ލޮކްޑައުނަށް ފަހު ރާއްޖެ ހުޅުވާލާއިރު، މާލޭގެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ނޫން އެއާޕޯޓެއްގައި ފަތުރުވެރިން އަންނަ ޖެޓުތައް ނުވަތަ ޗާޓާޑް ފްލައިޓުތައް ޖެއްސޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ އެންމެ ފުރަތަމަ ރާއްޖެ އޮންނަ ހާލަތަށްބަލައި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ނޫން އެއާޕޯޓެއްގައި ޖެޓްސް ނުވަތަ ޗާޓާ ފްލައިޓްސް ގެނެވޭނީ ކޮން ގޮތަކަށްތޯ ބަލަމުންދާ ކަމަށެވެ.
މި އެއާޕޯޓުތަކަށް އަންނަ ފަތުރުވެރިންނަކީ ކޮވިޑް19 އަށް ޓެސްޓުު ކުރެވިފައިވާ މީހުންނަށް ވާންޖެހޭނެ ކަމަށާއި، އެމީހުން ޗުއްޓީ ހޭދަކުރުމަށްދާ ރިސޯޓުތަކަކީ ޕީޕީއީގެ އިތުރުން ވަކި ފެންވަރަކަށް މެޑިކަލް ފެސިލިޓީސް ލިބެން ހުންނަ ތަންތަނަށް ވާންޖެހޭނެކަމަށާއި އަދި އެ މީހުން ގެންދިޔުމަށްފަހު ކަރަަންޓީނު މުއްދަތެއް ފުރިހަމަކޮށް އަލުން ޓެސްޓު ހަދައި ޓެސްޓު ނެގެޓިވް ވުމަށްފަހު ނޫނީ ރަށުތެރެއަށް ދޫކޮށްނުލެވޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
މިނިސްޓަރު ތަކުރާރުކޮށް ވިދާޅުވީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހުޅުވާ ހިސާބަށް ދާއިރު އެ އެއާޕޯޓުގައި ހުންނަންޖެހޭނެ އުސޫލުތަކާއި މިންގަނޑުތައް ހިމެނޭ ދިރާސާއެއްވެސް އެކުލަވާލާފައިވާ ކަމަށާއި، ޓޫރިޒަމް ހުޅުވާލާނީ ރާއްޖޭގައި ބަލި ކޮންޓްރޯލްވުމުން ކަމަށެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ޓޫރިޒަމަށް ރާއްޖެ ހުޅުވާލުމުގެ ވިސްނުން ސަރުކާރުން ގެންގުޅެނީ ޓޫރިޒަމްއަކީ އިގްތިސާދުގެ މޭވާ ކަމުގައި ވާތީ އެވެ. އަދި އެ ގަހުގައި އަޅާ މޭވާއިން ފައިދާ ކުރަނީ ރައްޔިތުންނަށް ކަމަށާއި އެ ސިނާއަތް ނުހިނގާ ނަމަ އޭގެ ގެއްލުން އެންމެހާ ރައްޔިތުންނަށް ކުރާނެ ކަމަށެވެ.