ވާހަކަ: ހަޔާތުގެ ކުލަތައް (1)

އިންސާނާގެ ހަޔާތުގައި އެކިކަންކަން ހިނގާދެޔެއެވެ. މަންމަގެ އުނގުން ކަށްވަޅަށް ދިއުމާއި ހަމައަށް އެތައް އުނދަގޫ އަދި ފަސޭހަ ދަތުރުތަކެއް ކުރެއެވެ. އެއްބަޔަކަށް އުފާވެރިކަމެވެ. އަނެއް ބަޔަކަށް ހިތާމައެވެ. އަނެއް ބަޔަކަށް ނަފްރަތާއި ރުޅިވެރިކަމެވެ. މިއީ އިންސާނަކު މައިގަނޑުގޮތެއްގައި އެމީހެއްގެ ހަޔާތުގައި ތަޖުރިބާކުރާނެ ޖަޒުބާތުތަކެވެ. އަހަރެމެންގެ ތެރެއިން ކޮންމެ މީހަކީވެސް ހަޔާތުގައި އެކި ހާދިސާތައް ދިމާވެފައިވާ ބައެކެވެ. ބައެއް ހާދިސާތަކަކީ ހަނދާނުން ފޮހެލަން ފަސޭހަ ކަންކަމަށް ވެގެންދާއިރު އަނެއްބައި ކަންކަމަކީ ދިގު އަހަރުތަކަކަށް ހަނދާނުން ނުފިލާ ކަންތައްތަކެކެވެ.

މެންދުރުގެ އެންމެ އަވިދޭ ވަގުތުގައި ގޯތިތެރޭގައި ހެދިފައި ހުރި އަނބުގަހުން ގޯތިތެރެއަށް ހިޔާލިބި ފިނިވައިރޯޅި ޖެހެމުން ދިޔަ ނަމަވެސް ޒުހުރާގެ ހިތަކަށް އެ ފިނިކަމުގެ އެއްވެސް އަސަރެއް ނުކުރެއެވެ. ހިތާއި ސިކުނޑީގައި އެތައް ބިޔަ ރާޅުތަކެއް ނަގަމުން ދިޔައިރު ޒުހުރާ އިނީ އެ ބިޔަ ރާޅުތަކުގެ ތެރޭގައި ދެވޭ މިސްރާބު ނޭންގޭ ހާލުގައެވެ. އުމުރުގެ ގޮތުން ޒުހުރާ ކިތަންމެ ހަގަސް، ޒުހުރާއަށް ދިރިއުޅުމުގެ ދަތިއުނދަގޫ ކަމާއި، ދިރިއުޅުމަކީ ފަސޭހަ އެއްޗެއް ނޫންކަން ވަނީ ދަސްވެފައެވެ.

