މާލެ ސިޓީގައި ގާއިމުކޮށްފައިވާ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ބްރާންޗުތަކުން އޮންލައިން ނޫން ހިދުމަތްތައް ދޭނީ އެޕޮއިންޓަމަންޓް ދޫކޮށްގެން ކަމަށް އެ ބޭންކުން ބުނެފިއެވެ.
މީގެ ކުރިން މާލެ ސިޓީގެ ބްރާންޗުތައް ހުޅުވާފައި ނުވާ އިރު، ފުރަބަންދަށް ދިން ލުއިތަކާއެކު މޮނީޓަރިންގެ ހާލަތުގައި ނެތް ރަށްތަކުގެ ބީއެމްއެލް ރަށްރަށުގެ ބްރާންޗުތައް މިހާރުވެސް އަންނަނީ ހުޅުވަމުންނެވެ.
ބީއެމްއެލް އިން ބުނީ އަންނަ ހަފްތާގެ ހޯމަ ދުވަހުން ފެށިގެން އޮންލައިން އަދި ސެލްފް-ސަރވިސް ބޭންކިންގ މެދުވެރިކޮށް ލިބެން ނުހުންނަ ހިދުމަތްތައް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށްޓަކައި ބީއެމްއެލްގެ ބްރާންޗް ތަކާއި ސާވިސް ސެންޓަރުތައް ހުޅުވުމަށް މިހާރު ނިންމާފައިވާ ކަމަށެވެ.
އެގޮތުން ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހުގެ ހެނދުނު 09:00 އިން ފެށިގެން މެންދުރުފަހު 2:00 އަށް ކަމަށް ބީއެމްއެލް އިން ބުންޏެވެ.
ހިދުމަތް ދިނުމަށް ހަމަޖެހިފައިވާ މާލެ ސިޓީގެ ބްރާންޗްތަކުގެ އެޕޮއިންޓްމަންޓަށް އެދުމުގެ ފުރުސަތު އާދިއްތަ ވިލޭރޭ 12:00 އިން ހުޅުވޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ. އަދި އެޗްޕީއޭ އިން ކަނޑައަޅުއްވާފައިވާ ގައިދުރުކަން ބެހެއްޓުމުގެ އުސޫލޫތަކާ އެއްގޮތަށް ދުވާލަކަށް ހިދުމަތްދިނުމަށް ހަމަޖެހިފައިވަނީ ކަނޑައެޅިފައިވާ އަދަދެއްގެ ކަސްޓަމަރުންނަށް ކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.