ވާހަކަ: ހަޔާތުގެ ކުލަތައް (2)

ކުރީ ބައި: ހަޔާތުގެ ކުލަތައް (1)

“ކިހާ ތާހިރު. ދެއަތަށްލާ މަތިޖަހައިގެން ގެންގުޅުނީމަވެސް، އަހަރެމެން ގައިގަ ކޮޅުފައިންޖަހާފަ ހިލޭ ފިރިހެނަކާ އެ ދިޔައީ މާލެއަށް. މި ހުރިހާ ވެސް ކަމަކީ އަމީނާގެ ކަންތައް.” މުޅި ރަށުތެރޭގައި އެވާހަކަ ފެތުރުމާއެކު ޔޫސުފްގެ ހުރިހާ ރުޅިއެއް ބޭލީ އަމީނާއަށެވެ. އޭރު އޭނާ ރުޅިއައިސްގެން ތުރުތުރު އަޅަނީއެވެ. “ކޮންމެހެން މަށާ ދިމާލަށް އެއްޗެހި ކިޔާނެ ކަމެއް ނެތް. ޔޫސުފް އޭނަ ބޭނުންވާ ގޮތަށް ކިޔަވަން ފުރުސަތު ދިންނަމަ މިއަދު މިކަން މިގޮތަކަށް ނުވީސް. މަގޭ ދަރި، ފިރިހެނަކާއެކީ ދިޔަޔަސް ގޯސް ކަމެއް ނުކުރާނެކަން މަށަށް ޔަގީން. އެވަރުގެ އިތުބާރު ކުރަން.” އަމީނާ ވެސް މިފަހަރު ދޫދޭދަށް ބޭނުމެއް ނުވިއެވެ. “ހަނދާންކުރާތި. ޒުހުރާ ހާލެއްގައި ޖެހިގެން މިގެއަށް އަޔަސް އޭނާ އަކަށް މި ހަތަރު ފާރު އެތެރެއަކަށް ނުވަދެވޭނެ. މިއަދުން ފެށިގެން އަހަރެންގެ ދަރިއެއް ނުހުއްނާނެ.” ޔޫސުފް އައި ރުޅީގައި ސިޓިންރޫމުގައި ހުރި ޕްލާސްޓިކް ގޮޑި ބިންމައްޗަށް ޖެހުމަށްފަހު ނިކުމެގެން ދިޔައެވެ.

ދާނިޝް އާއި ޒުހުރާ ދިޔައީ ދާނިޝްގެ ރައްޓެއްސެއްގެ ގެއަށެވެ. ހަތްބުރީގެ އެ އިމާރާތުގެ ފަސްވަނަ ފަންގިލާއަށް ދިއުމަށް ލިފްޓަށް އެރިއެވެ. އެއީ ފަހުގެ ޓެކްނޮލޮޖީއާއެކު ހަދާފައިވާ ފެންވަރު ރަނގަޅު، ރީތި އިމާރާތެކެވެ. ލިފްޓު އެޕާޓްމަންޓްގެ ދޮރުމައްޗަށް ހުޅުވުމާއެކު ދާނިޝް އާއި ޒުހުރާ ލިފްޓުން ފޭބިއެވެ. އެޕާޓްމަންޓްގެ ދޮރުގައި ބެލް ޖެހުމާއެކު އެތެރެއިން ދޮރު ހުޅުވީ ފިރިހެނެކެވެ. ” ހޭ ދާނިޝް. މައި ބްރޯ.” ދާނިޝް ފެނުމާއެކު އޭނާ ދާނިޝްގައިގައި އޮޅުލައިގަތެވެ. ހީވީ ދެ ރަހުމަތްތެރިން ވަރަށް ޒަމާންކޮށްފައި ދިމާވިހެންނެވެ. “މިއީ ޒުހުރާ އަކީ. ޒުހުރާ މިއީ އަތީކް. އަހަރެންގެ އެންމެ ބެސްޓް ބަޑީ. މިއީ އޭނަގެ ގެ. މިތާ އަހަރުމެން އުޅޭނީ.” ދާނިޝް، ޒުހުރާ ތަޢާރަފުކޮށްދިނެވެ. އެވަގުތު އަތީކް މަތިން ފެށިގެން ތިރިއަށް ޒުހުރާއާއި ދިމާލަށް ބަލާލުމަށްފަހު ލާނެތް ގޮތަކަށް ހީލިއެވެ. އަތީކްގެ އެ ބެލުމުން ޒުހުރާގެ ހިތް ކޮންމެވެސް ވަރަކަށް ނުތަނަވަސްވިއެވެ. ޒުހުރާ ވަގުތުން އިސް ތިރި ކުރިއެވެ.

