ރައީސް ނަޝީދުގެ ދެމިޔަލީ ސިޔާސަތުތައް: ކަތިވަނީ ކޮންބައެއް؟

“ޖަޒީރާ ރައީސް”ގެ ކެމްޕޭނާ ހަމައިން ފަށަމާ ހިނގާށެވެ. ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަން ނިމުމަކަށް ގެނައުމަށްޓަކައި ގުޅިފައިވާ ކޯލިޝަނަކުން ވަރަށް ޖޯޝުގައި މަސައްކަތްކުރަމުން ގެންގޮސް، ރިޔާސީ ކެންޑިޑޭޓަކު ނެރެން ކުޑަތަންވީ ވަގުތު، ރައީސް މުޙައްމަދު ނަޝީދު ކުއްލިއަކަށް “ޖަޒީރާ ރައީސް”ގެ ނަމުގައި ރިޔާސީ ޓިކެޓަށް ކެމްޕޭން ކުރައްވަން ފެއްޓެވިއެވެ. އޭރު އެމަނިކުފާނު ހުންނެވީ ޝަރުއީ ހުކުމެއް ތަންފީޒު ކުރެއްވުމަށްޓަކައި ބަންދުގައެވެ. ރާއްޖެއިން ބޭރުގައެވެ. އެހިސާބުން ރައީސް ނަޝީދާއި އޭނާގެ ޓީމުން އެންމެ ބޮޑަށް އޭރުގެ ސަރުކާރަށް ކުރަމުން ގެންދިޔަ ޑިމާންޑަކީ ރައީސް ނަޝީދު މިނިވަންކޮށް އިންތިހާބުގައި ބައިވެރިވެވޭނެ ގޮތް ހަދައިދިނުމެވެ. ބިދޭސީ ކަރަކަރައިން އޭރުގެ ސަރުކާރަށް ސީދާ އަދި ނުސީދާ ޕްރެޝަރުތައްވެސް އެކަމުގައި ކެނޑިނޭޅި ކުރިމަތިވަމުން ދިޔައެވެ.

ނަޝީދުގެ ކުއްލި ކެމްޕޭނުގެ ސަބަބުން ގުޅިފައިވާ އިއްތިހާދުގެ އިސްބޭފުޅުންގެ މެދުގައި ޚިޔާލު ތަފާތުވުން އުފެދުނެވެ. ރިޔާސީ ކެންޑިޑޭޓަކު ކަނޑައެޅުމުގައި އެންމެންގެ ޚިޔާލު އެއްގޮތް ނުކޮށް، ނަޝީދު ރިޔާސީ ޓިކެޓަށް ކެމްޕޭން ހިންގަވަން ފެއްޓެވުމުން އެމްޑީޕީގެ ނިޔަތާމެދު ސުވާލު އުފެދުނެވެ. އެމްޑީޕީ މެންބަރުންގެ މެދުގައިވެސް ވިސްނުން ދެކަފިވީ މިހިސާބުންނެވެ.

އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓަކު ނެރެން ވަގުތު ކުޑަތަން ވެގެން އައިއިރުވެސް ނަޝީދު ހުންނެވީ ޝަރުއީ ބަންދުގައެވެ. އެހެންކަމުން އެމްޑީޕީން އިއްތުފާގުވީ ރައީސް ނަޝީދުގެ ބަދަލުގައި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓަކަށް އިބްރާޚިމް މުހައްމަދު ސޯލިހު ކަނޑައެޅުމަށެވެ. އެނިންމުމާ ހަމައަށް ވާސިލްވެވުނުއިރު އެމްޑީޕީގެ އިސް ސަފުގައި ރެނދުލައިފިއެވެ. ރައީސް ނަޝީދުގެ ގޮތް ދޫނުކުރެއްވުގެ ނަތީޖާއެވެ.

ޤައުމީ އިއްތިހާދުން އިއްތުފާގުވި ކެނޑިޑޭޓަކީވެސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)އެވެ. އެހެންކަމުން ރައީސް ޔާމީނާ އިންތިހާބުގައި ވާދަކުރައްވާ އިބޫ ރިޔާސީ އިންތިހާބު ކާމިޔާބުކުރައްވައި، ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާ ކުރެއްވުމުން ދިވެހި ޤައުމު އުފަލުން ފޮޅުނެވެ. އެހެންނަމަވެސް ރައީސް ނަޝީދުގެ ވަކިތަކުން އިބޫ އާއި ސަރުކާރަށް ހިނގައިގަންނަން ދަތިވިއެވެ. ފުރަތަމަވެސް ޚިޔާލުތަފާތުވުމެވެ. އިބޫގެ ކެބިނެޓާމެދު ރައީސް ނަޝީދުގެ މާބޮޑު ރުހުމެއް ނެތެވެ. އެހެންނަމަވެސް އިބޫ އިސްކުރެއްވީ އިއްތިހާދުގެ މަސްލަހަތެވެ. އެހިސާބުން ނަޝީދު އިސްވެ ހުންނަވައި އެމްޑީޕީގެ ރައްޔިތުންގެ މަޖިލީހުގެ ކެމްޕޭން ފެއްޓެވިއެވެ. ސަރުކާރުގެ މާބޮޑު ބަހެއް ހޯއްދެވުމަކާ ނުލައެވެ. ދަތުރުތައް ފެއްޓެވިއެވެ. ޖަލްސާތައް ކުރިއަށް ދާން ފެށިއެވެ. އެންމެ ފަހުން ނަޝީދުވެސް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމަށް ކެމްޕޭން ފެއްޓެވިއެވެ.

