ވާހަކަ: ހަޔާތުގެ ކުލަތައް (3)

ކުރީ ބައި: ހަޔާތުގެ ކުލަތައް (2)

ޒުހުރާ އިރުކޮޅެއްވަންދެން ދޮރުގައި ލެގިލައިގެން ހުއްޓެވެ. އަތީކްގެ ކޮޓަރި ތެރޭގައި ތިން އަންހެން ކުދިންނާއެކު އޭނާ ބަދުއަހުލާގީ އަމަލު ހިންގަން ތިއްބާ ފެނުން ވެގެން ދިޔައީ ޒުހުރާއަށް އާ ކަމަކަށެވެ. ކޮޓަރި ދޮރުހުޅުވާލުމާއެކު ދުވީވެސް ސިގިރޭޓު ވަހާއި، ބުނެދޭންވެސް ނޭންގޭ ކަހަލަ ވަހެކެވެ. އަނެއްކާ އަތީކް އަކީ މަސްތުވާތަކެތި ބޭނުންކުރާ މީހެއްބާއެވެ. ނޫނީ ރާ ބޯމީހެއް ބާއެވެ. އެފަދަ ހިޔާލުތަކުގައި ހުރި ފިޔަވަޅުމަތިން ގުޑާލަންވެސް ނޭންގިފައި ޒުހުރާއަށް ހުރެވުނެވެ. މިހެން ހުއްޓާ ދާނިޝް ކުކުރިލާފައި ހޭލިއެވެ. “ޒުހޫ. ތިތާ ތިހުރީ ކިހިނެއްވެފަ؟” ޒުހުރާ ދޮރުގައި ލެގިލައިގެން ހުރިތަން ފެނުމާއެކު ދާނިޝް ސުވާލުކުރިއެވެ.

ޒުހުރާ އެވަގުތު ވިސްނަމުން ދިޔައީ ފެނުނު މަންޒަރު ދާނިޝްއަށް ހިއްސާކުރާނީތޯ ނުވަތަ ނޫންތޯ ވިސްނަމުންނެވެ. އަތީކް އަކީ ދާނިޝްގެ އެންމެ ގާތް އެކުވެރިއާއަށްވެފައި އޭނާއާއި ގުޅޭގޮތުން އެފަދަ ވާހަކަތަކެއް ދައްކައިފިނަމަ ދާނިޝް ޒުހުރާއާއި މެދު ދެކޭނެ ގޮތެއްވެސް ނޭންގެއެވެ. ވުމާއެކު ޒުހުރާ ނިންމީ އެކަން ދާނިޝްއަށް ސިއްރުކުރާށެވެ. “ކަ..ކަމެއް..ކަމެއްނުވެ. ފެން ބަލާ ނިކުންނަން އުޅެނިކޮށް ކުއްލިއަކަށް މަންމަ މަތިން ހަނދާންވީ.” ޒުހުރާ އަތުގައި އޮތް ޖަގު ސައިޑު ކަބަޑު މަތީ ބަހައްޓަމުން ވާހަކަދެއްކިއެވެ. “ޒުހޫ. އެގޭ ތިހުރިހާ ގޮތެއްވެސް ޒުހޫއަށް ވާނެކަން. ޒުހޫގެ އުމުރުން ހަގުވެފައި، މިއޮތްހާ ޒަމާންވަންދެން މަންމަ ކައިރި އުޅުނީމަ މަންމަ މަތިންވެސް ހަނދާންވާނެ. އެކަމަކު ޒުހޫ އަބަދުވެސް ހަނދާންކުރާތި ޒުހޫގެ އުއްމީދުތަކެއް ވާކަން.” ދާނިޝް އޭނާއާއި ޒުހުރާ ގާތްކޮށްލަމުން ވާހަކަދެއްކިއެވެ.

