ވާހަކަ: ހަޔާތުގެ ކުލަތައް (4)

ކުރީ ބައި: ހަޔާތުގެ ކުލަތައް (3)

އެމީހުންގެ އެންމެ ފަހު ބަހާއެކު އެތަނުން ނިކުމެގެން ދިޔައީ ނަތާޝާ އެނދުމައްޗަށް ކޮއްޕާލުމަށްފަހުގައެވެ. އެމީހުން ދިއުމާއެކު، ޒުހުރާ އަވަސްވެގަތީ ގޭގެ ދޮރު ލައްޕައި ނަތާޝާ އެނދުމަތިން ނެގުމަށެވެ. “ނަތާ. ނަތާ އެ….އެއީ ކޮން؟.” ޒުހުރާގެ އަރުތެރެ ބެދިފައި ހުރުމާއެކު ރަނގަޅަށް ވާހަކަވެސް ނުދެއްކުނެވެ. ނަތާޝާ ތެދުވެ މޭޒުމަތީގައި ހުރި ފެންޖަގުން އަނގަޔަށް ފެން ކޯވަރެއް އަޅައި ބޯލިއެވެ. އަދި އެނދުމަތީގައި އިރުކޮޅަކު ހަމަޖެހިލައިގެން އިނެވެ. “ސޮރީ ޒުހޫ. އަހަރެންނަކީ ކުރީގެ ނަތާއެއް ނޫން. އަހަރެން މިހުރީ މިހާރު މި ދިރިއުޅުމަށް އާދަވެފައި. ފަސްއެބުރި ބެލޭވަރަށް ވުރެ ވަގުތު ފާއިތުވެއްޖެ.” ނަތާޝާއަށް ކުޑަކޮށް ރޮވޭ ގޮތްވިއެވެ.

ނަތާޝާ ކިޔައިދިން ގޮތުގައި އޭނާ މާލެ އައިސް ކިޔަވައި ނިމިގެން ދިޔައީ ވަޒީފާއަށެވެ. ސްކޫލް ހަމަ ނިމުނުތަނާ އޭނާގެ މަންމަ ބަލިވެ، އާއިލާގެ އިތުރު މީހުންގެ އެހީތެރިކަން ނުލިބެން ފެށި ހިސާބުން އޭނާއަށް މަޖުބޫރުވީ ވަޒީފާއަށް ނިކުންނަންށެވެ. އޭރު އޭނާގެ ބައްޕަ އަކީވެސް ބަލި މީހެކެވެ. ނަމަވެސް މިއަދު ނަތާޝާގެ އާއިލާއިން އަދި އޭނާގެ މައިންބަފައިންވެސް އޭނާ އާއި މެދު ކަންތައް ކުރަމުން އަންނަނީ ވަރަށް އިހާނެތި ގޮތަކަށެވެ. ރަށަށް އާއިލާ ކައިރިއަށް ދާން ބޭނުންނުވި ހިސާބުން އޭނާއަށް މަޖުބޫރުވީ މާލޭގައި ދިރިއުޅުމަށެވެ. އަދި މާލޭގައި އުޅުމަކީ އެތައް ލާރިއެއް ބޭނުންވާ ކަމެއްކަން އޭނާއަށް އިހުސާސްކުރެވުނެވެ.

މާލޭގެ ހަލަބޮލި މާހައުލުން އެތައް ބަޔަކާއި ދިމާވެ، އެންމެ ފަހުން ނަތާޝާ އާއި ދިމާވީ، ޑްރަގް ޑީލްކުރާ ބަޔަކާއެވެ. ގިނައިން ލާރި ހޯދޭނެ އަލިމަގެއް ފެނުނީއެވެ. ނަތާޝާއަކީ އެމީހުންނަށް ކަސްޓަމަރުން ހޯދައިދީ އެ ކަސްޓަމަރުންނަށް އެތަކެތި ވިއްކާ މީހާއެވެ. އަދި ވިއްކައިގެން ލިބޭ ލާރި ހަވާލުކުރަނީ ނަތާޝާއި މަސައްކަތް ހަވާލުކުރާ މީހުންނާއެވެ. އެއިން ނަތާޝާއަށްވެސް ބައެއް ލިބޭގޮތަށެވެ. ނަމަވެސް މިފަހަރު ނަތާޝާގެ އަތްމަތި ދަތިވެ، އެންމެ ފަހުން ނިންމި ޑީލްގެ ލާރިކޮޅު އެމީހުންނަށް ނުދީ އޭނާ ބޭނުންކޮށްގެން އެމީހުންނަށް ފިލައިގެން އުޅޭތާ ދުވަސްކޮޅެއް ވެއްޖެއެވެ.

