މަޖިލިސްގައި “އަޑު އިއްވަވަން” ވިދާޅުވިއިރު މަޖިލިސްކުރާގެ ތަޅުލައިގެން!

މަޖިލިސްކުރާ ގޭގައި ވެރިކަން ކުރާ ޕާޓީ އެމްޑީޕީގެ މެމްބަރުން ވަނީ އެމީހުންގެ ބާރު އޮތްކަން ދައްކާލާފައެވެ. ޤާނޫނު އަސާސީ އިސްލާހުކުރަން ދަންވަރު 2 ޖެހިއިރު މަޖިލިސްކުރާގެ ހުޅުވައިގެން ބޭއްވި ޖަލްސާގައި އިދިކޮޅު މެމްބަރުންގެ ޝޫއޫރު ފާޅު ކުރުމުން ސަރުކާރު ހިންގާ ޕާޓީއަށް ނިސްބަތްވާ މެންބަރުން ވަނީ މަޖިލިސް ތެރޭގައި ޝޫއޫރު ފާޅުކުރި މެމްބަރު ކަމަށްވާ ނައިފަރު ދާއިރާގެ މެމްބަރު މުހައްމަދު ޝިޔާމު “ލަވަމުން ކޮއްޕަމުން” މަޖިލިސް ތަޅުމުން ނެރެފައެވެ.

ރައްޔިތުންގެ މަޖިލީހަކީ ޒަމާނުންސުރެ އިދިކޮޅު ޝުއޫރުތައް ފާޅު ކުރަމުންއައި މާހައުލެކެވެ. އެހެނަސް ދާދަފަހުން ފެނިގެން ދިޔައީ އެމަޖިލީހުގައި އިދިކޮޅު ހިޔާލާތައް ބަރުދާސްތު ނުވެ މަޖިލިހުގެ ރައީސް ފުންމައިގެން ތެދުވެ އިދިކޮޅު ހިޔާލު ފާޅު ކުރި މެމްބަރު ނެރެ ދޮރުގެ ތަންޑު އެޅުވި ތަނެވެ. އަދި ޤާނޫނު އަސާސީއަށް ގެނައި ބަދަލު ގެނައީ އިދިކޮޅު މެމްބަރުން ބޭރުގައި ބައިތިއްބައިގެންނެވެ. މިއީ އިދިކޮޅު ހިޔާލު ފާޅުކުރުމަށް ވަކާލާތު ކުރާ މީހުންގެ ހާލު ގުރި ގޮތެވެ.

މަޖިލިސްތެރޭގައި ހިނގާދިޔަ ހަމަނުޖެހުމަށްފަހު އިދިކޮޅު ފަރާތްތަކުން ވަނީ މަޖިލިސް ބޮއިކޮޓް ކޮށްފައެވެ. އެކަމާއި ގުޅިގެން އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ބުނެފައިވަނީ ހިއްވަރު ހުންނަންވާނެކަމަށާއި ޖަލްސާއަށް ވަޑައިގަންނަާ އަޑު އުފުލަވަން ޖެހޭނެކަމަށެވެ.

“ހިއްވަރު ހުންނަންވާނެ. ޖަލްސާއަށް ވަޑައިގަންނަވާ. ބައިވެރިވަޑައިގަންނަވާ. ވާހަކަދައްކަވާ އަޑު އިއްވަވާ. އެއްގޮތަކަށް ވެސް އެހެން ހައްދަވައިގެން ނުވާނެ.” ކަމަށް މެމްބަރު ޢާޒިމް ބުނެފައިވެއެވެ.

އެހެނަސް އެބުނާ “އަޑު” އިއްވަން މަޖިލިހުގައި ފުރުސަތު ނެތްކަން އެދުވަހުގެ މަޖިލިސް ބަލައިލި ކޮންމެ ދިވެހި ރައްޔިތަކަށް ސާފުވާނެއެވެ. އެބުނާ “ހިތްވަރު” ހުރެގެން އަޑު އުފުލާ ފަރާތްތަކަށް މުލައްދަނޑިން ޖަވާބުދިން ތަން ދިވެހި ރައްޔިތުން ހެކިވާނެއެވެ. އެހެންކަމުން އިދިކޮޅު ޕާޓީތަކުން މަޖިލިސް ބޮއިކޮޓް ކުރި ސަބަބުން ވަރަށް ސާފެވެ. މަޖިލިހުގެ ތަޅުމުގައި “ރައްޔިތުންގެ އަޑު” އިއްވުމަށް ފުރުސަތެއް ނެތެވެ. އެފުރުސަތު ނެތް އިރު މަޖިލިހުގެ ދޮރު ކައިރީ ތިބުމުގެ ބޭނުމެއް ނެތެވެ.

ޕީޕީއެމް އަދި ޕީއެންސީގެ މަޖިލިސް މެންބަރުންގެ ޖޮއިންޓު ޕާލިމަންޓްރީ ގްރޫޕުން ވަނީ މިމައްސަލާގައި ބަޔާނެއްގައި ނެރެފައިވެއެވެ. އެބަޔާނުގައި ވަނީ “ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު މެންބަރުންނަށް ސަލާމަތާއި ރައްކާތެރިކަމާއެކު، ޤާނޫނީ ޒިންމާ އަދާކުރެވޭފަދަ މާހައުލެއް އޮތްކަމަށް ނުފެންނާތީވެ، އަދި އެރޭގެ ޖަލްސާގައި ލިބުނު އަނިޔާތަކުގެ ސަބަބުން މެންބަރު އަޙްމަދު ޝިޔާމުގެ ސިއްޙީ ޙާލުކޮޅު ގޯސްވެފައި ވާތީއާއި، އެކަމާގުޅޭ ޖިނާޢީ ތަހްޤީޤެއް ހިނގަމުންދާތީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޖޮއިންޓް ޕާލިމެންޓަރީ ގްރޫޕްގެ މެންބަރުން މާދަމާގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައިވެސް ބައިވެރި ނުވާނެ ވާހަކަ ދަންނަވަމެވެ.” މިފަދައިންނެވެ.

މަޖިލިސްގައި “އަޑު އިއްވަވަން” ވިދާޅުވިއިރު މަޖިލިސްކުރާގެ ތަޅުލައިގެން އަޑުއިއްވޭކަށް ނެތެވެ. މަޖިލިހުގައި އެފުރުސަތު ލިބިގެންނޫނީ ރައްޔިތުންގެ އަޑު އިއްވޭކަށް ނެތެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