މިރޭ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ހާޒިރުކުރަން ނިންމައިފިއެވެ.
ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީގެ މެމްބަރަކު އޮންލައިން ނޫހަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މިރޭ 9:00 ގައި އޮންލައިންކޮށް ބާއްވަން ހަމަޖެހިފަވާ ބައްދަލުވުމަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ޒުހައިރާއި އިތުރު ބޭފުޅުންތަކެއްވެސް ހާޒިރުކުރަން ނިންމާފަވާ ކަމަށެވެ.
މިނިސްޓަރު ނަހުލާ ކޮމިޓީއަށް ހާޒިރުކުރަނީ ކޮވިޑް-19 އާ ގުޅިގެން ސަރުކާރުގެ އެކި ވުޒާރާތަކުން ކުރަމުންދާ މަސައްކަތުގެ މައުލޫމާތު އޮޅުންފިލުވުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކަމަށްވެސް ކޮމިޓީގެ މެމްބަރު ވަނީ ވިދާޅުވެފައެވެ. މީގެކުރިން ވަނީ އެހެނިހެން މިނިސްޓަރުން ވެސް އެ ކޮމިޓީއަށް ހާޒިރުކޮށް މައުލޫމާތު އޮޅުންފިލުވާފައެވެ.
ކޮވިޑް-19އާ ގުޅިގެން ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގައި މިނިސްޓަރު ނަހުލާ ބައިވެރިވެރިވެވަޑައިނުގަންނަވާތީ ގިނަ ބަޔަކު ވަނީ އެކަމަނާ އަށް ފާޑުވިދާޅުވެފައެވެ.