ޔުނިވާސަލްގެ ރިސޯޓުތައް ހުޅުވާލާނީ މިއަހަރުގެ އޮކްޓޯބަރު މަހު ކަމަށް އެ ކުންފުނީގެ ދަށުން ހިންގާ ރިސޯޓުތަކުން ބުނެފިއެވެ.
ޔުނިވާސަލް އިން ރާއްޖޭގައި ހިންގާ 8 ރިސޯޓް ކަމަށްވާ، ކުރުނބާ، ބަރޮސް، ވެލައްސަރު، ކަނދޮޅު ، ދިގަލި، ފާރުފުށި، ކުރަމަތި އަދި މިލައިދޫ މޯލްޑިވްސްގެ ސޯޝަލް މީޑިއާގައި އާންމު ކުރި ޕޯސްޓުތަކުގައި ބުނީ ރިސޯޓު ހުޅުވާލުން އޮކްޓޯބަރަށް ފަސްކޮށްފައިވާ ކަމަށެވެ.
ޔުނިވާސަލްގެ ރިސޯޓުތައް ޖުލައި މަހު ބަންދު ކޮށްފައިވާއިރު، އެ ކުންފުނީގެ މުވައްޒަފުންނަށް ހާއްސަ ޕޭ ޕެކޭޖަކާއެކު ތިން މަހުގެ ލީވް ދިން ނަމަވެސް ފަތުރުވެރިންނާއި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކާ، މިހާރު ނިންމާފައިވަނީ އަންނަ އޮކްޓޯބަރު އެކަކުން ފެށިގެން ރިސޯޓުތައް ހުޅުވާލުމަށް ކަމަށް އެ ކުންފުނީގެ ދަށުން ހިންގަ ރިސޯޓު ތަކުން ވަނީ ބުނެފައެވެ.
މީގެ އިތުރުން މީގެެ ކުރިން ރިސޯޓު ހުޅުވަން އޮތް މުއްދަތުގައި އެއްވެސް ފަތުރުވެރިއެއްގެ ބުކިން ހަދާފައިވާނަމަ، ރިޒަވޭޝަން ޓީމާ ނުވަތަ ޓްރެވަލް އެޖެންޓާ ގުޅުމަށްވެސް ވަނީ އެދިފައެވެ.