ގޭތެރޭގައި ހުރި އަގުބޮޑެތި ފަރުނީޗަރާއި، ގޭތެރެ ހަންމަތަކޮށްފައިވާ ގޮތުން އަތީކް އަކީ އާދައިގެ މީހެއް ނޫން ކަން ޒުހުރާ ފުރަތަމަވެސް ސިކުނޑިއަށް ނަގައިގަތެވެ. އެޕާޓްމަންޓުގައި ހަތަރު ކޮޓަރި ހުރިއިރު، ޒުހުރާއަށާއި ދާނިޝްއަށް ހުރީ ވަކިން ކޮޓަރި ތައްޔާރުކޮށްދީފައެވެ. ދާނިޝް ކައިރީ އެދުނު ގޮތަށް ޒުހުރާއަށް ވަކިން ހުރެވޭނެ ގޮތް ހަމަޖައްސައިދިނުމުން ޒުހުރާ ހުރީ ވަރަށް ބޮޑަށް ހިތްހަމަޖެހިފައެވެ. ދަތުރުކުރުމުން ވެފައިވާ ވަރުބަލި ކަމާއެކު، ޒުހުރާ ފުރަތަމަވެސް ބޭނުންވީ ފެންވަރާލަންށެވެ. ކޮޓަރީގައި ބޮޑު އަލަމާރިއަކާއި، ކްއީން ސައިޒުގެ އެދަކާއި، ޑްރެސިން ޓޭބަލެއް ހުރިއިރު ކުޑަދޮރު ކައިރީ ކުޑަވަރެއްގެ ސޯފާއަކާއި، މޭޒެއް ހުއްޓެވެ. އެ ކޮޓަރިއެކޭ ފަސްތަރީގެ ހޮޓަލެކޭ ތަފާތެއް ނެތޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. ފާހާނާވެސް ހަދާފައިހުރި ލެއް ފެންވަރު ރަނގަޅުކަމުން ޒުހުރާ ހުރީ އާޝޯހުވެފައެވެ. ވަރަށް އަރާމުކޮށް ފެންވަރާލައިގެން ނިކުންތަނާއި ކޮޓަރި ދޮރުގައި މީހަކު ޓަކި ޖެހިއެވެ. ޒުހުރާ ކާކުތޯ ސުވާލުކުރުމުން ޖަވާބުދިނީ ދާނިޝްއެވެ. އަވަސް އަވަހަށް ފޮށިން ނަގާފައި އޮތް ގަމީސް ގަޔަށް މަހާލުމަށްފަހު، ތިރިން ޖިންސުލާ ދޮރުހުޅުވިއެވެ. ދޮރު ހުޅުވުމުން ދާނިޝް އެތެރެއަށް ވަދެ ތަޅުލިއެވެ. ޒުހުރާ އަދި ދުވަހަކުވެސް މީހަކާއެކު އެގޮތަށް އެކަހެރިއެއް ނުވެއެވެ. އެހެންކަމުން އޭނާ ހުރީ ފިނިވެފައެވެ. ދާނިޝް ވަދެގެން އައި ގޮތަށް އެނދުމަތީގައި އިށީނެވެ. އަދި ކޮޅަށް ހުރި ޒުހުރާއަށް އިޝާރާތުން ގޮވާލާ އޭނާ ކައިރީގައި އިށީނުމަށް އެދުނެވެ.

