ވާހަކަ: ހަޔާތުގެ ކުލަތައް (5)

ކުރީ ބައި: ހަޔާތުގެ ކުލަތައް (4)

ޒުހުރާއަށް ހޭލެވުނު އޭނާ އޮތީ އޭނާގެ ކޮޓަރީގައެވެ. ހޭލެވުނުއިރު ގައިގެ އެތަން މިތަނުގައި ދިލަ ތަދެއް ހުއްޓެވެ. މަޑުމަޑުން ތެވުވެވޭތޯ މަސައްކަތް ކުރަނިކޮށް ގައިގައި އެއްވެސް ފޭރާމެއް ނެތްކަން އެނގުމުން ޒުހުރާ ހުއްޓުން އެރިއެވެ. އަދި ރޭގައި ކަންހިނގާ ދިޔަ ގޮތް ހަނދާންކުރެވޭތޯ މަސައްކަތްކުރިއެވެ. ނަމަވެސް ޒުހުރާގެ ސިކުނޑިއަށް މާގިނަ ކަންކަން ހަނދާނެއް ނުވިއެވެ. އޭރު ބޮލުގައި ރިހެނީކީ ތިޔަހެނެއްނޫނެވެ. ވުމާއެކު ޒުހުރާ ނިންމީ އަނެއްކާވެސް ނިދާލުމަށެވެ. ފުން ނިންޖެއްގައި އޮތް ޒުހުރާއަށް ހޭލެވުނީ ކޮޓަރީގެ ކުޑަ ދޮރުން އިރުގެ އަލިކަން ކޮޓަރިއަށް ފާއްދާލުމާއެކުގައެވެ. މަޑުމަޑުން އެނދުގެ މަގަތާވީ ފަޅިއަށް ފުރޮޅިލާފައި ދެލޯ އުނގުޅަމުން ގަޑި ބަލާލެވުނެވެ. ގަޑިން މެންދުރުން އަނބުރާ އެކެއް ޖަހަނީއެވެ.

އޭރު ބޮލުގެ ރިހުމަށްވެސް ކުޑަވަރެއްގެ ލުއެއް ލިބިފައިވުމާއެކު، ތެދުވެގެން އޭނާ ގޮސްވަނީ ފާހާނާއަށެވެ. ފާހާނާގައި ފެންވަރަން ހުރެގެން ވެސް ޒުހުރާ މަސައްކަތްކުރީ ރޭގައި ހިނގާދިޔަ ހާދިސާ ހަނދާންކުރެވޭތޯއެވެ. ކުއްލިއަކަށް ޒުހުރާއަށް އަތީކް ސިފަވާން ފެށިއެވެ. އަދި މަޑުމަޑުން ދާނިޝްވެސް ސިފަވާންފެށިއެވެ. ހަނދާންކުރަން ކުރި މަސައްކަތުން ބައެއް ކަންކަން ހަނދާންވިއެވެ. ޒުހުރާ އަވަސްވެގަތީ ފާހާނާއިން ނިކުމެ ދާނިޝްއާއި އަތީކް ކައިރިއަށް ދިއުމަށެވެ. ފާހާނާއިން ނިކުމެ އަތުގައި ޖެހުނު ހެދުމެއް ލައިގެން ޒުހުރާ ނިކުތީ ސިޓިން ރޫމަށެވެ. އޭރު ދާނިޝް އާއި އަތީކް ތިބީ ބެލްކަނީގައި ސިނގިރޭޓެއް ބޯށެވެ. ޒުހުރާ ބާރު ހިނގުމެއްގައި ހިނގާފައި ގޮސް ބެލްކަންޏާއި އަރާ ހަމަވުމުން، އެ ދެމީހުން އެއްފަހަރާ ޒުހުރާއާއި ދިމާލަށް އެނބުރުނެވެ.