މިވާހަކަތައް އަޑުއިވިފައި ޒުހުރާ އިނީ ބުނާނެ އެއްޗެއް ނޭންގިފައެވެ. ނަތާޝާ ބުނިގޮތުގައި އޭނާ ބޭނުންކުރި ފައިސާ އަބުރާ އެމީހުންނަށް ދޭނެ ގޮތެއްވެސް އޭނާއަކަށް ނުވިސްނެއެވެ. “އަހަރެން ނަތާއަށް ތިކަމުގައި ކޮންމެވެސް ވަރެއްގެ އެހީތެރިކަމެއް ފޯރުކޮށްދީފާނަން. އަހަރެން އަތުގައި ފައިސާ އެބަހުރި. ކިހާވަރެއް އެމީހުންނަށް ދޭންޖެހެނީ؟.” ޒުހުރާގެ މި ޖުމްލައިން ހާސްވެފައި އިން ނަތާޝާގެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ.
އެރޭ ޒުހުރާ ގެއަށް ދިޔައީ އެތަނުގައި ހިނގާދިޔަ އެއްވެސް ކަމެއް އިތުރު އެއްވެސް މީހަކަށް ކިޔައި ނުދޭނެކަމަށް ވައުދުވެފައެވެ. އަދި ނަތާޝާއަށް ޖެހިގެން އަންނަ ދުވަހު ފައިސާ ޓްރާންސްފާ ކޮށްދޭނެ ކަމަށް ޒުހުރާ ވައުދުވިއެވެ. ނަމަވެސް ޒުހުރާގެ ހަމައެކަނި އެދުމަކަށްވީ ނަތާޝާ އެކަމުން ވީހާވެސް އަވަހަކަށް ދުރުވެ، ރަނގަޅު ދިރިއުޅުމެއް އިހުތިޔާރުކުރުމަށެވެ. ނަތާޝާ އެކަމާއިމެދު ވިސްނާނެ ކަމަށް ޒުހުރާ ގާތު ވަރަށް ޔަގީންކަމާއެކު ބުންޏެވެ. އެރޭ ގެއަށް ދެވެންދެން ޒުހުރާ އިނީ ވީކަންތަކާއި މެދު ވިސްނަންށެވެ. އެއީ ދިރިއުޅުމެއް ހެއްޔެވެ؟ އެކަމުގައި އޮތީ ދާއިމީ ކޮން އުފަލެއް ހެއްޔެވެ؟

ހިޔާލީ ދުނިޔެއިން ޒުހުރާއަށް ނިކުމެވުނީ ކާރު އެގޭގެ ދޮރާއި ހަމައަށް މަޑުކޮށްލާފައި ޓެކްސީ ޑްރައިވަރު އާދެވިއްޖެއޭ ބުނުމުންނެވެ. ޒުހުރާ ޑްރައިވަރަށް ލާރި ދިނުމަށްފަހު ގެއަށް ވަނެވެ. ގެއަށް ވަތްއިރު ދާނިޝްއާއި އަތީކް އިނީ ސިޓިންރޫމުގައި ފިލްމެއް ބަލަންށެވެ. ޒުހުރާ އެމީހުން ފެނުމާއެކު ހީލުމަށްފަހު އަވަހަށް ގޮސް ކޮޓަރިއަށް ވަނެވެ. އިރުކޮޅަކުން ދާނިޝް ކޮޓަރިއަށް އައެވެ. އަދި އައި ގޮތަށް ޒުހުރާގެ ގައިގައި ބައްދަން ފެށިއެވެ. އަދި ގައިގެ އެކި ތަންތަނުގައި ވަސްގަނެ ބޮސްދޭން ފެށިއެވެ. އެރޭ ޒުހުރާ ހުރީ އެހާ ރަނގަޅު މޫޑެއްގައި ނޫންކަމަށް ވުމާއެކު، ވަރަށް ބޮޑަށް ބޮލުގައި ރިއްސަނީ ކަމަށް ބުނެ އެތަނުން ދާނިޝް އަވަހަށް ފޮނުވާލިއެވެ.

