ރާއްޖޭއިން މިއަދު ކޮވިޑް-19 އަށް 32 މީހަކު ޕޮޒިޓިވްވެ، ބަލި ޖެހުނު މީހުންގެ ޖުމްލަ 1513 އަށް އަރައިފިއެވެ.
އިއްޔެ ކޮވިޑަށް 43 މީހުން ޕޮޒިޓިވް ވެފައިވާއިރު، އިއްޔެއާ ހަމައަށް ކޮވިޑް ޖެހިފައިވާ މީހުންގެ އަދަދު ހުރީ 1481ގަ އެވެ.
އިއްޔެ އެޗްޕީއޭ އިން އެންމެ ފުރަތަމަ ހާމަ ކުރެއްވީ 19 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.
ރޭ އެންއޯއީސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ރަފިގު ވިދާޅުވީ، އެފަހުން އިތުރު 24 ކޭސް ފެނި އިއްޔެ ޖުމަލް 43 ކޭސް ފެނިފައިވާ ކަމަށެވެ.
ނަމަވެސް އެޗްޕީއޭގެ ޓްވިޓާއިން އިއްޔެ އެ 24 ކޭސް އަޕްޑޭޓް ނުކޮށް އެއާއި އެކު މިރޭ 10:00 އާއި ހަމައަށް 56 ކޭސް ފެނިފައިވާ ކަމަށް ވަނީ ޓްވީޓްކޮށްފަ އެވެ. އޭގެތެރޭގައި ހިމެނެނީ 16 ދިވެހިންގެ އިތުރުން 35 ބަންގަލަދޭޝީން އަދި ތިން އިންޑިއާ ރައްޔިތުން ކަމަށް ވެސް އެޗްޕީއޭ އިން މިރޭ ވަނީ ބުނެފައެވެ.
ރާއްޖެ އިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން ފަސް މީހަކު މަރުވެފައިވާއިރު 242 މީހަކު ވަނީ ވައިރަހުން ރަނގަޅުވެފައެވެ.