ކޮވިޑް-19 އާއި ގުޅިގެން ރާއްޖެއިން ބޭރުގައި ތިބި ދިވެހިންނަށް ބޭންކިންގެ ހިދުމަތް ހޯދުމުގައި ބޭންކް އޮފް މޯލްޑިވްސް އިން ދިން ލުއިތަކުގެ މުއްދަތު އިތުރުކޮށްފިއެވެ.
ބޭންކް އޮފް މޯލްޑިވްސް އިން ބުނީ، ރާއްޖެއިން ބޭރުގައި އޭޓީއެމް އިން ފައިސާ ނެގުމުގެ ލިމިޓް އިތުރުކުރި ކުރުމާއި ދިވެހި ރުފިޔާ އެކައުންޓު ބޭނުންކޮށްގެން ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމަށް ހަމަޖެއްސި ހަމަޖެއްސުމުގެ މުއްދަތު މިމަހުގެ 15 ގެ ނިޔަލަށް އިތުރު ކޮށްފައިވާ ކަމަށެވެ.
މީގެ ކުރިން ރާއްޖެއިން ބޭރުގައި ބީއެމްއެލްގެ ކަސްޓަމަރުންނަށް އޭޓީއެމް މެދުވެރިކޮށް 400 ޑޮލަރާ އެއްވަރުގެ އަދަދެއް ނެގުނު ނަމަވެސް ކޮވިޑާ ގުޅިގެން ދިން ލުޔާއެކު މި އަދަދު ވަނީ 1000 ޑޮލަރަށް އިތުރު ކޮށްފައެވެ. މީގެ އިތުރުން ރާއްޖެއިން ބޭރުގައި އޭޓީއެމްތަކުން ފައިސާ ނަގާއިރު ބޭންކުން ނަގާފީ ވަނީ، 15 ރުފިޔާއަށް ކުޑަކޮށްފަ އެވެ. އަދި ކުރިއެކޭ އެއްގޮތަށް ކަސްޓަމަރުންނަށް ޕީއޯއެސް މެދުވެރިކޮށް ދުވާލަކު 600 ޑޮލަރުގެ ވިޔަފާރިކުރެވޭނެކަމަށް ބޭންކުން ބުންޏެވެ.
ބީއެމްއެލް މެދުވެރިކޮށް ރާއްޖޭން ބޭރަށް ފައިސާ ފޮނުވުމަށް ދީފައިވާ ލުޔާއެކު ކޮންމެ ކަސްޓަމަރަކަށްވެސް މަހެއްގެ މައްޗަށް 500 ޑޮލަރާ ހަމަޔަށް ފައިސާ ފޮނުވުމުގައި ދިވެހި ރުފިޔާ އެކައުންޓުން ފައިސާ ފޮނުވޭނެ އެވެ. މިކަމަށް އެއްވެސް ފީއެއް ނުނަގާނެ ކަމަށް ބޭންކުން ވަނީ ބުނެފައެވެ.