“އާފްޓަނޫން ޒުހޫ ޑާރލިން!.” ޒުހުރާ ފެނުމާއެކު ދާނިޝް އޭނާގެ ގައިގައި ބައްދާލިއެވެ. އެވަގުތު ޒުހުރާ މަޑުމަޑުން ދާނިޝްއާއި ދުރަށް ޖެހިލިއެވެ. “ދާނިޝް! ދާނިޝް ދޮގުނުހަދަ ބުނެބަލަ. ރޭގަ އަހަރެންނަށް އެއްވެސް ކަމެއް ކުރިންތަ؟.” ޒުހުރާ ސުވާލުކުރިއެވެ. ” އޭން! ކީކޭ؟ ކޮންކަމެއް؟ އަހަރެން ޒުހޫއަކަށް އެއްވެސް ކަމެއް ނުކުރަން. ޒުހޫ ކީކޭތަ ތި ކިޔަނީ؟.” ދާނިޝް އެއްވެސް ކަމެއް ނޭންގޭ ކަމަށް ހެދިއެވެ. “ނުވާނެ އެހެނެއް. އަހަރެން…އަހަރެން ހޭލިއިރު ގައިގައި އެއްވެސް ފޭރާމެއްވެސް ނެތް. ރޭގައި ވަރަށް ގޯސް ކަމެއް ހިނގައިފި.” ޒުހުރާއަށް ރޮވެން ފެށިއެވެ. އެހިސާބުން އަތީކް އެތަނުން ހިނގައިގަތެވެ. އަދި ދާނިޝް ޒުހުރާގެ ގައިގައި ވަރަށް ބާރަށް ބައްދައިލިއެވެ.

“ޒުހޫ! ރޭގައި ނުވެޔޭ އެއްވެސް ކަމެއް. ޒުހޫ މާގިނައިން ރޭގަ ކޯކު ބުއީ. އެބޮއެގެން ފަހުން ހެދުމަށާއި އެއްކޮށް ހޮޑުލީ ވިއްޔަ. ދެން ސާފުކުރަން ހެދުން ބޭލި ގޮތަށް، ޒުހޫ މާ ގަދައަށް ނިދާފައި އޮތީމައި އެ އޮތްގޮތަށް ކޮޓަރީގައި ބޭއްވިއްޔޭ!.” ދާނިޝްގެ ވާހަކަ ދެއްކުން ވަރަށް ފުރިހަމައެވެ. ދާނިޝް ކޮންމެ ވާހަކައެއް ބުންޏަސް ޒުހުރާ އޭނާ ދައްކާ ވާހަކަ ގަބޫލުކުރެއެވެ. މިފަހަރުވެސް ދާނިޝް ދެއްކި ވާހަކަތައް ޒުހުރާ ގަބޫލުކުރިއެވެ. އެއީ ހަމަ ދާނިޝްދެކެ ވާ ލޯތްބެއްގެ ބޮޑުކަމުންނެވެ. ތެދެކެވެ. ލޯތްބަކީ ކަނު އެއްޗެކޭ މީހުން ބުނަނީ މިހެން ވެގެންނެވެ. ރުހުމުގެ ލޮލަކަށް އައިބެއް ނުފެންނާނެއެވެ.