“ޒުހުރާ! ޒުހުރާ!.” ބޮލުގައި ކައްކަމުންދިޔަ ހިޔާލީ ފޮލާ ބަންޑުންވީ މަންމަގެ ގޮވުމުގެ އަޑަށެވެ. “އާދެބަލަ މި މަސްކިބަ ކޮށާލަދޭން. ބައްޕަ ގެއަށް އަންނަންވާއިރަށް ޖެހޭނެ ސައިބޯ އެއްޗެއް ހަދަން. އެހެންނޫނީ ކަންތަކާ ޖެހުނީ.” ޒުހުރާއަކީ މައިންބަފައިންނަށް ކިޔަމަންތެރި ކުއްޖެކެވެ. އޯލެވެލްގެ އަހަރު ކިތަންމެ ބުރަކޮށް ކިޔެވުމުގައި ވަގުތު ހޭދަކުރަން ޖެހުނަސް ގޭތެރޭގެ މަސައްކަތުގައި އަބަދުވެސް މަންމައަށް އެހީވުމުގައި ޒުހުރާ ދެކޮޅެއް ނުހަދައެވެ. ސައިބޯން މަސްހުނިކޮޅު ރަނގަޅަށް ނުމޮޑެވި އުޅުނީސް، ސައިބޯ ގަޑިއަށް ފިހާރަ ބަންދުކޮށްފައި ބައްޕަ އައި އަޑުއިވުނެވެ.
“މިއަދުވެސް ސައިބޯ އެއްޗެއް އަދި ނުހެދެނީތަ؟ މިދެން ކިހާ ދެރަކަމެއް. ކޮންމެ ދުވަހަކު ނުވަގަޑި ބަޔަށް ޖެހޭނެ ސައިބޯ އެއްޗެހި ތައްޔާރުވެފަ ހުންނަން. ގޭގަ ބޮޑު ދެމީހުން ތިބޭއިރުވެސް މިވަރުނުވެ.” ކަންކަމަށް ކުދިކިޔާ، މޫނުކުނިކުރުމަކީ ޔޫސުފްގެ އާދައެކެވެ. އޭނާއަކީ ރުންކުރު،މީހަކަށް އިހްތިރާމް ނުކުރާ ހާލު ހަލާލު އަނބިމީހާއަށްވެސް އެއްވެސް އިހުތިރާމްއެއް ކުރާ މީހެއް ނޫނެވެ. “ކޮންމެ ދުވަހަކު ސައިބޯން އަންނައިރު ހުންނާނީ ސައިހަދާފަ. މަވެސް މިއުޅެނީ ބަލިވެ. މި ކުއްޖާގެ ވެސް އޯލެވެލް އަހަރު. އަބަދަކު ބަދިގެއަކު ނޫޅެވޭނެ. އެންމެ ދުވަހަކު ކަމެއް ނުވިޔަސް ޔޫސުފް ތިވާހަކަ ތިހެން ނުދައްކަބަލަ.” އަމީނާ ޖަވާބުދިނެވެ. “އެންމެ ދުވަހަކުތަ؟ ކިތައް ދުވަހު މިހެންވީ. ކަލޭމެން އަންހެނުންނަކީ ކީއްކުރާ ބައެއް. ގޭތެރޭގެ ތިބުން ފިޔަވާ އިތުރު ކަމެއް ކުރެވޭތަ؟ ކަލޭތީ ހަމަ ކަލޭ އާއިލާ މީހުން ކަހަލަ ކަންނެތް އަންހެނެއް. ކަލެއާ އިނދެގެން އުޅުނަސް ވާކަމެއް ހަރާން!. ދެން ހެޔޮ!. މިހާރު ސައިބޮވިއްޖެ.” ޔޫސުފް އައި ރުޅީގައި މޭޒުމަތީގައި ހުރި ސައިތަށި ހޫރާލިއެވެ. އެވަގުތު ޒުހުރާ ބާރު ހިނގުމެއްގައި ހިނގާފައި ގޮސް ކޮޓަރިއަށް ވަނެވެ. މަންމައާއި ބައްޕަގެ ޒުވާބު ފެށުމުންނެވެ. ޒުހުރާއަށް އެއީ އާކަމެއް ނޫނެވެ. ބައްޕަ، މަންމައާއި މެދު އެފަދަ އިހާނެތި ބަސްތައް ބޭނުންކުރާތީ ޒުހުރާގެ ހިތުގައި އެތައް ސުވާލެއް އުފެދެއެވެ. އަނބިމީހާއާއި މެދު އިހުސާންތެރިވުމަށް ހެއްދެވިފަރާތުން އަންގަވާފައިވާއިރު ފިރިން އަނބިންނާމެދު އެފަދަ ބަސްމަގުން މުހާތަބުކުރަނީ ކީއްވެބާއެވެ. އަނބިމީހާގެ ދަރަޖައަކީ އެއީހެއްޔެވެ؟ އަނބިންނަކީ އެއްވެސް ބަޔަކަށް ނުވަނީ ކީއްވެހެއްޔެވެ؟

