ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް

ސްޓެލްކޯގެ ކަރަންޓު ހުއްދަނެތި އެތައް ގުނައެއް ބޮޑުކޮށް އެމް.ޕީ.އެލް އިން ވިއްކަނީ

“ވަތަން” އަށް މައުލޫމާތު ލިބުނު ގޮތުގައި، ރިފަރ ކޮންޓެއިނަރުތަކުގައި ރާއްޖެ އެތެރެކުރާ މުދާ، ކްލިއަރ ކުރުން ލަސްކޮށް ވިޔަފާރިވެރިންގެ އަތުން ކަރަންޓުގެ ހަރަދުގެ ގޮތުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ދަނީ ބޮޑު އަދަދެއް ނަގަމުންނެވެ.

ދިވެހިރާއްޖެއަކީ ތަރުކާރީއާއި މޭވާގެ 90 އިންސައްތަ އަދި އެއްގަމު މަގުގެ 100 އިންސައްތަ ބާވަތްތައް ރާއްޖެއަށް އިމްޕޯޓްކުރަން ޖެހިފައިވާ ޤައުމެކެވެ. މި ފަދަ އަވަހަށް ހަލާކުވާ މުދާ އާންމުކޮށް ރާއްޖެ އެތެރެ ކުރަނީ ފިނިކުރި (ރިފަރ) ކޮންޓެއިނަރުތަކުގައެވެ. މިފަދަ ކޮންޓެއިނަރުތަކަކީ ދުނިޔޭގެ ހުރިހާ ބަނދަރެއްގައިވެސް ޕްރެޖައިލް މުދަލުގެ ގޮތުގަ ކަނޑައަޅާ އަވަހަށް ކްލިއަރ ކުރާ ތަކެއްޗެވެ. ނަމަވެސް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މިފަދަ ރިފަރ ކޮންޓެއިނަރ ތަކަށް ހިދްމަތްދެނީ ލަހުން ކަމަށާއި، މި ފަދަ ކޮންޓެއިނަރުތައް ދޫނުކޮށް ދިގު ދެންމުމުގެ މަގްސަދަކީ ވިޔަފާރި ވެރިންގެ އަތުން ކަރަންޓުގެ ގޮތުގައި ބޮޑު އަދަދެއް ސްޓެލްކޯގެ ކަރަންޓު ހުއްދަނެތި ވިކައިގެން ނެގުމެވެ.

ސްޓެލްކޯގެ ގަވާއިދުގައި ބުނާ ގޮތުންނަމަ، ކަރަންޓު ތިންވަނަ ފަރާތަކަށް ވިއްކުމަކީ މަނާ ކަމެކެވެ. ނަމަވެސް އެމްޕީއެލް އިން މިގޮތަށް މިވިއްކާ ކަރަންޓު ދިވެހި ވިޔަފާރިވެރިންނަށް ވިއްކަމުންދަނީ ސްޓެލްކޯގެ ގަވާއިދު ތަކާއި ރާއްޖޭގެ އެނަރޖީ އޮތޯރިޓީގެވެސް ގަވާއިދު ތަކާވެސް ހިލާފަށެވެ. މޯލްޑިވްސް އެނަރޖީ އޮތޯރިޓީގެ ގަވާއިދުގައި ވަނީ، ދިވެހިރާއްޖޭގައި އުފައްދާ ހަކަތަ އެއްވެސް ފަރާތަކުން އެ އޮތޯރިޓީއިން ކަނޑައަޅާ އަގުތަކެއްގައި ނޫނީ ނުވިއްކޭނެ ކަމަށެވެ.

މޯލްޑިވްސް ޓްރޭޑް ޔޫނިއަންގެ ފަރާތުން “ވަތަން”އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، އެމްޕީއެލް އިން ދަނީ ކޮންމެ 40 ފޫޓުގެ ކޮންޓެއިނަރަކަށް ޔުނިޓަކަށް 50 ރުފިޔާގެ ރޭޓުން ދުވާލެއްގެ މައްޗަށް 1600 ރުފިޔާ ކަރަންޓުގެ ގޮތުގައި ވިޔަފާރިވެރިންގެ އަތުން ނަގަމުންނެވެ. މިފަދަ ހުއްދަނޫން އާމްދަނީއެއް ހޯދުމަށް ރިފަރ ކޮންޓެއިނަރުތައް ލަސްކުރުމުގެ ސަބަބުން ބައެއް ކޮންޓެއިނަރުތަކަށް 9،000 ނުވަތަ 10،000 ރުފިޔާ ކަރަންޓުގެ ގޮތުގައި ވިޔަފާރިވެރިން ދައްކަންޖެހެއެވެ. މިފައިސާއަކީ މުދަލުގެ އަގަށް އިތުރުވާ ބަޔަކަށްވުމުން އާންމުނަށް މިފަދަ މުދާ ގަންނަން ލިބޭ އަގުވެސް މަތިވެގެން ދެއެވެ.

ހުއްދަނޫން ގޮތުގައި އެމްޕީއެލް އިން ވިއްކާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް މޯލްޑިވްސް ޓްރޭޑް ޔޫނިއަން އިން އެތައް ފަހަރަކު ވަނީ ސްޓެލްކޯ، އެމްޕީއެލް އަދި އެނަރޖީ އޮތޯރިޓީގެ އިސްވެރިންނާއި ބައްދަލުކޮށްފައެވެ. މޯލްޑިވްސް ޓްރޭޑް ޔޫނިއަން އިން ބުނީ، މި ތިން މުވައްސަސާއަކީ ސަރުކާރަށް ނިސްބަތްވާ ތަންތަނަށްވާތީ ކުރެވުނު މަސައްކަތުގެ ނަތީޖާ ނެރެވިފައިނުވާ ކަމަށެވެ.

ރާއްޖޭގަށް މިހާރު ކުރިމަތިވެފައިވާ ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން އެމްޕީއެލްގެ މަސައްކަތްތަށް ކުރިއަށްދާ ވަގުތުތައް މަދުވުމުގެ ސަބަބުން ރޯދައަށް ވިޔަފާރިވެރިން ގެނައި ގިނަ މުދާ ޕޯޓުގައި ވަނީ ކްލިއަރ ކުރެވޭނެ ތާރީހެއް ނޭނގި ތާށިވެފައެވެ. އަދި މިފަދަ ރިފަރ ކޮންޓެއިނަރުތަކަށް ނަގާ ކަތަންޓުގެ އަގު ދަނީ ދުވަހެއް ދުވަހަކަށް އިތުރު ވަމުންނެވެ. ނަމަވެސް އެމްޕީއެލް އިން ކަރަންޓުގެ އަގަށް ބަދަލެއް އައިސްފައިނުވާ ކަމަށްވެސް މައުލޫމާތު ދިން ފަރާތުން ވަނީ ބުނެފައެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