ދުވަސްތައް ފާއިތުވަމުން ގޮސް ހަފްތާއެއް ފާއިތުވެއްޖެއެވެ. ހަފްތާއެއް ނިމިގެން ދިޔައިރުވެސް ޒުހުރާގެ ކޯހުގެ އެއްވެސް ކަމެއް ކުރިއަކަށް ނުދެއެވެ. ނަތާޝާގެ ހަބަރެއްވެސް އޭގެ ފަހުން ޒުހުރާއަކަށް ނުވެއެވެ. ވުމާއެކު އެ ވާހަކަތައް ހިއްސާކުރާނެ މީހެއް ޒުހުރާއަކަށް ނޭންގުނެވެ. ހަފްތާއެއް ނިމިގެން ގޮސް ދެ ހަފްތާވީ އިރުވެސް ދާނިޝްއަށް ބުނެވުނީ ހަމަ އެންމެ ޖުމްލައެކެވެ. އަދި ކޮލެޖުން ކޯސްތައް ނުފަށާކަމަށެވެ. ކޯހަށްވަނުމަށް އެޕްލައިނުކުރެވި ގިނަ ދުވަސް ވަމުން އަންނާތީ ޒުހުރާ އެންމެފަހުން ނިންމީ، ދާނިޝްއަށް ނޭންގޭ ގޮތަށް އެ ކޮލެޖަށް ގޮސް ކޯހުގެ ކަންކަން އޮތް ގޮތެއް ބެލުމަށެވެ. ދާނިޝް އާއި އަތީކް ގޭގައި ނޫޅޭ ވަގުތެއް ބެލުމަށްފަހު ޓެކްސީއަކަށް އަރައިގެން އޭނާ “ލޯ ކޮލެޖަށް” ދިޔައެވެ.

އެތަނުގެ ތެރެއަށް ވަންނައިރު ފުރަތަމަވެސް ޖެހެނީ މައުލޫމާތު ސާފުކުރާ ކައުންޓަރުގެ ކުރިމައްޗަށެވެ. ޒުހުރާ އެތެރެއަށް ވަދެގެން ގޮސް އެތަނުގައި އިން ކުއްޖާއާއި ކޯހާއި ގުޅޭގޮތުން ސުވާލުކުރިއެވެ. އެތަނުގައި އިން ކުއްޖާ ދިން ޖަވާބާއެކު ޒުހުރާއަށް ހީވީ ފައިދަށުން ބިންގަނޑު ކަނޑައިގެން ދިޔަހެންނެވެ. ޒުހުރާއަށް ނުރޮއެ ހުރެވުނީ ހަމަ ކިރިޔާއެވެ. ލިބުނު ޖަވާބުން މީހާގެ ހިތް ފަޅި ސިކުންތެއްގެ ތެރޭގައި ހަލާކުވެގެން ދިޔައިރު، އެވަގުތުން ފެށިގެން ދާނިޝްއާއި ދޭތެރޭ ޒުހުރާގެ ހިތުގައި އެތައް ސުވާލުތަކެއް އުފެދެން ފެށިއެވެ. ޒުހުރާ އެތަނުން ނިކުމެގެން ގެއަށް ދިޔައިރު ދާނިޝް އޭނާ ހޯދަނީއެވެ. ޒުހުރާ ގެއަށް ވަންއިރު އަތީކްވެސް އެވަގުތު ގޭތެރޭ ހުރުމާއެކު، ޒުހުރާ ވިސްނީ ދާނިޝްއާއި ފަހުން ވާހަކަ ދެއްކުމަށެވެ.

“މިއައީ ނަތާޝާ އެކީ ބޭރަށް ގޮސްލާފަ. ފޫހިވާތީވެ ދިޔައީ. ކުޑަކޮށް ބޮލުގައި ރިއްސާތީ މިއުޅެނީ. މިދަނީ ނިދާލަން އިނގޭ.” ދާނިޝް އަށް ވަރަށް ކުރުގޮތަކަށް ޖަވާބު ދިނުމަށްފަހު ޒުހުރާ ވަނީ ކޮޓަރިއަށެވެ. ކޮޓަރިއަށް ވަދެ ކޮޓަރީގެ ދޮރު ތަޅުލިއެވެ. އޭނާއަށް ވަގުތުން ރޮވުނެވެ. ޒުހުރާގެ ހިތް ފަޅައިގެން ދިޔައެވެ. އަޑުން އަޑުނަގާފައި ކިތަންމެ ރޯން ބޭނުން ވިއަސް ޒުހުރާ އެތެރެއަށް ހިންދާލައިގެން ހުރެ ރޯން ފެށިއެވެ. ދާނިޝް އޭނާއަށް އެވަރުގެ އޮޅުވާލުމެއް އޮޅުވާލީ ކީއްވެތޯ ޒުހުރާގެ އަމިއްލަ ނަފްސާއި ސުވާލުކުރިއެވެ. ދާނިޝްގެ ލޯތްބާއި ދޭތެރޭ ފުރަތަމަ ފަހަރަށް ޒުހުރާ ޝައްކުކުރަން ފެށިއެވެ.