“ޖަޒީރާ ރާއްޖެ”ގެ ނަމުގައި ސިޔާސަތުތައް ނުކުންނަން ފެށިއެވެ. އެހިސާބުންވެސް އިއްތިހާދުގެ މެދުގައި ޚިޔާލުތަފާތުވުން އެފެދުނެވެ. ބައެއް ސިޔާސަތުތަކާމެދު ފާޅުގައި އިއްތިހާދުގެ ބޭފުޅުން ދެކޮޅު ހެއްދެވުމުން އަނެއްކާވެސް ޖެހުނީ ޚިޔާލު އެއްގޮތްކުރަން މަސައްކަތްކުރާށެވެ. އެކަމުގައި ވެސް އިސްނެންގެވީ ރައީސް އިބޫއެވެ. ކާމިޔާބުވެސް ހޯއްދެވިއެވެ. ހިކުމަތްތެރިކަމާއެކުގައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީއަށް ސާފު އަޣުލަބިއްޔަތު ލިބުމުން، މަޖިލީހުގެ ރިޔާސަތަށް އިސްކުރާނެ ފަރާތަކާމެދު ޕާޓީ ތެރޭގައި ޚިޔާލުތަފާތުވުން އުފެދިގެން ދިޔައެވެ. އެއީ ރައީސް ނަޝީދު، އައްޑު އަތޮޅު ހިތަދޫ މުހައްމަދު އަސްލަމް މަޖިލީހުގެ ރައީސްކަމަށް ވަރަށް އެކަށީގެންވާ ކަމަށް ވިދާޅުވެ، އެކަމަށް ފާޅުގައި ކެމްޕޭން ފެއްޓެވުމާ ގުޅިގެންނެވެ. ނަޝީދުގެ މި ނޮމިނޭޝަނާ ގުޅިގެން އެމްޕީޑީ ތެރެއިން އިތުރު ނަމެއްގެ ގޮތުގައި ތ. ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފުގެ ކެމްޕޭންވެސް ވަރުގަދަވެފައި ސަރުކާރުގެ ވަޒީރުންގެ ލެވަލްގައި އަފީފުގެ ކެމްޕޭނަށް ތާއީދުކުރައްވައި، މެންބަރުންގެ ރުހުން ހޯއްދެވުމުގެ މަސައްކަތުގައި ފޯރި ހިފިއެވެ. އާޚިރުގައި ކީހާ ޅެން ފަރިއްސައްވެ ނިމިއްޖެއެވެ. އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ބައްދަލުވުން ނިމުނުއިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ރައީސް ނަޝީދު އައްޔަންކުރުމަށް އިއްތިފާގުވެ ނިމިއްޖެއެވެ. އަދި ރައީސް ނަޝީދު، މަޖިލީހުގެ ރައީސްކަމަށް އިންތިހާބުވެވަޑައިގެން ހުވާވެސް ކުރައްވައިފިއެވެ.

ރައީސް ނަޝީދުގެ ދެމިޔަ ސިޔާސަތާއި ވިސްނުންފުޅު ފާޅުވާން ފެށީ އެހިސާބުންނެވެ. ސަރުކާރުގެ ވަޒީރުންނަށް ފާޑުވިދާޅުވާން ފެއްޓެވިއެވެ. ސަރުކާރުގެ ސިޔާސަތުތައް ވަކި ގޮތަކަށް ބައްޓަންވެ ތަންފީޒުވެގެން ދާނެ ކަމަށް ވިދާޅުވެ، ސަރުކާރާމެދު ރައްޔިތުންގެ ހިތުގައި ނުތަނަވަސްކަން އުފައްދަވަން ފެއްޓެވިއެވެ. ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަކީ ކާކު ކަމާމެދު އިދިކޮޅުން ސުވާލު އުފައްދަން ފެށީ އެހިސާބުންނެވެ. އެކަމުގެ ސަބަބުން ސަރުކާރަށް ކެނޑިނޭޅި ޕްރެޝަރުތައް ކުރިމަތިވަމުން ދިޔައެވެ.

