ވިސާގެ މައްސަލައިގައި ލަންކާއިން ފަސް ދިވެހީން ހައްޔަރުކޮށްފިއެވެ.
މި ފަސް މީހުން ހައްޔަރު ކުރީ ކޮން އިރަކުކަން ސާފުވެފައެއް ނުވެއެވެ. ފޮރިން މިނިސްޓްރީގެ ޑިރެކްޓަރ އޮފް ކޮމިއުނިކޭޝަންސް މިއުވާން މުހައްމަދު ރާއްޖޭގެ އޮންލައިން ނޫހަކަށް މައުލޫމާތު ދެމުން ވިދާޅުވީ، ވިސާގެ މައްސަލައެއްގައި ލަންކާއިން ފަސް ދިވެހިން ހައްޔަރުކޮށްފައިވާ ކަމުގެ މައުލޫމާތު އެގައުމުގައި ހުންނަ ދިވެހި ހައިކޮމިޝަނަށް މައުލޫމަތު ލިބުނީ ބުރާސްފަތި ދުވަހު ކަމަށެވެ.
މިއުވާން ވިދާޅުވީ، އެ ފަސް ދިވެހިންނަކީވެސް އެއް އާއިލާއަކަށް ނިސްބަތްވާ ފަސް މީހުން ކަމަށެވެ. މިކަމާ ގުޅޭ މާ ބޮޑު ތަފްސީލެއް އަދި ނުލިބޭ ކަމަށްވެސް މިއުވާން ވިދާޅުވިއެވެ.
ލަންކާގައި 15،000 ވުރެ ގިނަ ދިވެހިން ދިރިއުޅެމުން ގެންދެއެވެ.