ރާއްޖޭގެ ހުރިހާ ސްކޫލަކަށް ފޮނުއްވި ސާކިއުލާގައި އެޑިއުކޭޝަން މިނިސްޓްރީއިން ބުނެފައިވަނީ ބަލިމަޑުކަމުގެ ހާލަތަށް ބެލުމަށް ފަހު ސްކޫލުތަކުގައި ކިޔަވައިދޭން ފަށަން ގިނަ މަޝްވަރާތަކެއް ކޮށްފައިވާ ކަމަށާއި އެއާއެކު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަދި ކަމާގުޅުން ހުރި ފަރާތްތަކުގެ ލަފާގެ މަތިން ސްކޫލުތައް ހުޅުވައި ކިޔަވައިދިނުމަށް މިހާރު ތައްޔާރުވަމުން އަންނަ ކަމަށެވެ.
ސްކޫލުގެ ދަންފަޅިތަކުގެ އަދަދާއި ހާޒިރުވާންޖެހޭ ގްރޭޑުތައް ކަނޑައަޅާނީ ސްކޫލުގެ އާބާދީ އާއި ރަށުގެ ބަލިމަޑުކަމުގެ ހާލަތަށް ބެލުމަށްފަހުގައި ކަމަށާއި ސްކޫލުގެ އިދާރީ ހިންގުމާއި ކިޔަވައިދިނުމުގެ އިންތިޒާމްތަކާއި ދަރިވަރުންނާއި މުވައްޒަފުންގެ ސިއްހީ ރައްކާތެރިކަން ކަށަވަރުކުރަން މި ހާލަތުގައި ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭނެކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީގެ ސާރކިއުލާރގައި ވެއެވެ.
އެހެންކަމުން “އެކަމަށް ބޭނުންވާ މައުލޫމާތާއި އިރުޝާދު ފަސޭހަކަމާ އެކު ފޯރުކޮށްދޭން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަން” ސާރކިއުލާރގައި ފާހަގަ ކުރައްވާފައިވެއެވެ.