ދާނިޝް، ޒުހުރާ މާލެ ގެނައުމުގެ އަސްލު މަގުސަދާއި މެދު ހިތުގައި އެތައް ސުވާލެއް އުފެދެން ފެށިއެވެ. ކަރުނަ އަޅައި ރޮމުން ދިޔަ ޒުހުރާގެ ރުއިން ކުށްލިއަކަށް ހުއްޓުނެވެ. ރޭގައި ހިނގާދިޔަ ހާދިސާތައް މަޑުމަޑުން ސިފަވާންފެށިއެވެ. ހަނދާންވާންފެށިއެވެ. ފަހަރަކު ކަމެކެވެ. ޒުހުރާ މޮޔައެއްހެން ތެޅި ފޮޅެއް ފެށިއެވެ. އަދި އެ ހުރިގޮތަށް ހުރެ ފާހާނާއަށްވަދެ ފެންވަރާ މާގަޑު ދޫކޮށް އޭގެ ދަށުގައި ހުރެގެން މުޅި ގައި ދޮންނަން ފެށިއެވެ. ޒުހުރާ އަޑުން އަޑު ނަގާފައި ރޯން ފެށިއެވެ. ރޭގައި ވީ ހުރިހާ ކަމެއް ހަނދާންވުމާއެކު، އަމިއްލަ ނަފްސާމެދު ރުޅިއާދެވެން ފެށިއެވެ. އެގޮތުގައި އިސްކުރު ދޫކޮށްގެން ހުރެވުނީ ކިހާއިރެއް ވަންދެން ކަމެއް ވެސް ޒުހުރާއަކަށް ނޭންގުނެވެ.

އޭނާއަށް ރެއަކާލީ ކޮޓަރި ދޮރުގައި ދާނިޝް ތަޅާ އަޑަށެވެ. އޭރު ދާނިޝް ދިޔައީ ޒުހުރާ ނިދާފައި އޮތް ކަމަށް ހީކޮށް ޒުހުރާއަށް ގޮވަމުންނެވެ. ޒުހުރާ އަވަސްކޮށްލައިގެން ފާހާނާއިން ނިކުމެ ހިކި އެއްޗިއްސައް ބަދަލުކޮށްލިއެވެ. އަދި އެއްވެސް ކަމެއް ނުވާކަމަށް ހަދައި ވަރަށް ހަމަޖެހިލައިގެން ހުރެ ކޮޓަރީގެ ދޮރު ހުޅުވިއެވެ. “ހާދަ ވަރަކަށް ގޮވައިފީމޭ!. އަހަރެން ހީކުރީ އަދިވެސް ނިދަނީ ކަމަށް. ފެންވަރައިގެންދޯ ތި ނިކުތީ؟.” ދާނިޝް ސުވާލުކުރިއެވެ. ޒުހުރާއަށް ހުރެވުނީ ދާނިޝްއާއި ދިމާލަށް ބަލަހައްޓައިގެންނެވެ. އެހެން ހުރެވުނީ އިރުކޮޅެއް ވަންދެންނެވެ. ޒުހުރާއަށް އަނެއްކާވެސް ރޮވުނެވެ. ޒުހުރާ ރޯން ފެށުމާއެކު ދާނިޝް ތެޅިގަތެވެ. “ނޫން. ދާނިޝް އަހަރެން ގައިގަ އަތްވެސް ނުލާތި!.” ޒުހުރާ، ދާނިޝް ކޮއްޕާލިއެވެ.

