ރާއްޖެ އާއި އިންޑިއާއާ ދެމެދު މިހާރު އަޅާފައިވާ ސަބްމެރިން ކޭބަލް މިހާރު ވަނީ އައުޓްޑޭޓް ވެފައި ކަމަށާއި އެހެންވެ އާ ކޭބަލެއް އަޅާނެ ކަމަށް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖެ އާއި ސްރީ ލަންކާއާ ދެމެދު އަޅާ ސަބްމެރިން ކޭބަލް މި އަހަރުގެ ފަހުކޮޅު އަޅާ ނިމޭނެ ކަމަށް އެ މަސައްކަތް ހަވާލުކޮށްފައިވާ ކުންފުނިން ބުނުމުން ކުރެއްވި ޓްވީޓެއްގައި މަލީހް ވިދާޅުވީ، ޒަމާނީ ފެންވަރުގެ ސަބްމެރިން ކޭބަލް އެޅުމުގެ ސަބަބުން ރާއްޖެ އަށް ފައިދާ ކުރާނެ ކަމަށާއި، ރާއްޖެ އާއި އިންޑިއާއާ ދެމެދު އަޅާފައިވާ ކޭބަލް އައުޓްޑޭޓް ވެފައިވާތީ އާ ކޭބަލެއް އެޅުމުގެ މަސައްކަތް އަވަސްކުރުވާނެ ކަމަށެވެ.
ރާއްޖެ އާއި ލަންކާއާ ދެމެދު އަޅާ ސަބްމެރިން ކޭބަލަކީ އުރީދޫ އާއި ދިރާގު ގުޅިގެން އަޅާ ކޭބަލެކަށް ވާއިރު، މި ކޭބަލަކީ ރާއްޖޭގައި މިގޮތަށް އަޅާ ތިން ވަނަ ކޭބަލެވެ. ދިރާގާއި އުރީދޫން ދޭ ހިދުމަތްތަކުގެ ފެންވަރު މި ކޭބަލްގެ ސަބަބުން ސަބަބުން އިތުރަށް ރަނގަޅުވެ، ކަސްޓަމަރުންނަށް ބުރޫ ނާރާނެ ގޮތަށް ހިދުމަތްތައް ފުޅާކުރެވޭނެ ކަމަށް އެ ކުންފުނިތަކުން ވަނީ ބުނެފައެވެ. މި ކޭބަލްގެ ދިގުމިނަކީ 840 ކިލޯ މީޓަރެވެ.
މި ކޭބަލް އަޅަން ނިންމާފައި ވަނީ 3،700 މީޓަރު އަޑީގަ އެވެ.