ހެނދުނު ހޭލެވުމާއެކު ޒުހުރާ އަވަސްވެގަތީ ފެންވަރާލައިގެން ބަދިގެއަށް ވަނުމަށެވެ. ނަމަވެސް ބަދިގެއަށް ދިޔައިރު ސުފުރާމަތީގައި ނެތް އެއްޗެއް ނެތެވެ. ހެނދުނު ހެނދުނާއި ހޭލައިގެން ބަދިގެއަށް ސައިތައްޔާރުކުރުމަށް ވަންނަ ވަނުމުގެ އާދައަކީ ޒުހުރާގެ ކަށީގައި ހިފާފައި ހުރި ކަމެކެވެ. ނަމަވެސް ގެއަށް އަންނަ ކައްކާ މީހާ ހުރީ ހެނދުނުގެ ސައި ތައްޔާރުކޮށްފައެވެ. ޒުހުރާ އަވަސްވެގަތީ އަތީކް ހޭލައިގެން އައުމުގެ ކުރިން ސައިބޮއެ ނިންމާލުމަށެވެ. އެއީ ރޭގެ ހާދިސާއަށް ފަހު ޒުހުރާ އަތީކްއާއި ކުރިމަތިލާން ބޭނުން ނުވާތީއެވެ. ސައިތަށި ނަގައި ކޯވަރެއް ބޯލުމަށްފަހު ތަށި ނުބެހެއްޓި އުޅެނީސް އަތީކް ހޭލައިން ނިކުތެވެ.

“ޒުހޫ. މިއަދު ހާދަ ރީއްޗޭ.” އަތީކް ދަހިވެތި ބެލުމަކުން ޒުހުރާއާއި ދިމާލަށް ބަލާލިއެވެ. އެހިސާބުން ޒުހުރާގެ މޫނުގެ ކުލަވަރު ބަދަލުވެ، އަނގައިގައި އޮތް ކާއެތިކޮޅު ދިރުވާލަންވެސް އުނދަގޫވިއެވެ. އަތީކް ވާހަކަ ދައްކާ ގޮތާއިމެދު ކިތަންމެ ހިތްހަމަ ނުޖެހުނަސް މިއަދު ޒުހުރާއަށް ހައްޕުވެސް ބުނެވޭކަށް ނެތެވެ. “ޝުކުރިއްޔާ.” ކުރުގޮތަކަށް ޖަވާބުދިނުމަށްފަހު ޒުހުރާ ކޭތަށި ދޮވެފައި ގޮސް ކޮޓަރިއަށް ވަނެވެ. އޭރު ދާނިޝް ކޮޓަރިން ނިކުންނަނީއެވެ. ޒުހުރާ ފެނުމުން ދާނިޝް ހީލުމަށްފަހު ކޮޓަރިން ބޭރަށް ނިކުތެވެ. ވީ ފޫއްސެއްގެ ބޮޑުކަމުން ޒުހުރާ ދިޔަގޮތަށް ގޮސް އެނދުމައްޗަށް ވެއްޓިގަތެވެ. އަތީކް އަކީ ކޮންކަހަލަ މީހެއް ހެއްޔެވެ؟ ބެސްޓްފްރެންޑުގެ ލޯބިވެރިޔާއާއި ދިމާލަށް އޭނާ ބަލަނީ ފެންބޮވައިގަނެގެން ކަޅިއަރާފައި ހުންނަ މީހަކު ފެންތައްޓަކަށް ބަލާހެންނެވެ. އެހާވެސް ދަހިވެތި ބެލުމެކެވެ. ނަމަވެސް ޒުހުރާ ނިންމީ ކިޔަވައި ނިމެންދެން ވަރަށް ކެތްތެރިކަމާއި ހުޝިޔާރުކަމާއެކު، ހުރުމަށެވެ. ޒުހުރާގެ އުމުރުން ކިތަންމެ ހަގަސް ޒުހުރާއަކީ ހިތްވަރު ގަދަ ކެރޭ ކުއްޖެކެވެ.
އެދުވަހުގެ ހަވީރު އެންމެން ނިކުތީ ސައިކަލު ބުރު ޖަހާލަންށެވެ. މާލެއަށް އައިސްފައިވާ ބޮޑެތި ބަދަލުތައް ފެނިފައި ޒުހުރާއަށް އިދެވުނީ އާޝޯހުވެފައެވެ. ކުރިއަށްވުރެ އަދި މިހާރު މަގުމަތީގައި ދުއްވާ އުޅަނދު ގިނަ ކަމަށް ފާހަގަކުރެވުނު އިރު، އެކި އުމުރުފުރައިގެ ލޯބިވެރިން ހަވީރު ފިންޏަށް ދުއްވަން ނިކުމެ އުޅެއެވެ. ވަކިވަރަކަށް ދުއްވުމަށްފަހުގައި އެންމެން ދިޔައީ ރެސްޓޯރަންޓަކަށް ހަވީރުގެ ސައިބުއިމަށެވެ. ރެސްޓޯރެންޓްގެ އެތެރެއަށް ވަދެގެން ދަނިކޮށް ފަހަތުން މީހަކު ޒުހުރާއޭ ކިޔައި ގޮވާލި އަޑު އިވުނެވެ. އެވަގުތު ތިން މީހުންނަށް އެއްފަހަރާ ބަލާލެވުނެވެ. ޒުހުރާއަށް ގޮވީ އޭނާއާއެކު އެންމެ ކުޑައިރުންފެށިގެން އެއް ކްލާހެއްގައި ކިޔަވަން އުޅުނު ނަތާޝާއެވެ. ނަތާޝާވެސް ވަކި ހިސާބަކުން މާލެއައުމާއެކު އެކަކު އަނެކަކަށް ގެއްލުނީއެވެ.

