ކޮވިޑް-19 ޖެހިގެން ޓްރީޓޮޕް ހޮސްޕިޓަލްގައި އެޑްމިޓްކުރި ބަންގްލަދޭޝް މީހަކު މަރުވެއްޖެ އެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، ޓްރީ ޓޮޕް ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ދަނިކޮށް މަރުވީ އުމުރުން 54 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއް ކަމަށާއި، މިއީ ކޮވިޑް-19 ޖެހިގެން ރާއްޖެއިން މަރުވި ހަ ވަނަ މީހާ ކަމަށެވެ.
ރާއްޖެއިން ކޮވިޑް-19 ޖެހިގެން މަރުވި މީހުން ތެރޭގައި ހިމެނެނީ ތިން ދިވެހިންނާއި ބަންގްލަދޭޝްގެ ތިން މީހުންނެވެ.
ރާއްޖެއިން މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަކީ 1773 އެވެ.
އޭގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 974 މީހުންނާއި 563 ދިވެހިންގެ އިތުރުން އިންޑިއާގެެ 186 މީހުންނާއި ނޭޕާލްގެ 23 މީހެއް އަދި އިޓަލީގެ 11 މީހަކާއި ސްރީލަންކާގެ ނުވަމީހެއްގެ އިތުރުން ޕާކިސްތަނުގެ ތިން މީހަކާއި އެހެން ގައުމުތަކަށް ނިސްބަތްވާ ހަތަރު މީހެކެވެ.