ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ގާއިމްކުރާ ޑިޕްލޮމެޓިކް އެންކްލޭވްގައި ޑިޕްލޮމެޓިކް މިޝަން ގާއިމްކުރުމަށް ރާއްޖޭގައި ހުންނަ ޕާކިސްތާން ހައިކޮމިޝަނަށް ބިން ދޫކޮށްފިއެވެ.
ޕާކިސްތާން ހައިކޮމިޝަނަށް ބިން ދޫކޮށްފައިވަނީ މިކަމަށް ހާއްސަކޮށް ވާޗުއަލްކޮށް މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.
ޕާކިސްތާން ހައިކޮމިޝަނަށް ޑިޕްލޮމެޓިކް އެންކްލޭވްއިން ބިން ދޫކުރިކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. އަދި މިލިޔުމާ ހަވާލުވެވަޑައިގެންނެވީ ޕާކިސްތާނުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ހައިކޮމިޝަނަރު ޑެޒިގްނޭޓް އާތަރް މުހުތާރެވެ.
މާލޭގައިހުރި ބޭރު ގައުމުތަކުގެ ޑިޕްލޮމެޓިކް މިޝަންތައް ހުޅުމާލެއަށް ބަދަލުކޮށް، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޑިޕްލޮމެޓިކް އެންކްލޭވް އެއް ގާއިމްކުރުމަށް ސަރުކާރުން ނިންމީ މާލޭގެ ތޮއްޖެހުން ކުޑަކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުންނާއި، ޑިޕްލޮމެޓިކް މިޝަންތަކަށް ރައްކާތެރިކަން ދިނުމަށް ސަލާމަތީ ހިދުމަތްތަކަށް ފަސޭހަކުރުމުގެ ގޮތުންނެވެ.
މީގެ ކުރިން އިންޑިއާ، ޗައިނާ، ސްރީލަންކާ، ބަންގްލަދޭޝް އަދި ޔޫއޭއީ އަށް ވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހިން ބިން ދޫކޮށްފައެވެ.