ރާއްޖޭގައި މަސައްކަތް ކުރާ އދ.ގެ އެޖެންސީތަކުން، ކޮވިޑް-19 އާ ގުޅިގެން ދިވެހިރާއްޖެއިން އަޅާފައިވާ ފިޔަވަޅުތަކަށް ތައުރީފްކޮށްފިއެވެ.
މިއަދު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރާއްޖޭގައި މަސައްކަތްކުރާ އދ.ގެ ހުރިހާ އެޖެންސީތަކާ އެކު ބޭއްވި ވާޗުއަލް ބައްދަލުވުމުގައި ވަނީ ރާއްޖޭގައި ކޮވިޑް-19ގެ ހާލަތުގެ މައުލޫމާތު އެ އެޖެންސީތަކާ އެކު ހިއްސާކުރައްވައިފައެވެ. މިނިސްޓަރު ޝާހިދު ވަނީ ރާއްޖޭގެ ނޭޝަނަލް ޓާސްކް ފޯސްގެ މަސައްކަތްތަކުގެ މައުލޫމާތު ދެއްވުމަށް ފަހު އދ.ގެ ޖަމިއްޔާތަކުން ރާއްޖެއަށް ފޯރުކޮށްދެމުންދާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައިފައެވެ.
ބައްދަލުވުމުގައި، ރާއްޖޭގައި ހުންނަވާ އދ.ގެ ރެޒިޑެންޓް ރެޕްރެޒެންޓޭޓިވް ކެތަރިން ހެސްވަލް ވަނީ ދިވެހިރާއްޖެއިން ކޮވިޑް-19 އިން އަރައިގަތުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ވެސް ފުރިހަމައަށް ލިބިގެންދާނެކަމަށާއި ކުރިއަށް އޮތްތަނުގައި ވެސް އދ.ގެ ފަރާތުން ރާއްޖެ އަށް އެހީތެރިވެދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
އެ ބައްދަލުވުމުގައި ބައިވެރިވި ފަރާތްތަކުގެ ތެރޭގައި ޔޫއެންޑީޕީގެ ރެޒިޑެންޓް ރެޕްރެޒެންޓޭޓިވް އަކީކޯ ފޫޖީ، ރެޒިޑެންޓް ކޯޑިނޭޓަރު ކެތަރިން ހަސްވެލްގެ އިތުރުން ޑަބްލިޔުއެޗްއޯގެ މަންދޫބު ޑރ. އަރްވިންދް މާތޫރު، އަދި ޔުނިސެފްގެ މަންދޫބު އެމް މުނީރް ސަފީލްދީން ހިމެނެ އެވެ.