“ޒުހުރާ. ރަށުތެރޭގައި އެތައް ވާހަކައެއް މިހާރު ފެތުރިއްޖެ. އެކަމަކު އަހަރެން ގޭ މީހުން ޒުހުރާ އާއި ދޭތެރޭ ގޯސް ގޮތަކަށް ނުވިސްނާ. އެނގޭ ޒުހުރާއަށް ކުރަން ފަސޭހަ ކަމެއް ނޫންކަން ތިކުރީ. އިރާދަކުރެއްވިއްޔާ، އަންނަ ހަފްތާ ޒުހުރާ ކޯހަށް އެޕްލައިކުރެވޭ ވަރުކޮށްދޭނަން. އަހަރެންގެ ކޯސް ފެށެން އަދި ދެ ހަފްތާ އެބައޮތް. މިގޭތެރޭ ޒުހުރާ ވިސްނަންޖެހޭ އެއްވެސް ކަމެއް ނޯންނާނެ. އަތީކް ވަރަށް ކޫލް ވާނެ. ކައްކާ، ގޭތެރޭގެ ކަންކަން ކުރަން އަންނާނެ ބޭރު މީހެއް. ކޮންމެ ދުވަހަކުން ނޫން. ޒުހުރާ ހިތްހަމަޖެހިގެން އަރާމުގަ މިގޭގަ ހުރެގެން ކިޔަވަންވީ.” ދާނީޝް ޒުހުރާގެ ކޮނޑުގައި ހިފާ އޭނާއާއި ކައިރިކޮށްލިއެވެ. ޒުހުރާއާއި ދާނިޝް އެހާ ކައިރިވި އެއީ ފުރަތަމަ ފަހަރެވެ.

ޒުހުރާއަށް ކުޑަކޮށް އުނދަގޫވިއެވެ. އެއީ ޒުހުރާއަށް އެކަންކަމަކީ ވަރަށް އައު ކަންތައްތަކަށްވާތީއެވެ. ދާނިޝްގެ އަތުގައި ހިފާލުން ފިޔަވައި އިތުރު އެއްވެސް ގޮތަކަށް ޒުހުރާ އޭނާއާއި ކައިރިއެއް ނުވެއެވެ. “ދާނިޝް ޕްލީޒް!. އަހަރެން. އަހަރެން އެހާ…” ޒުހުރާ ދާނިޝް އާއި ކުޑަކޮށް ދުރަށް ޖެހިލިއެވެ. “ކަމޯން ޒުހޫ. އަހަރެމެން ރައްޓެހިވެގެން އުޅޭތާވެސް ދިހަ މަސް މިވީ. ޒުހޫ ބުނިގޮތަށް އަހަރެން ވަރަށް ކެތްކޮށްފިން ގައިގައި އަތްނުލާ. އެކަމަކު މިހާރު ދެން އަހަރެންނަށް އިތުބާރުކޮށްބަލަ.” ދާނިޝް އަނެއްކާވެސް ޒުހުރާ އޭނާއާއި ގާތްކޮށްލިއެވެ. “އެނގޭ ތިކަން. ގަބޫލުނުކުރަނީއެއް ނޫން. އެކަމަކު މިއީ ދެން ކޮން ގަޑިއެއް. ދުވާލު މެންދުރުވަގުތު. އަމް… މިރޭ ދޯ. އޯކޭތަ.” ޒުހުރާގެ މި ޖަވާބުން ދާނިޝްގެ ތުންފަތަށް ވެރިވީ ޖަޒްބާތީ ހިނިތުންވުމެކެވެ. ރެއަށް އިންތިޒާރުކުރާނެކަމަށް ބުނެ ދާނިޝް ކޮޓަރިން ނިކުތެވެ.