ނަމަވެސް ނަތާޝާއަށް އައިސްފައި އިން ބަދަލު ފެނިފައި ޒުހުރާ އަދި ދާނިޝްވެސް ހުރީ ހައިރާންވެފައެވެ. ބޮލުގައި ކުލަ ޖައްސާ، ލާފައި އިން ކަޅު ކުލައިގެ ޓޮޕުން ބަނޑުގެ އެއްބައި އޮތީ ފެންނަންށެވެ. ނަތާޝާއަކީ އަބަދުވެސް ހަމުގެ ކުލަ ދޮން، އިސްކޮޅުން ދިގު އަދި ފަން އިސްތަށިގަނޑެއް ލިބިފައިވާ ރީތި ކުއްޖެކެވެ. “އަހަރެން އަންނާނަން ނަތާޝާ ކައިރިއަށް ގޮސްލާފަ. ދާނިޝްމެން މޭޒެއްގައި މަޑުކޮށްލާ.” ޒުހުރާ މިހެން ބުނެފައި ނަތާޝާއާއި ދިމާލަށް ހިނގައިގަތެވެ. “ނަތާ… ހާދަ ބޮޑަކަށް ބަދަލުވެފައޭ ތީނީ. ނުވެސް އެނގުނު.” ޒުހުރާ ގޮޑީގައި އިށީންނަމުން ވާހަކަދެއްކިއެވެ. “ހިހި. އާދޯ!. އަބަދު އެއްގޮތަކަށް ދިރިއުޅޭ އެއްޗެއް ނޫން. ބޮޑުވާ ވަރަކަށް އަމިއްލަ ނަފްސަށް ބަދަލުތައް ގެންނަންޖެހޭނެ. ޒުހޫ މާލެއަށް އައީ ކޮންއިރަކު؟ އެއީ އަހަރެމެން ރަށު ދާނިޝްދޯ.” ނަތާޝާ ސުވާލުކުރިއެވެ.

ޒުހުރާ، ނަތާޝާއަށް ކަންވެގެން ދިޔަގޮތް އޮޅުން ފިލުވައިދިނެވެ. ނަތާޝާ ޒުހުރާގެ ހިތްވަރަށް ސާބަސް ދިނެވެ. ޒަމާންތަކަކަށްފަހު ދެ ރަހުމަތްތެރިން ދިމާވުމުން ނަންބަރު ބަދަލުކޮށް، ނަތާޝާގެ އެދުމަކަށް އެރޭ ނަތާޝާއާއެކު ބޭރަށް ދިއުމަށް ޒުހުރާ އެއްބަސްވިއެވެ. ފުރަމާލެއިން ދަންނަ ރަހުމަތްތެރިއަކާއި ދިމާވުމުން ޒުހުރާ ހުރީ ވަރަށް ބޮޑަށް އުފާވެފައެވެ. ސައިބޮއެގެން ގެއަށް ދިޔަ މަގުމަތީގައި ޒުހުރާ އެރޭ ބޭރަށް ދާވާހަކަ ދާނިޝްގާތުގައި ބުންޏެވެ. ދާނިޝް އެކަމަކަށް އިންކާރެއް ނުކުރެއެވެ.

