ބޭންކްތައް ހުޅުވާ ދުވަސްތައް އިތުރުކުރަން ނިންމައިފި

ކޮވިޑް-19 ފެތުރޭތީ ބޭންކިންގްގެ ހިދުމަތްތައް ދިނުން އިތުރަށް ފުޅާކޮށް، ބޭންކްތައް ހުޅުވާ ދުވަސްތައް އިތުރުކުރަން ނިންމައިފިއެވެ.

ކޮވިޑް-19 ގޭ ހާލަތާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ، މިހާރު އޮތް ހާލަތުން އެހެން ހާލަތަށް ދިޔުމަށް ފުރަތަމަ ފިޔަވަހީގައި ފުރަބަންދަށް ލުއިތަކެއް ދޭން ނިންމާފައިވާ ކަމަށެވެެ. އަދި ދެ ހަފްތާއަށް ދެމިގެންދާ މި ފިޔަވަހީގައި ދޭ ލުއި ދިނުމުގައި އިސްކަން ދީފައިވާ ކަންކަމުގެ ތެރޭގައި ވިޔަފާރިކުރުމަށާއި އިގްތިސާދީ ހަރަކާތްތަކަށް ފުރުސަތު ދިނުން ހިމެނޭ ކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. މިނިސްޓަރު ވިދާޅުވީ، ފުރަތަމަ މަރުހަލާގެ ތެރެއިން، ފުރަތަމަ ހަފްތާގައި ބޭންކުތަކުގެ ހިދުމަތް ހަފްތާއަކު ތިން ދުވަހު ދެވޭނެ ކަމަށެވެ. އަދި ދެވަނަ ހަފްތާގައި ހަފްތާގެ ފަސް ދުވަހު ބޭންކުގެ ހިދުމަތްތައް ލިބޭނެ ކަމަށެވެ.

ރާއްޖޭގެ ހުރިހާ ބޭންކުތައްވެސް މިވަގުތު ދެމުން ގެންދަނީ ކޮންމެހެން ބޭނުންވާ، އެންމެ އަސާސީ ހިދުމަތްތަކެވެ.

ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސްއިންވެސް ބްރާންޗުތަކުން ދޭ ހިދުމަތްތައް މިވަގުތު ނުދިން ނަމަވެސް ގިނަ ހިދުމަތްތަކެއް ދެމުން ގެންދަނީ އޮންލައިންކޮށެވެ. އެ ބޭންކުން ބުނި ގޮތުގައި މި ހާލަތުގައި އެ ބޭންކުގެ ކަސްޓަމަރުންގެ 90 ޕަސަންޓު މުއާމަލާތްތައް ހިނގަނީ އޮންލައިންކޮށެވެ. ފުރަބަންދުކުރި ފަހުން ރާއްޖޭގެ އިސްލާމިކް ބޭންކުންވެސް ހަފްތާއަކު ހިދުމަތް ދެމުންގެންދިޔައީ ދެ ދުވަހުއެވެ. އެއީ ހޯމަ އަދި ބުދަ ދުވަހުއެވެެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