މެންދުރުގެ ކެއުމަށް އިންސާފުކޮށް ނިމުމުން އަތީކް އާއި ދާނިޝް ސިޓިންރޫމުގައި ހުރި ސޯފާގައި ބޮޑުވާހަކައިގައި ޖެހުނެވެ. ޒުހުރާވެސް އެތަނުގައި އިރުކޮޅަކު މަޑުކުރުމަށްފަހުގައި އޭނާގެ މަންމައަށް ގުޅުމަށް ކޮޓަރިއަށް ހިނގައިގަތެވެ. ޒުހުރާ އޭނާގެ މަންމައަށް ގުޅައި ހުރިހާ ވާހަކަތަކެއް އޮޅުންފިލުވައިދިނެވެ. ނަމަވެސް މަންމަގެ އަޑުގައި ހުރި މާޔޫސްކަން އިހުސާސްވެފައި އޭނާއަށް މަންމަގެ ހާލާމެދު ހަމްދަރުދީވެވުނެވެ. ނަމަވެސް ޒުހުރާގެ މަންމަ އެދުނީ ބަޔަކު ދައްކާ ވާހަކައަކަށް ބެލުމެއްނެތި ކުރިއަށް ދިއުމަށެވެ. އަމީނާގެ ބަސްތަކުން ޒުހުރާގެ ހިތް ރޮއްވާލިއެވެ. އަދި ހަމަ އެ ސިކުންތު ހެއްވާވެސް ލިއެވެ. މަޔަކު ދަރިއަކަށްޓަކައި މުޅި ދުނިޔެއާއި ހަނގުރާމަ ކުރުމަށް ތެދުވެ ހުރީތީ ޒުހުރާ އޭނާގެ މަންމައާއި މެދު ފަހުރުވެރިވިއެވެ.

މުޅި ދުވަސް ޒުހުރާ ހޭދަކުރީ ކޮޓަރީގައެވެ. އޭރު އަތީކް އާއި ދާނިޝް ހަވީރު ދިޔަގޮތަށް ގެއަށް އައީ ރޭގަނޑު ނުވައެއްވެސް ޖެހި ފަހުންނެވެ. އެމީހުން ގެއަށް ވަތް އަޑު އިވުމާއެކު ޒުހުރާ ބޭރަށް ނިކުތެވެ. އެވަގުތު އޭނާ ޖެހުނީ އަތީކްގެ ކުރިމައްޗަށެވެ. ދާނިޝް އޭރުވީ އޭނާގެ ކޮޓަރީގައެވެ. “އޫޕްސް ކިރިޔާނު ޒުހޫ ގައިގަ ނުޖެހުނީ. އަހަރުމެން ދިޔާއްސުރެން ނުނިކުންނަންތަ؟” އަތީކް ސުވާލުކުރިއެވެ. “އާ. އަހަރެން އެކަނި ހުރީމަ ދެން ނުނިކު…” ޒުހުރާއަށް ޖުމްލަ ފުރިހަމަ ކުރެވުނީ މިހާ ހިސާބަށެވެ. އަތީކް މަޑުމަޑުން އެއް ފިޔަވަޅު ޒުހުރާއާއި ގާތަށް ޖެހިލިއެވެ. ޒުހުރާ ހުރީ ގުޑިލާނެ ކޮޅެއްވެސް ނޭންގިފައެވެ. އެހެން ހުއްޓާ ދާނިޝް ކޮޓަރިން ނިކުތް އަޑު އިވުނެވެ. “ދާނިޝް. އާ…މީ.. ޒުހުރާ ލޮލަށް ކުނިކޮޅެއް ވެއްޓިގެން އޭނަ އެ ނުނެގިގެން އުޅޭތީ ނަގާދިނީމި. ދޯ ޒުހުރާ.” އަތީކްގެ އެ ޖުމްލައިން ޒުހުރާ ހުރީ ބުނާނެ އެއްޗެއް ނޭންގިފައެވެ. އަދި ބޭއިހްތިޔާރުގައި އާއެކޭ ބުނުމުގެ ގޮތުން އޭނާއަށް ބޯޖަހާލެވުނެވެ. ޒުހުރާގެ ހިތް ހަމަ ވަގުތުން އަތީކް އާއި މެދު ގޯސްވިއެވެ. އަތީކް އާއި މެދު އެކި ކަހަލަ ޝައްކައާއި ވަހުމް ހިތުގައި އުފެދުނެވެ.