ގަޑިން ރޭގަނޑު އަށެއް ޖެހުމާއެކު، ނަތާޝާ ޒުހުރާއަށް ގުޅިއެވެ. ފުރަތަމަ ކުޑަ ޝޮޕިންއެއް ނިންމާލުމަށްފަހުގައި ދެން ދިޔައީ ރެސްޓޯރަންޓަކަށް ކާށެވެ. ނަތާޝާ ގޮސްވަނީ ފުދޭވަރަކަށް ރީތިކޮށް ހަދާފައި ހުރި ތަނަކަށެވެ. ބަލާބެލުމަށް އަގުބޮޑު ތަނެއްހެން ހީވިއެވެ. ކާއެއްޗިއްސަށް އޯޑަރު ދިނުމަށްފަހު ޒުހުރާއަށް ނަތާޝާ ގަނެދިން އައު ހެދުން އޭނާއަތަށް ދިނެވެ. އެ ހެދުން ގަތީ ޒުހުރާއަށްވެސް ނޭންގި ކަމަށް ނަތާޝާ ބުންޏެވެ. “އަޅެ ތެންކިއު!. އަހަރެން މިއީ ޝޮޕިންގަ ނަތާއާއި އެކީ އުޅުނު މީހާ. މި ގަތް އިރުވެސް އަހަރެންނަށް ރެއަކާ ނުލައި ވިއްޔަ.” ޒުހުރާގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. “ވެލްކަމް ޒުހޫ. މިހާ ގިނަ ދުވަސް ފަހުން ދިމާވީމަ ހަމަ ޒުހޫއަށް ހަދިޔާއެއް ދޭ ހިތްވީ.” ނަތާޝާގެ ހިތްހެޔޮކަމަކީ އޭނާގެ އެންމެ ރީތި ސިފަކަމުގައި ޒުހުރާ އަބަދުވެސް ގަބޫލުކުރެއެވެ.

ކައި ނިމިގެން އެތަނުން ބޭރަށް ނިކުމެގެން އެމީހުން ދިޔައީ ނަތާޝާ ދިރިއުޅޭ ގެއަށެވެ. ހަނި ގޯޅިގަނޑެއްގެ ތެރެއިން ވަދެގެން ގޮސް، ވަރަށް އެތެރޭގައި ހުރި ދޮރެއް ނަތާޝާ ހުޅުވިއެވެ. ދޮރު ހުޅުވާލިމާއެކު ދުވި ސިގިރޭޓި ކުނި ވަހުން ޒުހުރާ ކޮށިއެރިއެވެ. ނަތާޝާ ދިރިއުޅޭ މާހައުލު ފެނިފައި ޒުހުރާ ހުރީ އަޖައިބުވެ އަންތަރީސްވެފައެވެ. ކޮޓަރީގެ އެއްފަރާތުގައި އެދެއް ބަހައްޓާފައި ހުރި އިރު، އެނދާއި އިންވެގެން ކުޑަ މޭޒެއް މަތީގައި ރައިސް ކުކަރަކާއި، ކައްކަން ގެންގުޅޭ ބައެއް ސާމާނުތައް ހުއްޓެވެ. އަނެއް ފަރާތުގައި ކުޑަ ސޯފާއެއް ހުރި އިރު، ސޯފާ މައްޗަށް ހުރީ އަންނައުތަކެއް އުކާލާފައެވެ. އެނދުމަތީގައި އޮތް ހަޑި ބެޑުޝީޓު ފެނިފައިވެސް ޒުހުރާ އޯކަށް ނުދެމުނީ ހަމަ ކިރިޔާއެވެ.

“ތަންކޮޅެއް ހަޑިވާނެ މިތަން. އެކަމަކުވެސް އުޅެލެވޭ ވަރުވަންޏާ އެ ނިމުނީނު.” ނަތާޝާ އެތެރެއަށް ވަދެ ގަނެގެން ގެނައި ސާމާނުތައް އެނދުމަތީގައި ބަހައްޓަމުން ވާހަކަދެއްކިއެވެ. އެވަގުތު ސޯފާ މަތީގައި ހުރި އަންނައުނުތައް އެއްފަރާތް ކޮށްލާފައި ޒުހުރާ އިށީނެއެވެ. ހަމަ އެވަގުތު ކުއްލިއަކަށް، ގޭގެ ދޮރުގައި ވަރަށް ބާރަށް މީހަކު ޓަކިޖެހި އަޑުއިވުނެވެ. ނަތާޝާ ވަގުތުން ކައްކަން ގެންގުޅޭ ވަޅި އަތަށް ނެގިއެވެ. އަދި ޒުހުރާ ފުންމައިގަނެގެން ކޮޅަށް ތެދުވިއެވެ. ނަތާޝާ އަތުގެ އިޝާރާތުން ޒުހުރާ ކައިރީ ސޯފާގައި ހަމަޖެހިލައިގެން އިށީނުމަށް ބުންޏެވެ. ދޮރުގައި ޓަކިޖަހަނީ އެންމެ މީހެއް ނޫނެވެ. ޓަކި ޖަހާގޮތުން ދެތިން ހަތަރު މީހުން ތިބިކަން ޔަގީންވިއެވެ.

