މަނީ ލޯންޑަރިންގެ ކުށް ސާބިތުގެ ފަސް އަހަރަށް ޖަލަށް ލާފައިވާ ރާއްޖޭގެ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަން ކުރުމަށް ގޮވާލައި، ޑީއާރުޕީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ގަރާރު އަނބުރާ ގެންދަވައިފިއެވެ.
ގަރާރު އަނބުރާ ގެންދެވުމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ޖާބިރު ފޮނުއްވި ސިޓީގައި ވިދާޅުވީ، ގަރާރު އަނބުރާ ގެންދިޔުމަށް ނިންމީ، މި މައްސަލައަކީ މިހާރުވެސް މަތީ ކޯޓުތަކުގައި ހިނގަމުންދާ މައްސަލައަކަށްވުމުން، މަޖިލީހުގައި އެފަދަ ބަހުސެއް ހިންގުމަކީ ތިންބާރު ވަކިވެފައިވާ ނިޒާމެއްގައި އެންމެ އެދެވޭ ގޮތްކަމަށް ނުފެންނާތީ ކަމަށެވެ.
ނަމަވެސް ޖާބިރު ވަނީ ރައީސް ޔާމީންގެ އިސްތިއުނާފުގެ ޝަރީއަތުގެ އަޑުއެހުންތައް އަވަސްކޮށް، އެމަނިކުފާނަށް ވީހާވެސް އަވަހަކަށް އިންސާފު ހޯދައިދިނުމަށް ގޮވާލައިފައެވެ.
އެ ގަރާރުގައި ވިދާޅުވެފައިވަނީ، މިވަގުތު ހޯއްދެވެން އޮތް އެހީތެރިކަމެއް ހޯއްދެވުމަށްޓަކައި ރައީސް އަބްދުﷲ ޔާމީނާ އެކު މަޝްވަރާކުރެއްވުމަކީ މިވަގުތު ދިވެހި ރައްޔިތުންގެ ހައްގުގައި ކޮންމެހެން ކުރަން ޖެހިފައިވާ ކަމެއް ކަމަށް ދެކިލައްވާ ކަމަށެވެ.
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާ ގުޅިގެން މިހާތަނަށް ރައީސް ޔާމީންނަށް އެކަނި ހުކުމް ކޮށްފައިވާއިރު، އެމަނިކުފާނު ފަސް އަހަށް ޖަލަށް ލާން ހުކުމްކޮށްފައިވަނީ، އެމްއެމްޕީއާރްސީގެ ފައިސާ އިން އަމިއްލަފުޅު އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރު ލޯންޑާ ކުރެއްވި ކަމުގެ ކުށް ސާބިތުވެ ވެގެންނެވެ.