އަދިރި ރޭގަނޑަކަށްފަހު ފަތިހަށް އަލިވިލުމާއެކު، ފުރަތަމަވެސް ޒުހުރާ ނަތާޝާއަށް ލާރި ފޮނުވިއެވެ. އަދި ވާނުވާ އޭނާއަށް އެންގުމަށް އެދުނެވެ. ޒުހުރާ ފޯނު ބޭއްވި ވަގުތަކީ ދާނިޝްވެސް އައިސް ކޮޓަރިއަށް ވަތް ވަގުތެވެ. ރޭގަ ޒުހުރާގެ މޫޑު ހުރިގޮތާއި މެދު ދާނިޝް އެއްވެސް ސުވާލެއް ކުރުމުގެ ކުރިން، ޒުހުރާ އަވަހަށް އެހެން ވާހަކައެއް ފެށިއެވެ. “ދާނިޝް، ކޯހަށް އެޕްލައި ކުރުމުގެ ކަންތައް އޮތްގޮތެއް ބަލައިފިންތަ؟”. ޒުހުރާ އެދުމަތީގައި ދެފައި ވައްކޮށްލައިގެން އިދެ ބުންޏެވެ. “ބޭބީ! ދެން ތި ސުވާލު އެހާ ގިނައިން ނުކޮށްބަލަ. ބުނީމެއްނު އަންނަ ހަފްތާ ހަމަ ޔަގީނުންވެސް އެޕްލައި ކުރާނަމޭ. މިރޭ މިގޭގަ އެބައޮތް ކުޑަ ޕާޓީއެއް. އަތީކްގެ އުފަންދުވަސްވީމަ. ޒުހޫ އޯކޭތަ؟.” ދާނިޝް ޒުހުރާއާއި ގާތްވެލަމުން ބުންޏެވެ. އެވަގުތު ޒުހުރާ އާއެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލިއެވެ. އަދި ދާނިޝްގެ އަތުގެ ތެރޭގައި ކުޑަކުއްޖެއްހެން ބޮޑިވެލިއެވެ. ޒުހުރާ އައީ މަޑުމަޑުން އެކަންކަމަށް ހޭނެމުންނެވެ. ސަބަބަކީ ޒުހުރާ ދާނިޝްދެކެ އިންތިހާއަށް ލޯބިވާތީއެވެ.

ރޭގަނޑު ވުމާއެކު، ޕާޓީގެ ހުރިހާ ތައްޔާރީތަކެއް ވަރަށް ފުރިހަމަގޮތުއްގައި އިންތިޒާމްކުރެވި ތަން ލެޑުލައިޓުން ދިއްލާލެވުނެވެ. އެ ޕާޓީއަށް އައީ އަތީކްގެ މަދު ރައްޓެހިންތަކެކެވެ. ގިނައީ އަންހެން ކުދިންނެވެ. އެމީހުންގެ ހެދުން އެޅުމުގެ ވައްޓަފާޅި ފެނިފައި އެއީ ހަމަ ރާއްޖެ ކުދިންބާއޭ ޒުހުރާ ހިތަށް އެރިއެވެ. ޒުހުރާއަށް އެހާ ފާޅުކަން ބޮޑުގޮތެއްގައި އައުރަ ފެންނަވަރުގެ ހެދުމެއް ލައިގެން ބައެއްގެ ތެރެއަށް ނިކުތުމަކީ ދުވަހަކުވެސް ކުރެވޭނެ ކަމެއް ނޫނެވެ.

ޕާޓީ ތެރޭގައި އެންމެ ފުރަތަމަވެސް ޖެހީ ޒާތެއްގެ ޑިސްކޯ ލަވައެކެވެ. އެންމެން މަސްހުނިވެ ނަށަން ފެށުމާއެކު، ދާނިޝްވެސް ޒުހުރާ ގާތުން އެދުނީ އޭނާއާއެކު ނަށާލުމަށް އައުމަށެވެ. ޒުހުރާ ފުރަތަމަ ދެކޮޅުހެދިއެވެ. ނަމަވެސް ދާނިޝް ދެތިން ފަހަރަކު އާދޭސް ކުރުމުން ޒުހުރާ ވެސް އެމީހުންނާއި ބައިވެރިވެލިއެވެ. އެވަގުތު އަތީކް ޒުހުރާގެ ފަހަތުން އައިސް އޭނާގެ ގައިގައި ޖެހޭ ނުޖެހޭ ހިސާބުގައި ހުރެ ނަށަން ފެށިއެވެ. ޒުހުރާ ވަގުތުން ތަންކޮޅެއް ދުރަށް ޖެހުލިއެވެ. އިތުރަށް ދާނިޝްއާއި ގާތަށެވެ. އެވަގުތު އެތަނުގައި ނަށަން ހުރި އަންހެން ކުއްޖަކު ޒުހުރާއަށް ކޯކު ތައްޓެއް ދިއްކޮލިއެވެ. ދެމީހުން ދެމީހުންނަށް ތަޢާރަފު ވެލުމަށްފަހު ޒުހުރާ ކޯކު ތަށިން ކޯވަރެއް ބޯލިއެވެ.