ނަތާޝާ ކުއްލިއަކަށް ގޭގެ ދޮރު ހުޅުވިއެވެ. އެވަގުތު ބޭރުގައި ތިބި އެންމެން ކޮޓަރިތެރެއަށް ދެމިގަނެ ނަތާޝާއަތުގައި އޮތް ވަޅި ޖަހައިގަތެވެ. އަދި ވަގުތުން ދޮރު ތަޅުލިއެވެ. ޒުހުރާ ހާސްވެގެން ހަޅޭއްލަވައިގަންނަން އުޅުމުން އެތަނުން އެކަކު ޖީބުން ކަޓަރެއް ނެގުމަށްފަހު މަޑުން އިށީންދެގެން އިނުމަށް އަމުރުކުރިއެވެ. އޭރު އެތަނުން ދެމީހަކު އޮތީ ނަތާޝާ ބަނޑުވަތަށް އެދުމަތީގައި ބާއްވާ އޭނާގެ ގައިގައި ހިފަހައްޓައިގެންނެވެ. “ކުއްތާޔާ ކޮބާހޭ ލާރިކޮޅު؟. ދެން ނާންނާނަން އެ ހޯދާކަށް. ކަލޭ ކަރުއަޅާލާނީ!. އެތަނުން އެކަކު ނަތާޝާ ކޮޅަށް ނެގުމަށްހުފަ އޭނާގެ ކަރުގައި ހިފިއެވެ. “އަތްދޯއި އީންޓެ. މަށަށް ތަދުވެޔޭ އެބަ. ބުނިންދޯ ލާރިކޮޅު ދެ ދުވަހެއްގެ ތެރޭ ލިބޭނެއޭ. ބަލާއެއްނު.” ނަތާޝާއާއި އެމީހުންނާއި ދޭތެރޭ ހިނގަމުން ދިޔަ ވާހަކަތައް އަޑުއަހަން އިން ޒުހުރާ އިނީ ބަސްހުއްޓިފައެވެ. އަދި އެމީހުންނަކީ ނަތާޝާ ދަންނަ ބައެއްކަން ޒުހުރާއަށް ޔަގީންވިއެވެ. “ތިޅާއަށް އެންމެ ފަހު ވާރނިންގް މިދެނީ. ދެ ދުވަސްތެރޭ ލާރިކޮޅު ނުދީފިއްޔާ ތިޅާ މަރާލާނަން.” ކަޓަރު ހިފައިގެން ހުރި މީހާގެ އެ ޖުމްލައިން ޒުހުރާގެ ހެއަށް ގޮތްނުވީ ކިރިޔާއެވެ. ކުރިމަތިން ފެންނަމުން ދިޔަ މަންޒަރުތަކުން ޒުހުރާ އިނީ ހަދާނެ ގޮތް ހުސްވެފައެވެ. ނަތާޝާ އަކީ ކިހާ ފެންވަރެއްގެ މީހެއް ބާއޭ ޒުހުރާ ހިތަށް އެރިއެވެ. އަނެއްކާ މިކަމުގެ ސަބަބުން ޒުހުރާއަށް އަސަރެއް ކޮށްފިނަމަ މައިންބަފައިންނަށް ދޭނީ ކޮން ޖަވާބެއް ހެއްޔެވެ؟ ނަތާޝާއަށް މަރުގެ އިންޒާރުދިންކަން ހަމައެކަނި އެނގޭނެ މީހަކަށް އެތަނުގައި އިނީ ޒުހުރާއެވެ. މިއީ ޒުހުރާ ކަމެއްގެ ތެރޭގައި ބެއްދުމަށް ނަތާޝާ ރޭވި ރޭވުމެއް ބާއޭވެސް ޒުހުރާ ހިތަށް އެރިއެވެ. (ނުނިމޭ) – ހަތަރުވަނަ ބައި ކިޔާލާ!

ލިންކް: މިވާހަކައިގެ ހުރިހާ އެޕިސޯޑެއް ކިޔާލާ!

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