އެރޭ ވެގެން ދިޔައީ ޒުހުރާގެ ހަޔާތުގައި އަދި ދުވަހަކުވެސް ނުކުރާ އާ ތަޖުރިބާއެއް ކުރެވުނު ރެއަކަށެވެ. ދާނިޝް އެދުނު ގޮތަށް ޒުހުރާގެ ގައިގައި އަތްލުމުގެ ހުއްދަ އޭނާ ދާނިޝްއަށް ދިނެވެ. ނަމަވެސް އަންހެނަކާއި ފިރިހެނެއްގެ ދެމެދު ހިނގާނެ އެންމެ ބޮޑު ގުޅުން ހިންގާކަށް ޒުހުރާ ބޭނުމެއް ނޫނެވެ. ދާނިޝް އެކަމަށް އިހްތިރާމް ކުރިއެވެ. ދެމީހުންގެ ނޭވާ އިހުސާސްވާހާ ކައިރިވެލިއެވެ. އަދި އެކަކު އަނެކަކުގެ ގައިގައި ބޮސްދިނެވެ. ޒުހުރާއަށް ހީވީ މުޅިން އެހެން ދުނިޔެއަކަށް ދެވުނުހެންނެވެ. އެރޭ ދާނިޝް ނިދީ ޒުހުރާ ކައިރީގައެވެ. އުފަލާއެކު ދާނިޝްގެ އަތުތެރޭގައި އޮވެ ނިދާލުމަށް ލިބުނު ފުރުސަތުގެ ބޭނުން ޒުހުރާ ފުރިހަމަ ގޮތުގައި ބޭނުންކުރިއެވެ.

ފުން ނިންޖެއްގައި އޮތް ޒުހުރާއަށް ހޭލެވުނީ ކަރުހިއްކައިގަނެގެންނެވެ. ކޮޓަރީގައި ހުރި ފެންޖަގު ހުސްވެފައި ހުރުމާއެކު ފެންފޮދެއް ބަލައި ބަދިގެއަށް ދިއުމަށް ނިކުތެވެ. އެވަގުތު އަތީކްގެ ކޮޓަރިން އިވުނު އަޑާއެކު ޒުހުރާ ކުރިއަށް އެޅި ފިޔަވަޅު ހުއްޓުނެވެ. ޒުހުރާ މަޑުމަޑުން އެ ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ. ހިނގަމުން ދިޔަ ވަރަކަށް ޒުހުރާގެ ހިތުގެ ހިނގުން އަވަސްވާން ފެށިއެވެ. އަދި އެރޭ އަތީކް ކަންތައްކުރި ގޮތް ހިތަށް އެރުމާއެކު އިތުރަށް ބިރުގަނެ ހާސްވާންފެށިއެވެ. ނަމަވެސް ޒުހުރާ ހުއްޓާނުލާ ވަރަށް މަޑުމަޑުން ފިޔަވަޅަކަށް ފަހު ފިޔަވަޅެއް ކުރިއަށް އެޅިއެވެ. ކޮޓަރީގެ ދޮރު ހުރީ ކުޑަކޮށް ހުޅުވިފައެވެ. ޒުހުރާ އެދޭތެރެއިން ލޯޖަހާ ކޮޓަރި ބަލާލިއެވެ. ޒުހުރާގެ ދެލޯ ބޮޑުވިއެވެ. އަތުގައި އޮތް ހުސްޖަހުވެސް ނުވެއްޓުނީ ހަމަ ކިރިޔާއެވެ. ޒުހުރާއަށް ފެނުނު މަންޒަރުން ވަގުތުން ދުވެފައި ގޮސް އޭނާގެ ކޮޓަރިއަށް ވަދެ ތަޅުލިއެވެ. މާތްކަލާކޯއެވެ. ޒުހުރާ ހިތަށް އެރީ ހަމަ ރަނގަޅަށެވެ. އަތީކް އަކީ ޒުހުރާ ސަމާލުވެގެން ހުންނަންޖެހޭ ވަރުގެ ނުރައްކަލެކެވެ. (ނުނިމޭ) – ތިން ވަނަ ބައި ކިޔާލާ!

ލިންކް: މިވާހަކައިގެ ހުރިހާ އެޕިސޯޑެއް ކިޔާލާ!

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