މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރުކަމަށް އާމިނަތު އަމީނާ މިއަދު އައްޔަންކުރައްވައިފިއެވެ.
އަނާ އެ މަގާމަށް އައްޔަނު ކުރުމަށް ދެކޮޅަށް އެއްވެސް ރައްޔިތުންގެ މަޖިލީހު މެންބަރަކު ވޯޓު ދީފައިނުވާއިރު، ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ 63 މެންބަރުން ވަނީ ވޯޓު ދެއްވާފައެވެ.
ބްރޯޑްކޮމްގެ މެންބަރުކަމަށް އަނާ އައްޔަން ކޮށްފައިވަނީ މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއެވެ. އަނާ ވަނީ ޖާރނަލިޒަމް އެންޑް މީޑިއާ ކޮމިއުނިކޭޝަން ދާއިރާއިން މާސްޓާރސް ޑިގްރީ ހާސިލްކޮށްފަ އެވެ. އަދި އޭގެ ކުރިން ވަނީ ގައުމީ ޔުނިވަސިޓީން ޖާނަލިޒަމް ދާއިރާއިން ފުރަތަމަ ޑިގްރީ ވެސް ހާސިލްކުރައްވާފަ އެވެ.
އެ މަގާމަށް ހޮވުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދިން ހިސާބާ ޖެހެންދެން އަނާ ހުންނެވީ ވީމީޑިޔާގެ ސީނިއާ އެޑިޓަރެއްގެ މަގާމުގައެވެ. އަދި އޭނާ ވަނީ މޯލްޑިވްސް މީޑިއާ ކައުންސިލުން ދެމުން އަންނަ ނޫސްވެރިކަމުގެ އިނާމް ތިން ފަހަރު ހާސިލްކުރައްވާފައެވެ.