ބޮލީވުޑްގެ ތަރި ސުޝާންތު ސިންހް ރާޖްޕުތް މަރުވެއްޖެ

“އެމް.އެސް ދޯނީ” ފަދަ ކާމިޔާބް ފިލްމުތަކުގެ ލީޑް ރޯލުން ފެނިގެން ގޮސްފައިވާ ބޮލީވުޑްގެ ޒުވާން ތަރި ސުޝާންތު ސިންހް ރާޖްޕުތް މިއަދުގެ ވަގުތެއްގައި މަރުވެއްޖެއެވެ.

ސުޝާންތު ދަންޖެހިގެން މަރުވެފައި ހުއްޓާ ފެނުނީ މުމްބާއީގެ ބޭންޑްރާގެ ގޭގެ ތެރެއިންނެވެ. އޭނާ މަރުވި އިރު އޭނާގެ އުމުރަކީ 34 އަހަރެވެ.

ސުޝާންތުގެ މަރާއެކު އޭނާގެ ފޭނުންނާއި ބޮލީވުޑްގެ ގިނަ ފަންނާނުން ވަނީ ބޮޑު ޝޮކަކަށް ގޮސްފައެވެ. އަދި ސުޝާންތުގެ މަރުގެ ވާހަކަ ގަބޫލު ނުކުރެވޭ ކަމަށް ބުނެ އެތައް ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ހިޔާލު ފާޅުކުރަމުންނެވެ.

ލޮކްޑައުންގައި އޭނާ އުޅެމުންދިޔައީ އެކަނި ކަމަށްވެއެވެ. ނަމަވެސް އަމިއްލައަށް އޭނާ މަރުވި ސަބަބެއް އަދި ސާފެއް ނުވެއެވެ. މިފަހުން އޭނާ އުޅުނީ ވަރަށް ބަލިވެ ކަމަށް ރިޕޯޓްތަކުގައިވެ އެވެ. މީގެ ހަ ދުވަސް ކުރިން ސުޝާންތުގެ މެނޭޖާކަން ކުރި ޒުވާން އަންހެނަކު ވެސް އަމިއްލައަށް މަރުވެފައެވެ.

ސުޝާންތު އަމިއްލައަށް މަރުވެފައިމިވަނީ އޭނާގެ ކެރިއަރު ވެސް ރަނގަޅު ދުވަސްވަރެއްގައެވެ. އެގޮތުން އޭނާގެ އެންމެ ފަހުގެ ފިލްމް “ޗިޖޯރޭ”އަކީ ސުޕަހިޓް ފިލްމެކެވެ.

ސުޝާންތު އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ މިދިޔަ އަހަރު ނެޓްފްލިކްސް އިން ނެރުނު ފިލްމު ކަމަށްވާ “ޑްރައިވް” އިންނެވެ. އެ ފިލްމުން އޭނާއާއެކު ޖެކްލިން ފެރްނާންޑެސް ވެސް ފެނިގެން ގޮސްފައިވެއެވެ.

ޒުވާން، ހުނަރުވެރި އެކްޓަރުގެ ކުއްލި މަރާއެކު ބޮލީވުޑަށް ވަނީ ސިހުން ލިބިފައެވެ. ގިނަ ބަޔަކު ދަނީ ސުޝާންތުގެ އާއިލާއަށް ތައުޒިޔާ ފޮނުވަމުންނެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