ރައީސް ޔާމީންވެސް ޖަލުގައި ބައިންދަވަން ޖެހޭ ވަގުތެއްވެސް ނޫންކަމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.
އަވަސްގެ “ފަށަމާ” ގައި ވާހަކަ ދައްކަވަމުން ރައީސް ޑރ، ވަހީދު ވިދާޅުވީ “ރައީސް ޔާމީންވެސް ޖަލުގައި ބައިންދަވަން ޖެހޭ ވަގުތެއްވެސް ނޫން މިއީ، އެއީ އެމަނިކުފާނަކީ ވަރަށް ރިސޯފުލް ބޭފުޅެއް، ވަރަށް ގިނަ ކަންކަން ރާއްޖޭގައި ކުރައްވާފައިވާ ބޭފުޅެއް. އެހެންވީމަ މިދަނޑިވަޅަކީ އެބޭފުޅާ [ރައީސް ޔާމީން] ވެސް ނެރެގެން އަޅުގަނޑުމެންވެސް ނެރެގެން ހުރިހާ އެންމެން އެކައްޗަކަށް ވެގެން ގައުމު ސަލާމަތް ކުރަންވީ ވަގުތު،” ކަމަށެވެ.
ރައީސް ޑރ. ވަހީދު ވިދާޅުވީ ރާއްޖެ ކޮވިޑްް19 އާއި ގުޅިގެން އޮތީ ނުރައްކާތެރި ހާލަތަކަށް ގޮސްފައި ކަމަށާއި މާލީ ގޮތުން ރާއްޖެ ވެސް ސަރުކާރު ވެސް އޮތީ ވަރަށް ހާލުގައި ކަމަށެވެ.
ގިނަ ދުވަސްތަކެއް ފަހުން މީޑިއާއަށް ރައީސް ވަހީދު ދެއްވި މިއިންޓަވިއުގައި މަޖިލީހަށާއި ސަރުކާރަށް ވަނީ ފާޑު ވިދާޅުވެފައެވެ. އެގޮތުން ޑރ. ވަހީދު ވިދާޅުވީ “މިހާރު ވަހީދު ހިނގާލަންދިޔައީމަ އެއީ މާބޮޑު ކަމަކަށްވެގެން، މުޅި ރައްޔިތުންގެ މަޖިލީސް ދެ ދުވަސް ވަންދެން މޮބްލައިޒްވެފައި އޮވެގެން ނުވާނެ. އެއަށްވުރެ މާ މުހިންމު ކަންކަން ރާއްޖޭގައި އެބަހުރި.”ކަމަށެވެ.