ރިޔާސީ ކޮމިޝަންގެ މަސައްކަތްތައް ނުހިނގާ ކަމަށް ރައީސް ނަޝީދު ދާދިފަހުން ވިދާޅުވެފައިވާއިރު، ގެއްލިފައިވާ މީހުންނާއި ގޮތްނޭނގޭ މަރުތައް ތަހުގީގު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ރިޔާސީ ކޮމިޝަންގެ ފުރަތަމަ ޑްރާފްޓް، އެކޮމިޝަންގެ ބަހެއް ހޯއްދެވުމަކާ ނުލައި، އަދި ރައީސުލްޖުމްހޫރިއްޔާގެ ރުހުމަކާ ނުލައި، އެ ކޮމިޝަންގެ ރައީސް އަލްއުސްތާޒު ހުސްނުއްސޫދު، މަޖިލީހުގެ ރައީސަށް އެރުވުމުން، އެރިޕޯޓްގެ މުހިއްމު ބައިތައް އާންމުވިއެވެ. ތަހުގީގަށް ހުރަސްއެޅުނެވެ. ކޮމިޝަންގެ މަސައްކަތުގެ މިސްރާބު ހުރި ގޮތް އޮޅުންފިލައި ހެކިވެރިންގެ ސިއްރުކަން ގެއްލިގެން ދިޔައެވެ. މިކަމުގެ ނުތަނަސްވަން ގައުމުގައި އިންތިހާއަށް ބޮޑުވުމުން، ރައީސް އިބޫ އަށް ޖެހިވަޑައިގަތީ ރައްޔިތުންނާ މުހާތަބުކުރައްވާށެވެ. ކަމުގެ ހަގީގަތް ހާމަކުރައްވައި، ނުތަނަވަސްކަން ކުޑަ ކުރެއްވުމަށެވެ. ރައީސް ނަޝީދުގެ ދެމިޔަލީ އަމަލުތަކުގެ ސަބަބުން ޒަހަމް މިވަނީ ކޮންބައެއް ހެއްޔެވެ؟ ކީއްވެ ހެއްޔެވެ؟

މިފަހަރު ދައްކަވައިގެން އެޅުއްވަނީ އަދި މާ ނުރައްކާތެރި ވާހަކަފުޅެކެވެ. ހަމައެކަނި ވާހަކަ ފުޅެއް ދެއްކެވީކީއެއް ނޫނެވެ. ޢަމަލުފުޅުވެސް އޮތީ ދެމިޔަލީ ކަނޑިއެއް ފަދައިންނެވެ. ރައީސް ޔާމީން އެކަނި ހައްޔަރުގައި ބެހެއްޓުމަކީ އިންސާފު ނޫން ކަމަށް ވިދާޅުވެ، ރައީސް ޔާމީން މިނިވަން ކުރުމަށް އިދިކޮޅުގެ އިސް ބޭފުޅުން ކުރައްވާފައިވާ ޓްވީޓްތައް ރީޓްވީޓްވެސް ކުރެއްވީއެވެ. މިކަމުގައި އެމްޑީޕީ ހިތުގައި ޖެހުނެވެ. ދެރަވިއެވެ. މާޔޫސްވިއެވެ. އެހެންކަމުން ރައީސް ނަޝީދުގެ އަމަލުފުޅު ޖަސްޓިފައި ކުރެއްވުމަށް ނޯޓްތަކެއް ވަނީ އާންމުކުރައްވާފައެވެ. އެހެންނަމަވެސް އެމަނިކުފާނުގެ އެ އަމަލުފުޅާއި ބަސްފުޅުގެ ސަބަބުން، ޝަރުއީ ނިޒާމާއި ސަރުކާރާއި ތަހުގީގީ އިދާރާތަކަށް މަލާމާތް ރައްދުވިއެވެ. އެތައްބައެއްގެ ނުހައްގު ރުޅިވެރިކަން އަމާޒުވިއެވެ. ރައީސް އިބޫއާމެދު ރައްޔިތުންގެ ހިތުގައި ނުތަނަވަސްކަން އުފެދުނެވެ. ކޮވިޑްގެ މި ނާޒުކު ދަނޑިވަޅުގައި ސަރުކާރަށް ދެކަންތަކާ “ހަނގުރާމަ”ކުރަން ޖެހުމުން، ކުރިމަތިވާ ގޮންޖެހުންތައް ހިތަށްވެސް ނުގެވޭހާ ބޮޑުވެފައި ނާޒުކުވާނެކަން ކަށަވަރެވެ.

