ތައިލެންޑުގެ ސަރުކާރާއި ކިންގް މޮންކުޓްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ ލަދްކްރަބަންގް އާ ގުޅިގެން ރާއްޖެއަށް 10 މިނީ ވެންޓިލޭޓަރު ހަދިޔާކޮށްފިއެވެ.
ކިންގް މޮންކުޓްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ ލަދްކްރަބަންގް (ކޭއެމްއައިޓީއެލް)ގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރާއްޖޭގެ ފަރާތުން އެ ތަކެއްޗާ ހަވާލުވެފައިވަނީ ރާއްޖެއިން ތައިލެންޑަށް ހަމަޖައްސަވާފައި ހުންނަވާ ސަފީރު މުހައްމަދު ޖިނާހެވެ.
މިއަދު ބޭއްވި ރަސްމިއްޔާތުގައި ކޭއެމްއައިޓީއެލް އިން ވަނީ އެ ވެންޓިލޭޓަރާ ގުޅޭ މައުލޫމާތު ހިއްސާކޮށް އެތަކެތީގެ ޑެމޯ ދައްކާފައެވެ.
އެކަމާ ގުޅޭގޮތުން ޓްވީޓްކުރައްވަމުން ސަފީރު ޖިނާހު ވިދާޅުވެފައިވަނީ އެ ވެންޓިލޭޓަރުތަކަކީ އިމާޖެންސީ ވެންޓިލޭޓަރުތަކެއް ކަމަށެވެ. އަދި އެ ވެންޓިލޭޓަރުތަކަކީ ތައިލެންޑުގެ ރައްޔިތުންގެ ފަރާތުން ދިވެހި ރައްޔިތުންނަށް ހަދިޔާކޮށްފައިވާތަކެތި ކަމަށް އޭނާ ވިދާޅުވިއެވެ.
ރާއްޖެއަށް މިހާލަތުގައި ތައިލެންޑުން ފޯރުކޮށްދިން އެހީއަށް އެގައުމުގެ ފޮރިން މިނިސްޓްރީ އާއި އޮނޯރެރީ ކޮންސުލް ސަނަން އަށް ސަފީރު ޖިނާހު ވަނީ ޝުކުރު އަދާކުރައްވާފައެވެ.