ދުވަސްތައް ފާއިތުވަމުން ގޮސް ޒުހުރާގެ އޯލެވެލް ނިމި ނަތީޖާވެސް ލިބިއްޖެއެވެ. ގޭތެރޭ މައިންބަފައިންގެ ޒުވާބުގެ ތެރޭގައި އުޅެ ބޮޑުވެ ކިޔަވަން ކުރި ހިތްވަރުގެ ނަތީޖާ ކިތަންމެހާވެސް ފޮންޏެވެ. ނަތީޖާ ލިބުނު ދުވަހު ބައްޕަގެ މޫނުމަތިން އެތައް އަހަރުތަކެއް ފަހުން އުފާވެރިކަމުގެ ހިނިތުންވުމެއް ޒުހުރާއަށް ފެނުނެވެ. ޒުހުރާއަށް އެކަންވީ އާ ކަމަކަށެވެ. ޒުހުރާއަށް ހީލަންވެސް ނުކެރުނެވެ. “ޒުހުރާ!. ބައްޕައަށް ކިޔަވައިދެވޭނެ އެންމެ މައްޗަކަށް ތިހުރީ ކިޔަވައިދެވިފައި. ބައްޕައަކަށް ނުފެނެ ޒުހުރާ އިތުރަށް ކިޔަވާކަށް. ތީ އަންހެން ކުއްޖެއް. އަންހެން ކުއްޖަކު ކިތަންމެ މަތީ ފާހެއް ހޯދިޔަސް މީހަކާ އިދެ ދަރިން ލިބުނީމަ ޖެހޭނީ ގޭގަ އިންނަން.” އަށާރަ އަހަރު ފުރެންދެން ވަޒީފާއަކަށް ދިޔަސް މައްސަލައެއް ނެތް. އެކަމަކު އަށާރަވީމަ ދެން އެވީ މީހަކާ އިންނަން.”

ޔޫސުފްގެ އެ ޖުމްލަތަކުން ޒުހުރާގެ ހިތްހަލާކުވިއެވެ. ދިރިއުޅުމަށް ދެކެމުން އައި ހުވަފެންތައް ވިއްސިވިހާލިވިއެވެ. ޒުހުރާ ދިރިއުޅުމުގައި ބޭނުންވަނީ ކޮން ގޮތެއްތޯ އެންމެ ފަހަރަކުވެސް އަހާނުލިއެވެ. ޒުހުރާއަށް މަޑުމަޑުން އޭނާގެ މަންމައާއި ދިމާލަށް ބަލާލެވުނެވެ. އޭނާގެ މަންމަގެ މޫނުމަތިވަނީ މިލާ މޯޅިވެފައެވެ. ދުލުން ކިތަންމެ އެއްޗެއް ބުނަން ބޭނުންވި ނަމަވެސް، އެ ދުލުގައި ތަޅު އަޅުވައިގެން އެ ހުރީ އިތުރަށް ޒުވާބުތަކެއް ކުރަން ބޭނުންނުވާތީކަން އެ މޫނުމަތިން ދޭހަވެއެވެ. ޒުހުރާގެ ހިތްމަރުވިއެވެ. ކުޑައިރުއްސުރެން ދެކެމުން އައި ހުވަފެންތައް ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ހުދުކަފުނަށް ވިއެވެ. ބައްޕައާއި ދެކޮޅަށް ބަހެއް ބުނުމަކީ އޮޅިގެންވެސް ޒުހުރާއަށް ކުރެވޭނެ ކަމެއް ނޫނެވެ.