ޒުހުރާ ރޮމުން ރޮމުން ހުރިހާ ވާހަކައެއް ކިޔައިދޭން ފެށިއެވެ. އޭރު ދާނިޝް ހުރީ ޒުހުރާ ކިޔާނެ އެއްޗެއް ކިޔައި ނިމެންދެން މަޑުކޮށްގެންނެވެ. “އަހަރެން ދާނީޝް ކައިރީ އަހާލަން ބޭނުމީ ހަމަ އެންމެ ސުވާލެއް؟. ދާނިޝް އަހަރެން ދެކެ ލޯބިވޭތަ؟.” ހިތްދަތިވެފައިވާ ޒުހުރާއަށް ހަމައެކަނި އަހާލެވުނީ އެހެންނެވެ. “ހިހިހިހި…ޒުހޫ! ޒުހޫ! ޒުހޫ!. ތީ އަޅެ ހާދަ މޮޔަކުއްޖެކޭ!. އަހަރެން ދުވަހަކުވެސް ބުނިންތަ އަހަރެންނަށް އިތުބާރުކޮށްފަ މިތަނަށް އަންނާށޭ؟ އަހަރެން ހަމަ އަންނާށޭ ބުނާއިރަށް އައީ ކާކުތަ؟.” ދާނިޝް ނުލަފާ ގޮތަކަށް ހޭން ފެށިއެވެ. “ދާނިޝް!. އަދިވެސް ކަންތައް ކުރެވުނު ގޮތް މާ ރަނގަޅީތަ؟. އަހަރެން ކިޔަވަން އައި ކޯސް ފެށުނުތާ ދެމަސްވެއްޖެ. އެކަން އެނގިހުރެ އަހަރެން މިތަނަށް ގެނައީ. ނުވިތާކަށް. ނުވި…ނުވިތާކަށް ނުވެސް ދަންނަ މީހެއް…. އަހަރެން ރޭޕްކުރީއެއް ނޫންތަ؟.” ޒުހުރާ ރޮމުން ރޮމުން ބިންމައްޗަށް ތިރިވިއެވެ.

އޭރުވެސް ދާނިޝް ހަމަ ހުރި ފިޔަވަޅުމަތީ ހަމަޖެހިލައިގެން ހުއްޓެވެ. ހީވީ ޒުހުރާއަށް މަލާމާތްކުރާ ހެންނެވެ. “ދާނީޝް މިތަނުގައި ހުންނަންޏާ ހުރޭ. އަހަރެން ކަލޭ ކައިރި ހިނދުކޮޅަކުވެސް ހުންނާކަށް ބޭނުމެއް ނޫން.” ޒުހުރާ އަތުގެ ނުފުށުން ކަރުނަތަށް ފޮހެމުން ބިންމަތިން ތެދުވިއެވެ. އެވަގުތު ދާނިޝްގެ ހުނުން އިތުރަށް ގަދަވިއެވެ. އެވަގުތު އެތަނަށް އައީ އަތީކް އެވެ. އަތީކްވެސް ލާނެއް ގޮތަކަށް ހެމުން އޭނާގެ ފޯނު ނެގިއެވެ. އޭނާގެ ފޯނުން ޒުހުރާއަށް ދެއްކި މަންޒަރުތަކުން ޒުހުރާ ހިތް ނުހުއްޓުނީ ކިރިޔާއެވެ. ޒުހުރާގެ ވަށައި މުޅި ދުނިޔެ އެނބުރެން ފެށިއެވެ. އަތަކަށް ގުޑާލަންވެސް ނޭންގިފައި ޒުހުރާއަށް ހުރެވުނީ އަތީކްގެ ފޯނުގެ ސްކްރީންއާއި ދިމާލަށް ބަލަހައްޓައިގެންނެވެ. ދުނިޔޭގެ ކެހިވެރިކަމުގެ ހިތި މިފަހަރު ޒުހުރާއަށް ހަމަ ރަނގަޅަށްވެސް ފެނިއްޖެއެވެ.

ލިންކް: މިވާހަކައިގެ ހުރިހާ އެޕިސޯޑެއް ކިޔާލާ!

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