ރާއްޖޭގައި ފުރަތަމަ ފަހަރަށް ވާޗުއަލްކޮށް ކެބިނެޓް މެމްބަރުންގެ ބައްދަލުވުމެއް މިއަދު ކުރިއަށް ގެންގޮސްފި އެވެ.
ކޮވިޑް-19 އާ ގުޅިގެން މުޅި މާލެ ފުރަބަންދުކޮށްފައިވާ އިރު، އެކަމާ ގުޅިގެން ސަރުކާރުގެ ގިނަ މަސައްކަތްތަކެއް ވަނީ އޮންލައިންކޮށް ފޯރުކޮށްދޭން ފަށައިފަ އެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިސްކޮށް ހުންނަވައި މިއަދު ކުރިއަށް ގެންދެވި ކެބިނެޓް ބައްދަލުވުމުގައި ކޮވިޑް-19ގެ ހާލަތާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ. އަދި އެ ވައިރަސް ކޮންޓްރޯލުކުރުމަށްޓަކައި އަޅަމުން ގެންދާ ފިޔަވަޅުތަކާ ގުޅޭގޮތުންވެސް އެ ބައްދަލުވުމުގައި ވަނީ މިއަދު މަޝްވަރާކުރައްވާފަ އެވެ.
އެކަމާ ގުޅޭގޮތުން މިއަދު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވައިރަސްގެ މި ހާލަތުގައި ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ހުރިހާ މުއައްސަސާއެއް އެކުވެގެން ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި އެ މަސައްކަތް ކުރާނީވެސް އެއްކޮށް ކަމުގައި އޭނާ ވިދާޅުވި އެވެ.
މިއަދުގެ ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ ސިސްކޯ ވެބްއެކްސް ޕްލެޓްފޯމް ބޭނުންކޮށްގެނެވެ.