ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މުސާރައާއި އިނާޔަތްތަކަކީ އެ ކުންފުންޏާއި އެއް ގިންތިއެއްގައި ހިމެނޭ ހުރިހާ ކުންފުންޏެއްގެވެސް މެނޭޖިން ޑިރެކްޓަރުގެ މުސާރައާއި އިނާޔަތްތައް ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މުސާރައާއި ގުޅިގެން މީޑިއާގައި އާންމުވެފައިވާ ވާހަކަތަކާ ގުޅިގެން އެ ކުންފުނިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ސަރުކާރު އައުމުގެ ކުރިން އެ ކުންފުނީގެ އެމްޑީންގެ މުސާރަތައް ކަނޑައަޅަމުން ގޮސްފައިވަނީ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ކަމަށެވެ. ނަމަވެސް މި ސަރުކާރު އައުމަށްފަހު ސަރުކާރު ކުންފުނިތަކުގެ ހިންގުން އިތުރަށް ހަރުދަނާކުރުމަށް އެޅިފިޔަވަޅުތަކާއެކު މިހާރު ކުންފުނީގެ އެމްޑީންގެ މުސާރަ ކަނޑައަޅަނީ މިނިސްޓްރީ އޮފް ފިނޭންސް އިން ކުންފުނިތައް ގިންތި ކޮށް މުސާރަތައް ކަނޑައަޅާފައިވާގޮތުގެ މަތިން ކަމަށް ސްޓެލްކޯއިން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ.
ސްޓެލްކޯއިން މި ނޫސް ބަޔާން ނެރިފައިވަނީ، ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މުސާރައާއި އިނާޔަތްތަކާއި ބެހޭގޮތުން އެކި ގޮތްގޮތަށް ބައެއް ނޫސްތަކުގައި އަދި ސޯޝަލް މީޑިއާގައި ދެކެވެމުންދާ ވާހަކަތަކާއި ގުޅިގެން އެކަމުގެ ހަގީގަތް ރައްޔިތުންނަށް ސާފުކޮށްދިނުމަށެވެ.
ސްޓެލްކޯގެ އެމްޑީގެ މުސާރަ ބަޔާންކޮށް، ރައްޔިތުން މަޖިލީހުގެ ކޮމިޓީއަކަށް ފޮނުވި ސިޓީއެއް ލީކްވި މައްސަލަ ބަލައި ދިނުމަށް ސްޓެލްކޯއިން ވަނީ މަޖިލީހުގެ ރައީސްގެ ކިބައިން އެދިވަޑައިގެންފަ އެވެ.