ޔޫސުފް ބުނިގޮތަށް، އެ ރަށުގެ އޮފީހުން ވަޒީފާ ހަމަޖެހުމުން ޒުހުރާ ވަޒީފާއަށް ނިކުންނަން ފެށިއެވެ. އޮފީހުގެ މާހައުލަށް ނިކުންނަން ފެށުމުން އެކި މިޒާޖުގެ ރައްޓެހިންނާއި ދިމާވާން ފެށިއެވެ. ޒުހުރާއަކީ އެއްވެސް އިރެއްގައި ގެއިން ނިކުމެ އުޅޭ ކުއްޖަކަށް ނުވާތީ މާބައިވަރު ރައްޓެހިންނެއް ނުތިބެއެވެ. ރައްޓެހިން ތިއްބަސް އެމީހުންނާއި ދިމާވަނީ މަދުފަހަރެއްގައެވެ. ވުމާއެކު އޮފީސްތެރެއިން އައު ރައްޓެހިންތަކެއް ލިބިގެން ދިއުމަކީ ޒުހުރާގެ އަނދިރި ހަޔާތަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. އޮފީހުގައި ގިނައީ ޒުހުރާއަށްވުރެ އުމުރުން ދޮށީ މީހުންނެވެ. ޒުހުރާގެ އުމުރުން ސަތާރަ އަހަރު ނަމަވެސް، މަސައްކަތުގެ މާހައުލުގައި ޒުހުރާގެ ކުޅަދާނަކަން ފެނިފައި ގިނަ ބަޔަކު އޭނާއަށް ތައުރީފުކުރެއެވެ. އޮފީހުގައި މަސައްކަތްކުރާ ގިނަ މީހުންނަކީ އޮންލައިންކޮށް ކިޔަވާ މީހުންނެވެ. ކޮންމެ މީހަކުވެސް ބޭނުންވަނީ ކިޔަވައިގެން އެޔަށްވުރެ މަތީ މަގާމަކަށް ދާށެވެ. އަނެއްބަޔަކު ތައްޔާރުވަމުން އައީ މާލެއަށް އިތުރަށް ކިޔަވަން ދިއުމަށެވެ. އެމީހުން ޒުހުރާއަށްވެސް އިތުރަށް ކިޔެވުމަށް ހިތްވަރުދެއެވެ. ނަމަވެސް ޒުހުރާގެ ޖަވާބަކީ ހަނުހުރުމެވެ.

އޮފީހުން ޒުހުރާއާއި އެންމެ ގާތްގޮށް ވާހަކަދައްކާ ހީ ސަމާސާކުރާ މީހަކީ ދާނިޝްއެވެ. ދާނިޝްއަކީ ޒުހުރާއަށްވުރެ ފަސް އަހަރު ދޮށީ މީހެއް ނަމަވެސް ޒުހުރާއާއި ދާނިޝް މަދު ދުވަސްކޮޅެއްގެ ތެރޭގައި ވަރަށް ގާތް ރަހުމަތްތެރިންނަށް ވެގެންދިޔައެވެ. އޭނާއަކީ ރީތިހުސްކުރި ފިރިހެނެކެވެ. ދާނިޝްވެސް ދުވަސްކޮޅެއް ފަހުން ކިޔަވަން މާލެ ފުރަން އުޅޭ ވާހަކަ ޒުހުރާ ގާތުގައި ބުންޏެވެ. ދާނިޝްވެސް ޒުހުރާގާތު އެދެމުން ދިޔައީ މާލެއަށް ކިޔަވަން ދިއުމަށެވެ. ހުރުމާއި ކެއުމުގެ ކަންކަން ހަމަޖައްސައިދޭނެ ކަމަށް ދާނިޝް ބުންޏެވެ. ނަމަވެސް އެ ނިންމުން ޒުހުރާ ނިންމާނީ ކިހިނެއް ހެއްޔެވެ.

