ގުޅިފަޅުން އަލަށް ހިއްކާ ސަރަހައްދުން 6000 ހައުސިން ޔުނިޓަށް ބިން ކަނޑައަޅަން ހުށަހަޅައިފި

މި ސަރުކާރުގައި ގުޅިފަޅުން އަލަށް ހިއްކާ ސަރަހައްދުގައި މަދުވެގެން 6،000 ހައުސިން ޔުނިޓް އިމާރާތް ކުރެވޭ ވާރުގެ ބިމެއް ކަނޑައަޅަން ސަރުކާރަށް ހުށަހަޅަން ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން ނިންމައިފި އެވެ.

ގުޅީފަޅުގައި ވިޔަފާރި ބަނދަރެއް ހެދުމަށް އެ ފަޅުން 192 ހެކްޓަރު ހިއްކުމުގެ ޕްރޮޖެކްޓެއް މިހާރު ވަނީ ފަށައިފަ އެވެ. މި މަޝްރޫއުގެ ސަބަބުން ކަނޑުގެ ވެއްޓަށް ނޭދެވޭ އަސަރު ކުރާނެ ކަމަށް މަޝްރޫއުގެ އީއައިއޭ ރިޕޯޓުގައިވެ އެވެ. އެގޮތުން، ކައިރި ފަރުތަކަށް ވެއްޔާއި ކިސަޑު އެޅި، ފެން ކިލަނބުވެ، ފަރުތަކާއި މުރަކަތައް މަރުވުން އެކަށީގެންވާ ކަމަށް އެ ރިޕޯޓުގައިވެއެވެ. އަދި މަޝްރޫއުގެ އަސަރު ވިލިމާލޭ ފަރު ހިމެނޭހެން ތިރީހަކަށް ޑައިވް ސްޕޮޓަށް ކުރާނެ ކަމަށް ތިމާވެށި ހިމާޔަތް ކުރަން ގޮވާލާ ފަރާތްތަކުން ބުނެއެވެ.

ގުޅިފަޅު ހިއްކުމުގެ ސަބަބުން ތިމާވެއްޓަށް ކުރާ އަސަރުތައް ކުޑަކުރުމަށް ޓަކައި މިހާރު ވެސް އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އަންގާފައިވާ ފިޔަވަޅުތައް ކުރިއަށް ގެންދިއުމަށް މަޝްރޫއު ހިންގާ ފަރާތަށް އެންގުމަށް ކޮމިޓީ ރިޕޯޓްގައިވެ އެވެ. އެ ފަޅުގެ ބޮޑު ބައެއް ހިއްކުމުގެ މަސައްކަތް ކުރަމުންދާތީ ވަށަައިގެންވާ ތިމާވެއްޓަށް ގެއްލުންވާ މައްސަލަ ތިމާވެށި ކޮމިޓީން ބަލަން ފެށީ ޖޫން މަހުގެ ކުރީކޮޅުއެވެ. މައްސަލަ ބެލުމަށް ފަހު އެ ކޮމިޓީން އެކުލަވާލި ރިޕޯޓުގައި ބުނެފައި ވަނީ އެ މަޝްރޫއަކީ ތިމާވެއްޓަށް އިޔާދަނުކުރެވޭ ފަދަ ބަދަލެއް އަންނާނެ މަޝްރޫއެއް ކަމަށެވެ.

އެހެންކަމުން ކޮމިޓީގެ ހުށަހެޅުމެއްގެ ގޮތުގައި ފަޅުން ހިއްކާ ބިމުގެ 15 ޕަސެންޓަކީ ދިރިއުޅުމުގެ ބޭނުމަށް ބޭނުންކުރާ ބިން ކަމުގައި ހަމަޖައްސައި، އޭގެ ތެރެއިން ސޯޝަލް ހައުސިން އަށް މަދުވެގެން 6000 ހައުސިން ޔުނިޓަށް ވާވަރުގެ ބިން ކަނޑައެޅުމަށް ވަނީ ހިމަނައިފައެވެ.

ރިޕޯޓުގައި ބުނެފައި ވަނީ މާލެއަކީ ތޮއްޖެހިފައިވާ ރަށަކަށް ވާއިރު، ގުޅިފަޅަކީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާ ޖާގަ އުފެއްދިދާނެ ގޮތެއްގައި އޮތް ސަރަހައްދެއް ކަމަށެވެ.

މީގެ އިތުރުން ކޮނުމާއި ބިން ހިއްކުމުގައި ކުރިމަަތިވާ ތިމާވެށީގެ މައްސަލަތައް ހައްލުކުރުމަށް އެންވަޔަރަމެންޓަލް ގަވަނެންސް ހަރުދަނާ ކުރުމުގެ ގޮތުން އެޅުމަށް ފެންނަ ފިޔަވަޅުތައް ވެސް ރިޕޯޓުގައި ހިމަނާފައިވެއެވެ.

.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