތުގެ މަސްއޫލިއްޔަތާއި ސައިޓުތަކުގެ މަސައްކަތްތައް ބައްޓަން ކުރަން ޖެހޭނެ ގޮތް ހިމެނެއެވެ.
ސައިޓު ހުޅުވުމުގެ ކުރިންނާއި ސައިޓު ތެރޭގައި އަދި ސައިޓުން ބޭރުގައި ކުރަން ޖެހޭ ކަންތައްތައް ވަނީ ހިމަނާފަވާއިރު، ކޮންމެ ކުންފުންޏަކުން ވެސް އެމާޖެންސީ ރެސްޕޮންސް ޕްލޭނެއް (އީއާރުޕީ- ސީ19) ބާއްވަން ޖެހޭނެ ކަމަށް އެ ގައިޑްލައިންގައި އިރުޝާދު ދީފައިވެއެވެ.
އެ ޕްލޭނުގައި ހިމަނަން ޖެހޭ ބައެއް ކަންތައްތަކަކީ؛
- މުވައްޒަފެއްގެ ފަރަތުން ބަލީގެ އަލާމާތްތައް ފެނިއްޖެނަމަ އަމަލުކުރަން ޖެހޭ ގޮތް
- މުވައްޒަފަކު ކޮވިޑް19ގެ ޕޭޝަންޓަކާ ކޮންޓެކްޓް ވެއްޖެނަމަ އަމަލުކުރަން ޖެހޭ ގޮތް
- އައިސޮލޭޓް/ ކަރަންޓީނު ކުރާ ޕްރޮސީޖާ
- ކޮންޓެކްޓް ޓްރޭސިންއާ ގުޅޭ ކަންކަން
މީގެ އިތުރުން ކޮންމެ ސައިޓެއްގައި ވެސް “ނުފޫޒުން އެއްކިބާވެގެންވާ” ސައިޓް ސޭފްޓީ އެންޑް ހެލްތު ރެޕްރެޒެންޓޭޓިވްއެއް (އެސްއެސްއެޗްއާރު) ބެހެއްޓުމަށް ވެސް އެ ގައިޑްލައިންގައި ވަނީބުނެފައެވެ.