އިތުރު 2.7 ބިލިއަން ރުފިޔާ ސަރުކާރުން އޯވަޑްރޯކޮށްފި

ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން ކޮންމެހެން ކުރަންޖެހޭ ހަރަދުތައް ކުރުމަށް މަރުކަޒީ ބޭންކު އެމްއެމްއޭއިން 2.7 ބިލިއަން ރުފިޔާ ބަޕްލިކް ބޭންކް އެކައުންޓުން ސަރުކާރަށް އޯވަޑްރޯކޮށްފިއެވެ.

ޕަބްލިކް އެކައުންޓް އޯވަޑްރޯ ކުރުމަކީ، ދައުލަތުގެ މާލިއްޔާގެ މައި އެކައުންޓްގައި ނެތް އަދަދަށް ވުރެ އިތުރަށް އެމްއެމްއޭއިން ސަރުކާރުގެ ހަރަދުތަކަށް ފައިސާ ދޫކުރުމެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އިގްތިސާދުގައި ދައުރުވަމުންދާ ފައިސާގެ ތެރެއަށް އިތުރު ފައިސާ ދޫވެގެންދެއެވެ.

އެމްއެމްއޭގެ މާލީހިސާބުތަކުން ދައްކާ ގޮތުގައި، މި ފައިސާއަކީ މިދިޔަ މެއި މަހުގެ 26ވަނަ ދުވަހުގެ ނިޔަލަށް އޯވަޑްރޯގެ ގޮތުގައި ދޫކޮށްފައިވާ ފައިސާގެ ޖުމުލަ އަދަދެވެ. އެގޮތުން އޯވަޑްރޯގެ ގޮތުގައި މިހާތަނަށް ދޫކޮށްފައިވާ 2.7 ބިލިއަން ރުފިޔާގެ ތެރެއިން 828 މިލިއަން ރުފިޔާއަކީ މިއަހަރުގެ އޭޕްރީލް މަހުގެ 29ވަނަ ދުވަހުގެ ނިޔަލަށް ދޫކުރި ފައިސާއެވެ.

އޯވަޑްރޯގެ ގޮތުގައި އެމްއެމްއޭއިން ފައިސާ ދޫކޮށްފައިވަނީ ކޮވިޑް19އާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް އައި ހީނަރުކަމާއެކު ސަރުކާރުގެ ހަރަދުތައް ފޫބެއްދުމަށް އެދި ފިނޭންސް މިނިސްޓަރު އެދިވަޑައިގަތުމުން، ރައްޔިތުންގެ މަޖިލީހުން އެކަމަށް ހުއްދަ ދިނުމުންނެވެ. ސަރުކާރުން އެމްއެމްއޭއަށް ދަރަނި ނެގޭނީ ފާއިތުވެދިޔަ ތިން އަހަރުގެ އެވަރޭޖް އާމްދަނީގެ ތިން ޕަސެންޓު ނަމަވެސް ފިނޭންސް މިނިސްޓްރީން އެ ލިމިޓް މަތިކޮށްދިނުމަށް އެދުމުން މަޖިލީހުން ވަނީ އެ އަދަދު 4.2 ބިލިއަން ރުފިޔާއާ ހަމައަށް އެ އަދަދު އިތުރުކޮށްދީފައެވެ.

މެއި 26ވަނަ ދުވަހުގެ ނިޔަލަށް އޯވަޑްރޯގެ ގޮތުގައި ނަގާފައިވާ 2.7 ބިލިއަން ރުފިޔާއަކީ މި އަދަދުގެ ތެރެއިން ސަރުކާރުން ނަގަން އެދުނު އަދަދެވެ. އެހެންކަމުން އޯވަޑްރޯގެ ގޮތުގައި ދެން ސަރުކާރަށް ނެގޭނީ 1.5 ބިލިއަން ރުފިޔާއެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