މޯލްޑިވް ގޭސްއިން ގޭސް ޑެލިވަރީކޮށްދޭ ގަޑިތަކަށް އަނެއްކާވެސް ބަދަލު އައިސްފި ކަމަށް ބުނެފިއެވެ.
މޯލްޑިވް ގޭސް އިން ބުނީ، ދެން މާލެ ހުޅުމާލެ އަދި ވިލިމާލެ ހިމެނޭ ގޮތަށް ގޭސް ޑެލިވަރީ ކޮށްދޭނީ ކޮންމެ ހޮނިހިރު ދުވަހަކުން ބުރާސްފަތި ދުވަހަށް ހެނދުނު ނުވަޔަކުން ހަވީރު ހަތަރެއް ޖަހަންދެން ކަމަށެވެ. އަދި ހުކުރުދުވަސްތަކުގައި މެންދުރު ދޭކުން ހަވީރު ހައެއް ޖަހަން ދެން ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ. އޭގެ އިތުރުން ތިލަފުށީގައި ކޮންމެ ހޮނިހިރަކުން ބުރާސްފަތި ދުވަހަށް ހެނދުނު ނުވަޔަކުން ހަވީރު ހަތަރެއް ޖަހަންދެން ހިދުމަތް ދޭނެ ކަމަށްވެސް މޯލްޑިވް ގޭސްއިން ބުންޏެވެ.
މޯލްޑިވް ގޭސްގެ އޮފިޝަލަކު އޮންލައިން ނޫހަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ހިދުމަތް ދޭ ގަޑިތަކަށް ބަދަލު ގެނައީ ރޯދަ މަހާއި ޝައްވާލު މަހުގެ ހަ ރޯދަ ވެސް ނިމި ފުރަބަންދަށްވެސް ސަރުކާރުން މިހާރު ލުއިތަކެއް ދެމުންގެންދާތީ ވީހާވެސް ރަނގަޅަކަށް ހިދުމަތް ދިނުމުގެ ގޮތުން ކަމަށެވެ.
މޯލްޑިވް ގޭސްގެ އޮފިޝަލް ވަނީ ހިދުމަތް ހޯދުމަށް އެދޭއިރު ވީހާވެސް ބޮޑަށް އޮންލައިންކޮށް ފައިސާ ދެއްކުމަށް އިލްތިމާސްކުރައްވައިފައެވެ. އެގޮތުން އެ ކުންފުނީގެ ވެބްސައިޓުންނާއި ބީއެމްއެލް އެކައުންޓުން ޓްރާންސްފާ ކޮށްގެން ފައިސާ ދެއްކެވޭނެކަމަށް ވަނީ ވިދާޅުވެފައެވެ.