އެއްވެސް ޖަލަކުން ކޮވިޑް-19 މިހާތަނަށް ފެނިފައި ނުވުމަކީ ލިބޭ ހިތް ހަމަޖެހުމެއް ކަމަށް ކޮމިޝަނާ އޮފް ޕްރިޒަންސް އަހްމަދު މުހައްމަދުފުޅު ވިދާޅުވެއްޖެ އެވެ.
އަހްމަދު މުހައްމަދުފުޅު މިގޮތަށް ވިދާޅުވީ، މިއަދު ފާހަގަ ކުރައްވަމުންދާ ފިތުރު އީދުގެ ތަހުނިޔާ ވިދާޅުވެ، ފޮނުއްވި ވީޑިއޯ މެސެޖެއްގައެވެ.
ކުރު ވީޑިއޯ މެސެޖްގައި އޭނާ ވިދާޅުވީ، ރާއްޖެއިން ކޮވިޑް19 ފެނުމާއެކު އެ މުއައްސަސާގެ އެންމެ ބޮޑު އަމާޒަކަށްވީ، ޖަލުތަކަށް ވައިރަހުގެ އަސަރު ނުފޯރާނެ ގޮތަށް ކަންކަން ރޭވުން ކަމަށާއި، އެގޮތުން ގައިދީންނާއި އޮފިސަރުންގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައި ވަރަށް ކުރީކޮޅު ހަރުދަނާ ފިޔަވަޅުތަކެއް އެޅިކަމަށެވެ.
އެގޮތުން އެ މުއައްސަސާއިން ދެމުން އައި ހިދުމަތްތައް އޮންލައިންކޮށް، މާލެ ފުރަބަންދުކުރި ދުވަހުން ފެށިގެން ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުން ހިންގާ ހުރިހާ ޖަލުތަކެއް ވަނީ އެލާޓް ހާޅަތަކަށް ގެނެވި ބަންދު ކުރި ކަމަށް އޭނާ ވިދާޅުވިއެވެ.
ކަރެކްޝަންސް ބެލުގެ ދަށުގައި ހަތަރު ޖަލެއް ހިމެނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ މާފުށީ ޖަލާއި، ހިންމަފުށީ ޖަލާއި، ހުޅުމާލެ ޖަލާ އަދި މާލެ ޖަލެވެ. އެ ހުރިހާ ޖަލުތަކުގައިވެސް ވައިރަސް ނެތްކަން ޔަގީން ކުރުމަށް ވަނީ ރެންޑޮމް ސާމްޕަލްތަކެއް ނަގާފަ އެވެ.