ރާއްޖެއިން ސްރީލަންކާއަށް އެނބުރި ދިޔަ 3 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވެފައިިވާ ކަމަށް އެގައުމުގެ މީޑިއާތަކުން ބުނެފިއެވެ.
ލަންކާ ސަރުކާރާ ހަވާލާދީ އެގައުމުގެ ނޫސްތަކުން ބުނެފައި ވަނީ އިއްޔެ އެގައުމުން ފެނިފައިވާ ކޮވިޑް-19ގެ 62 ކޭސް ތެރެއިން 37 މީހުންނަކީ އެހެން ގައުމުތަކުން އެނބުރި އައި އެ ގައުމުގެ ރައްޔިތުން ކަމަށެވެ.
އޭގެ ތެރޭގައި ރާއްޖެއިން އެނބުރި ދިޔަ ތިން މީހުންގެ އިތުރުން ދެން ހިމެނެނީ މުޅިން ވެސް ޤަތަރު އަދި ކުވައިތުން އެނބުރި ލަންކާއަށް ދިޔަ މީހުންނެވެ.
އަލަށް ފެނުނު 62 ކޭސްގެ ތެރޭގައި ދެން ހިމެނެނީ ލަންކާ ނޭވީގެ 25 މީހެކެވެ.
މިހާތަނަށް ލަންކާގައި 1,628 މީހަކަށް ކޮވިޑް19 ޖެހިފައި ވާއިރު، 801 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި 10 މީހަކު ވަނީ ބަލީގައި މަރުވެފައެވެ.