ފުރަތަމަ ބުއި ކޯކު ތައްޓާއެކު އިތުރަށް ކޯކު ބޯހިތްވިއެވެ. ޒުހުރާއަށް ކޯކު ތަށީގައި ލީ އާދަޔާ ހިލާފު މީރު ރަހައެކެވެ. ކުޑަކޮށްވެސް އެއަށް އެއްޗެއް އަޅާފައި ހުރެދާނެ ކަމަކަށް ޒުހުރާ ވިސްނާވެސް ނުލައެވެ. ގާތްގަނޑަކަށް ފަސް ތަށި ކޯކު ބުއި ހިސާބުން ޒުހުރާ ހުރީ ވަރަށް ބޮޑަށް އަމަލުވެފައެވެ. އޭރު އެތަނުގައި އަތީކް އާއި ދާނިޝް ފިޔަވާ ދެން ހުރީ ޒުހުރާއަށް ކޯކު ތަށި ދިން އަންހެން ކުއްޖާއެވެ. އެހެން މީހުން އެވަގުތު ދިޔަތަނެއް ޒުހުރާއަކަށް ނޭންގުނެވެ. އެ އަންހެން ކުއްޖާ އޭގެކުރިން ތައާރަފުވިއިރު އެ ކުއްޖާގެ ނަމަކީ ސަމާ ކަމަށް ބުންޏެވެ. އޭރު ދާނިޝް އާއި އަތީކް ތިބީ ދުރުގައި ހުރި ގޮޑިއެއްގައި އެމީހުންނާއި ދިމާލަށް ބަލަހައްޓައިގެންނެވެ.

ކުއްލިއަކަށް ދާނިޝް އައިސް ޒުހުރާ އޭނާގެ އަތްދަނޑި މައްޗަށް ލިއެވެ. އަދި އަތީކް އައިސް ސަމާ އޭނާގެ އަތްދަނޑިމައްޗަށް ލިއެވެ. ޒުހުރާއަށް ކޮންމެވެސް ވަރަކަށް ކަންކަން ހިނގަމުން އައިގޮތް ދިޔައީ ފެންނަމުންނެވެ. ހަތަރު މީހުން ގޮސް ވަނީ އަތީކްގެ ކޮޓަރިއަށެވެ. ވަދެވުމާއެކު، ސަމާ ގައިގައި ހުރި އަންނައުނު ބާލާފައި ބިންމައްޗަށް އެއްލާލިއެވެ. އޭނާ ހުރީ ހަމައިގައެވެ. އަދި ޒުހުރާ ލައިގެން ހުރި ހެދުންވެސް ބޭލިއެވެ. އޭރުވެސް ޒުހުރާއަށް ކޮޅަށް ހުރެވެނީ ކިރިޔާއެވެ.

ސަމާ، ޒުހުރާއާއި މަޑުމަޑުން ގާތްވިއެވެ. ޒުހުރާ ދުއްވައިގެނެވޭތޯ ކުރި މަސައްކަތްވީ ބޭކާރެވެ. އޭރު ދާނިޝް އާއި އަތީކް މަންޒަރު ބެލުމަށް ދުރުގައި ތިއްބެވެ. އެމީހުންގެ ގައިގައިވެސް އެއްވެސް ފޭރާމެއް ނެތެވެ. ޒުހުރާ ވެއްޓުނީ އެނދުމައްޗަށެވެ. އޭރު ސަމާ ދިޔައީ އޭނާއާއި ގާތްވަމުންނެވެ. ސަމާ ގާތްވިގޮތުން އޭނާ ހިންގަން އުޅުނީ ވަރަށް ބޭއަދަބީ ދަށުދަރަޖައިގެ އަމަލެއްކަން ޒުހުރާއަށް ޔަގީންވިއެވެ. ޒުހުރާ ހަމަ ރަނގަޅަށްވެސް ސަމާގެ މަޅީގައި ޖެހުނެވެ. އެރޭ އަތީކްވެސް ޒުހުރާގެ ނުރުހުމުގައި އޭނާއާއި ގާތްވިއެވެ. ކުރި ހުރިހާ ކަމެއް ކުރީ ގަދަކަމުންނެވެ. މިހުރިހާ މަންޒަރެއް ބަލަން ދުރުގައި ދާނިޝް ހުރިކަން އެހާލަތުގައި ވެސް ޒުހުރާއަށް އެނގުނެވެ. ޒުހުރާގެ ހިތް ކުދިކުދިވިއެވެ. ދާނިޝް އެވަރުގެ އަނިޔާއެއް ޒުހުރާއަށް ދިނުމުގެ މަޤްސަދަކީ ކޮބައިތޯ އޭނާ ސިކުނޑިއަށް ވިސްނާ ވިސްނާވެސް ނުވިސްނުނެވެ. “ދާނިޝް”. ޒުހުރާއަށް މަޑުމަޑުން ދާނިޝްއޭ ކިޔައި ގޮވާލެވުންކަން އެނގެއެވެ. ދެންވީ ގޮތެއް ޒުހުރާއަކަށް ނޭންގެއެވެ. (ނުނިމޭ) – ފަސްވަނަ ބަޔަށް އިންތިޒާރު ކޮށްލައްވާ!

ލިންކް: މިވާހަކައިގެ ހުރިހާ އެޕިސޯޑެއް ކިޔާލާ!

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ

One Response

Comments are closed.