ސިޔާސީ ދާއިރާ ދިރާސާކުރައްވާ ފަރާތްތަކާ ބައެއް ލޯޔަރުން ދެކޭ ގޮތުގައި، ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެންބަރުންގެ އަހުލާގީ މިންގަނޑާ ރައީސް ނަޝީދު ޚިލާފުވެ ވަޑައިގެންފިކަން އެމަނިކުފާނުގެ އަމަލުފުޅާއި ބަސްފުޅުތަކުން ސާބިތުވެއެވެ. އެހެންކަމުން އެމަނިކުފާނާމެދު ޖޭއެސްސީން ފިޔަވަޅުއަޅަން އެބަޖެހެއެވެ. ރައްޔިތުންގެ މަޖިލީހުޔގެ ޖުޑިޝަރީ ކޮމިޓީން ވެސް އެމައްސަލަ ބައްލަވަން އެބަޖެހެއެވެ. މިކަން ނުކުރެވިގެން މިއުޅެނީ ކީއްވެގެން ހެއްޔެވެ؟ ކޮން ނުފޫޒެއް އޮވެގެން ހެއްޔެވެ؟ ރައީސް ނަޝީދުގެ ދެމިޔަ ސިޔާސަތުގެ ސަބަބުން އެންމެން ކަތިވެދަނީ ނޫން ހެއްޔެވެ؟
ކޮވިޑްގެ ކަންކަމުގައި ސަރުކާރުން އަޅަމުން ގެންދާ ފިޔަވަޅުތަކާއި މުސްތަގުބަލަށް ރާވާފައިވާ ކަންކަމާމެދުވެސް ރައީސް ނަޝީދު ފާޅުގައި ފާޑު ވިދާޅުވެ ނުތަނަވަސްކަން އުފައްވަދައިފިއެވެ. މުޅި ރާއްޖެއަށް ބަލި ފެތުރޭނެ ކަމަށް ވިދާޅުވެ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދަވައިފިއެވެ. ލޮކްޑައުން އުވާލަން ޖެހޭ ކަމަށް ވިދާޅުވެ، ސަރުކާރާ ރައްޔިތުންނާ ދެމެދުގައިވާ ގުޅުމުގެ ވާފަށުގައި ހުޅު ރޯކޮށްލެއްވިއެވެ. ކޮން ކަމަކާތޯއެވެ؟ ކޮން ކަމެއް ހާސިލްކުރައްވަންތޯއެވެ. މިފަހަރުވެސް ރައްޔިތުންގެ ނުތަނަވަސްކަމަށް ޖަވާބު ދެއްވީ ރައީސް ސޯލިހެވެ. ޤައުމާ މުހާތަބު ކުރައްވައި ވާހަކަފުޅު ދައްކަވައިގެންނެވެ. ރައްޔިތުންނަށް އިތުބާރާއި ޔަގީންކަމާއި އުންމީދު ދެއްވައިގެންނެވެ.

އިންޑިޔާ އާއި ޗައިނާއާ ދެމެދު ނުތަނަވަސްކަން އުފެއްދުމަށާއި ޗައިނާއާ މެދު ދިވެހިން ދެކޭ ގޮތް ކިލަނބު ކޮށްލެއްވުމަށް ތަކުރާރުކޮށް ދައްކަވާފައިވާ ވާހަކަތަކުގެ ނަތީޖާ، ޗައިނާއިން ދިވެހި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާއި ދިވެހި ހާރިޖީ ވަޒީރު އޮނަރަބްލް އަބްދުﷲ ޝާހިދުގެ ޓްވީޓްތައް ދިރާސާކޮށްލުމުން ސާފުކޮށް ފެންނަން އެބަ ހުއްޓެވެ. ރައީސް ނަޝީދު ކަނޑައެޅިގެން ނަފްރަތާއި ނުތަނަވަސްކަން އުފައްދަވަނީއެވެ. ނަތީޖާ ކޮންމެ ގޮތަކަށް ނުކުތަސް ވަރިހަމަކަމަށް ދެކިވަޑައިގެންނެވެ. އާޚިރުގައި ހުރިހާ ދެރައެއް، އޮތީ ދިވެހިންނަށެވެ. ހުރިހާ ގެއްލުމަކާއި ބަދުނާމެއް ލިބެނީ ދިވެހި ގައުމަށެވެ.

އެހެންކަމުން ރައީސް ނަޝީދުގެ ދެމިޔަ ސިޔާސަތުގެ ސަބަބުން ދެކަފިވެގެން މިދަނީ ކޮންބަޔަކު ދަތުރުކުރަމުން އަންނަ މަގެއް ހެއްޔެވެ؟ ކީއްވެގެން ހެއްޔެވެ؟

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