ދުވަސްތައް މަސްތަކަށް ބަދަލުވަމުން ގޮސް، ޒުހުރާއާއި ދާނިޝްއާއި ދެމެދު ވަރަށް ގާތް ގުޅުމެއް އުފެދިގެން ދިޔައެވެ. އޮފީސްތެރޭ އެކަކަށްވެސް މިއިން ކަމެއްގެ ހިލަމެއްވެސް ނުވެއެވެ. މިހާ ހިސާބުން ޒުހުރާ ދާނިޝްއާއެކު މާލެ ދާނެ ގޮތެއް ވިސްނަންފެށިއެވެ. ހަރުކަށި ބައްޕައަށް ވިސްނައިދޭނީތޯ ނޫނީ އަމިއްލަ ދިރިއުޅުމުގެ ހައްގުގައި ބައްޕައާއި ދެކޮޅަށް ތެދުވާނީތޯއެވެ. ހަތްފެނަށްލާ ކެއްކިއަސް ބައްޕަގެ ސިކުނޑީގައި އެވާ ވިސްނުން ބަދަލުނުވާނެކަން އެނގުނީ އެވާހަކަ އެތައް ފަހަރަކު ދައްކައިގެންވެސް އޭނާގެ ބައްޕަ އެކަމަށް ދެކޮޅުހެދުމުންނެވެ.
ނަމަވެސް ޒުހުރާ ހަތިޔާރު ބަހައްޓާކަށް ބޭނުމެއް ނޫނެވެ. އެއް އަހަރު ދުވަހުގެ ކޯސްފީ ދެއްކޭވަރަށް ފައިސާ ރައްކާކުރެވުމާއެކު ޒުހުރާ ނިންމީ އޭނާގެ ބައްޕައާއި ދެކޮޅަށް ދާނިޝްއާއެކު މާލެ ދިއުމަށެވެ. މިހުރިހާ ކަމަކަށް ހިތްވަރުދިނުމަށް އޭނާގެ މަންމަ ހުރީ ދަރިއަށްޓަކައި ރަނގަޅު މުސްތަގުބަލެއް ބިނާކޮށްދޭން ބޭނުންވާތީއެވެ. ދާނިޝްއަށް އިތުބާރުކޮށް، ޒުހުރާ އެންމެފަހުން ނިންމީ އޭނާގެ ބައްޕައަށް ނޭންގޭގޮތަށް ރަށުން ފުރައިގެން މާލެދިއުމަށެވެ. ޒުހުރާ ބޭނުންވަނީ ލޯޔަކަށްވާށެވެ. އެކަން ކުރުމަށްޓަކައި ވެވެން އޮތް ހުރިހާ ގުރުބާނީއެއްވުމަށް ޒުހުރާހުރީ އަތުރުކުރި އޮޅާލައިގެންނެވެ. އެތަކެއް ދޮގުތަކެއްގެ ހިޔަނީގައި ޒުހުރާއަށް މާލޭ ފަސްގަނޑުގައި ފައިޖައްސާލެވުނެވެ. މަދުމަދުން މާލެއަށް އާދެވިފައިހުރި ނަމަވެސް، ޒުހުރާއަށް މާލެއަކީ ވަރަށް އާ ތަނެކެވެ. ނަމަވެސް ދާނިޝް އެއާ ތަފާތެވެ.

އެނގޭހެއްޔެވެ. ޒުހުރާގެ ދިރިއުޅުން ހިތަށްވެސް ނާރާފަދަ ގޮތަކަށް ބަދަލުވެގެންދާނީ އެފުރަ މާލެއިން ކަމެއް ޒުހުރާއަށް ރެއަކާވެސް ނުލައެވެ. ޒުހުރާ ކުރިއަށް އެޅި ފިޔަވަޅުން މައިންބަފައިން ރަށުތެރޭގައި ބޭޒާރުވެ ޒުހުރާއަށް އޭނާގެ މުޅި ދިރިއުޅުން ގެއްލޭ ހިސާބަށް އާދެވުނުއިރު ފަސްއެނބުރި ފަހަތަށް ހިނގައިގަތުމުގެ ވަގުތު ވަނީ ފާއިތުވެފައެވެ. (ނުނިމޭ) – ދެވަނަ ބައި ކިޔާލާ!

 

ލިންކް: މިވާހަކައިގެ ހުރިހާ އެޕިސޯޑެއް ކިޔާލާ!

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ

One Response

Comments are closed.