މިދިޔަ އަހަރު އޯލެވެލް އިމްތިހާން ހެދި ދަރިވަރުންގެ ސެޓްފިކެޓްތައް ސްކޫލުތަކަށް ފޮނުވަން ފަށައިފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނީ، އޯލެވެލް އިމްތިހާން ހެދި ދަރިވަރުންގެ ސެޓްފިކެޓްތައް މިހާރު ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންސްއަށް ލިބިފައިވާ ކަމަށެވެ.
އޯލެވެލް އަދި އޭލެވެލް އިމްތިހާންގެ ސެޓްފިކްޓްތަކަކީ ޔުނިވާސިޓީން ޕްރިންޓްކޮށް ސީލް ޖަހައިގެން ފޮނުވާ ލިޔުންތަކެއް ކަމަށާއި އަދި އެ ސެޓްފިކެޓްތައް ޕްރިންޓްކުރަނީ ރީޗެކް މަރުހަލާތައް ނިމި ނަތީޖާ ކަށަވަރުކުރުވުމުން ކަމަށާއި، ނަމަވެސް އެ މަރުހަލާ ނިމުނުއިރު ކޮވިޑް-19 އާ ގުޅިގެން އިނގިރޭސިވިލާތާއި އެހެނިހެން ގައުމުތަކުގެ އެއާޕޯޓްތައް ބަންދުކޮށްފައިވާތީ ސެޓްފިކެޓްތައް ލިބުން ވަނީ ލަސްވެފަ ކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.
އިމްތިހާންގެ ނަތީޖާގެ ސެޓްފިކެޓް ނުލިބޭތީއާއެކު، ކުރިން ދޫކޮށްފައިވާ ނަތީޖާ ހިމެނޭ ޓްރާންސްކްރިޕްޓް، މަތީ ތައުލީމުގެ ފުރުސަތުތަކަށް ބޭނުންކުރަން އެޑިއުކޭޝަން މިނިސްޓްރީން އިލްތިމާސްކުރި އެވެ.